Support Us

މަރަޑޯނާ އަތުން ގޯލު ޖެހި ބޯޅަ ނީލަމުގައި 10 މިލިއަން ޑޮލަރަށް؟

ވޯލްޑް ކަޕް 1986 ގެ ކުއާޓަ ފައިނަލްގައި އިންގްލެންޑްގެ ގޯލަށް އާޖަންޓީނާގެ މަރަޑޯނާ އަތުން ވައްދައިލި ބޯޅަ ނީލަމަށް ލައިފިއެވެ.

ރެފްރީއަށް އެ މަންޒަރު ނުފެނުމުން ގޯލެއް ކަމަށް ނިންމި އެ "ހޭންޑް އޮފް ގޯޑް" ގޯލު ކަމަށް މަރަޑޯނާ ސިފަކުރި ގޯލު އޭނާ ޖެހި ބޯޅަ އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ހެރިޓެޖް އޯކްޝަންސްގައި 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ)އަށް ވިކިދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. ބިޑު ހުޅުވައިލަނީ 2.5 މިލިއަން ޑޮލަރު (38.62 މިލިއަން ރުފިޔާ)އިންނެވެ. ނީލަން އޮންނާނީ މި މަހު 21 އިން 23 އަށެވެ.

އެ މެޗު ނިމުނީ 2-1 އިން އާޖަންޓީނާ މޮޅުވެގެންނެވެ. ދެވަނަ ލަނޑު ޖެހީވެސް މަރަޑޯނާއެވެ. އިންގްލެންޑްގެ ފަސް ކުޅުންތެރިން ކަޓުވައިލައިފައި ޖެހި ދެވަނަ ލަނޑު މަޝްހޫރުވެގެންދިޔައީ "ގޯލް އޮފް ދަ ސެންޗަރީ" ނުވަތަ "ގަރުނުގެ ގޯލު"ގެ ނަމުންނެވެ. އެ ވޯލްޑް ކަޕް ކާމިޔާބުކުރީވެސް އާޖަންޓީނާއެވެ.

"އަހަރެންނަށް ހީވަނީ ފުޓުބޯޅައިގެ ދާއިރާގައި މިއީ އެންމެ ތާރީހީ ބޯޅަހެން. ދެ ގޯލަކީވެސް މަޝްހޫރު، އަދި ހަނދާނުން ފިލައިގެންނުދާވަރުގެ ދެ ގޯލު،" ހެރިޓެޖް އޯކްޝަންސްގެ ކުޅިވަރާ ބެހޭ ބައިގެ ނައިބު ރައީސް ޑޭން އިމްލާ ބުންޏެވެ.

އުމުރުން 60 އަހަރުގައި 2020 ގައި މަރުވި މަރަޑޯނާ އެ މެޗުގައި ލީ ޖާޒީއަކީވެސް މިހާތަނަށް އެންމެ އަގުބޮޑު ޖާޒީއެވެ. ނީލަމުގައި އެ ޖާޒީ ވިކުނީ 9.3 މިލިއަން ޑޮލަރު (143.68 މިލިއަން ރުފިޔާ)އަށެވެ.

އެ މެޗުގެ ސަބަބުން ފުޓުބޯޅައިގެ ދާއިރާގައި އާޖަންޓީނާ އާއި އިންގްލެންޑާ ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދުނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި 2-1 އިން އިންގްލެންޑް ބަލިކުރުމަށްފަހު އާޖަންޓީނާގެ ކުޅުންތެރިން ދަނޑުމަތީގައި ދައްކައިލި "ފޯކްލެންޑްއަކީ އަހަރެމެންގެ ޖަޒީރާއެއް" ލިޔެފައިވާ ބެނާގެ ސަބަބުން ފުޓުބޯޅައިގެ ދުނިޔޭގައި އެ ކަން ވަނީ ބޮޑު މައްސަލައަކަށްވެފައެވެ.

އާޖަންޓީނާގެ އައްސޭރިފަށުގައި އޮންނަ ފޯކްލެންޑްއަކީ އަމިއްލަ ވެރިކަމެއްކުރާ، ނަމަވެސް އިނގިރޭސި ވިލާތަށް ކިޔަމަންވާ ޖަޒީރާއެކެވެ. އެ ގޮތުން 1982 ގައި އާޖަންޓީނާގެ އަސްކަރީ ވެރިކަމުން ފޯކްލެންޑް ހިފަން ކުރި ހަނގުރާމަ ނާކާމިޔާބުވެ، އެ ވެރިކަން ވެއްޓި، 2013 ގެ ރިފަރެންޑަމްއެއްގައި ފޯކްލެންޑް ރައްޔިތުން ނިންމީ އިނގިރޭސި ވިލާތުގެ ބައެއްގެ ގޮތުގައި ފޯކްލެންޑް ބޭއްވުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *