Support Us

އޭ.އައި ބޭނުންކޮށްގެން އުފެއްދި ގުދުރަތުގައި ނެތް ވައިރަހެއް

ގުދުރަތުގައި ނެތް ވައިރަސްތަކެއް އޭ.އައި ބޭނުންކޮށްގެން އީޖާދުކޮށްފި

ގުދުރަތުގައި ނެތް ވައިރަސްތަކެއް، މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން ސައިންސްވެރިން ފުރަތަމަ ފަހަރަށް އުފައްދައިފިއެވެ.

ސައިންސް ޖޯނަލްގައި އިއްޔެ ޝާއިއުކުރި ރިޕޯޓެއްގައި ބުނީ އީޖާދުކުރި 16 ވައިރަސްއިން، ބޭހަށް ނުގުޑާ އިންފެކްޝަނުން ބަލިމީހުން ސަލާމަތްކުރެވިދާނެ ކަމަށެވެ.

އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީ އާއި ބްރޯޑް އިންސްޓިޓިއުޓުން އޭ.އައި ބޭނުންކޮށްގެން އެތައް ހާސް ވައިރަސް ޖެނޯމް ޖެނެރޭޓްކުރިއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 300 ވައިރަސް ޖެނޯމް ސިންތެސައިޒްކުރިއެވެ.

"ސޯޅަ ވައިރަހަށް އީ. ކޮލި ޖަރާސީމު މަރައިލުމުގެ ގާބިލުކަން ލިބުނު. އެ ކަމުގައި ގުދުރަތީ ވައިރަސްތަކަށްވުރެވެސް ކުޅަދާނަ،" މަޖައްލާގައި ބުނެފައިވެއެވެ.

އީ. ކޮލިއަކީ އިންސާނުންނާއި ހައިވާނުންގެ ހަޖަމުގެ ނިޒާމު ހިންގައިދޭ ރަނގަޅު ޖަރާސީމު ކަމަށް ވިޔަސް އީ. ކޮލީގެ ބައެއް ސްޓްރެއިންތަކަކީ ނުރައްކާތެރި ސްޓްރެއިންތަކެކެވެ. އެ ސްޓްރެއިންތަކުން ނުރައްކާތެރި ވިހަ މާއްދާތައް އުފައްދައެވެ. އަދި އޭގެ ސަބަބުން ކާނާ ވިހަވެ، ބަނޑު އަކުނިވަޔަށްދަމައި، ބޭރަށްހިންގައި، ކުޑަކަމުދާ ހޮޅީގެ އިންފެކްޝަނާއި އެހެނިހެން ބަލިތައް ވެސް ޖެހެއެވެ.

ކެނެޑާގެ ޓޮރޮންޓޯ ޔުނިވާސިޓީގެ ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ސްޕެޝަލިސްޓް އައިޒެކް ބޯގޮކް ބުނީ އޭ.އައިން ފަރުމާކުރާ ވައިރަސްތަކުގެ ސަބަބުން ބަލިމީހުންނަށް ބޭނުންވާ ފަރުވާތައް އުފެއްދިދާނެ ކަމަށެވެ. ނަމަވެސް އޭނާ ބުނީ އެ ފަދަ ވައިރަސްތައް ޑިޒައިންކުރަންވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ.

"އޭ.އައި ބޭނުންކޮށްގެން ވައިރަސް އުފެއްދުމަކީ އަގުހުރި ކަމެއް އަދި ކަންބޮޑުވާ ކަމެއްވެސްމެ،" ސިންގަޕޫރުގެ ސިއްހީ ސަލާމަތާ ބެހޭ އޭޝިއާ ސެންޓަރުގެ ޑިރެކްޓަރު ޝޫ ލީ ޔޭންގް ބުންޏެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނީ އޭ.އައި ބޭނުންކޮށްގެން އުފައްދާ ވައިރަސްއަށް އިންސާނުންނަށާއި ހައިވާނުންނަށް އެއްވެސް ބާވަތެއްގެ އިންފެކްޝަނެއް ނުޖެއްސޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *