މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީ ހިމަނައިފައިވާ، އަންހެނެއްގެ ސިފައަށް ހަދައިފައިވާ ރޮބޮޓެއް، އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގެ ސްކޫލް ޑިސްޓްރިކްޓެއްގައި ބޭނުންކުރުން މަޑުޖައްސައިލައިފިއެވެ.
"ސެލީ"ގެ ނަން ދީފައިވާ މި ރޮބޮޓް (ފޮޓޯ)، ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކްލާހުގައި ބޭނުންކުރުން މަޑުޖައްސައިލީ ޓީޗަރުންނާއި ބެލެނިވެރިންނާއި އަދި ތައުލީމާ ބެހޭ އޮފިޝަލުން އެ ކަމާ ދެކޮޅުހެދުމުންނެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނީ މެޝިނެއްގެ ބަދަލުގައި ދަރިވަރުންނަށް ބޭނުންވާނީ އެ ކުދިންގެ އިހްސާސްތައް ދެނެގަނެވޭ އިންސާނުން އެ ކުދިންނަށް ކިޔަވައިދޭން ކަމަށެވެ.
ސަލަމަންކާ ސިޓީގެ ސެންޓްރަލް ސްކޫލް ޑިސްޓްރިކްޓުން، 60،000 ޑޮލަރު (925،200ރ.)ގެ އަގުހުރި މި ރޮބޮޓް ބޭނުންކުރަން ނިންމައިފައި އޮތީ ސައިންސާއި ޓެކްނޮލޮޖީ ފިލާވަޅުތައް ދަރިވަރުންނަށް ކިޔަވައިދޭށެވެ. އެއީ ޓީޗަރުން ވަޒީފާއިން ވަކިކުރުމުގެ ނިޔަތެއްގައެއް ނޫނެވެ.
މި ރޮބޮޓް ބޭނުންކުރަން ތާއީދުކުރާ ފަރާތްތަކުން ބުނީ ކުރިމަގުގެ ޓެކްނޮލޮޖީތައް ދަރިވަރުންނަށް މި ރޮބޮޓަށް ކިޔަވައިދެވިދާނެ ކަމަށެވެ.
"މިއީ އޭ.އައިއަށާއި އިންސާނުން ގޮތަށް ހަދައިފައިވާ ރޮބޮޓް ޓެކްނޮލޮޖީއަށް ތާރީހީ ވަގުތެއް،" މި ރޮބޮޓް އުފެއްދި ރިއަލްބޮޓިކްސް ކުންފުނީގެ ސީ.އީ.އޯ އެންޑްރޫ ކިގެލް ބުންޏެވެ.



advertisment