އަޅުގަނޑަށް ދަސްވެފައި އޮންނަ ގޮތުގައި، ދިވެހި ބަހުގައި "ސައްލާކުރުން" އާންމުކޮށް ބޭނުންކޮށް އުޅެނީ، ނުރަނގަޅު ކަމެއް ކުރާން ރާވާ ރޭވުމަށެވެ.
މިސާލަކަށް އެވަނި ކަމަކާ ދެ ވަގު ސައްލާކުރާން އެބަ ތިއްބޭ ބުނެފާނެއެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވި ކީރިތި ރަސޫލާގެ ސިޔަރަތުގައި ވެސް، ސައްލާކުރުމާއި މަޝްވަރާކުރުން ގެންނަވައިފައިވަނީ ތަފާތު ދެ ހާލަތެއްގައެވެ. އެ ގޮތުން ސަލާމާއި ޞަލަވާތްލެއްވި އިތުރު މާތް ނަބިއްޔާ އަވަހާރަކޮށްލާން، ދާރުއްނަދުވާގައި "ނަޖިދުކަލޭގެ" އިސްވެ އިނދެ ރޭވި ރޭވުމަށް، ދެއްވައިފައިވަނީ ސައްލާގެ ނަމެވެ. ނަމަވެސް ބަދުރުގެ ޣަނީމާއާއި، އަސީރުންނާ މެދު އަމަލުކުރާންވީ ގޮތަކާ މެދު، ޞަޙާބީންގެ ލަފާފުޅަށް އެއްސެވުމާއި، އެ ދެކެވުނު ވާހަކަފުޅުތަކަށް ބޭނުންކުރައްވައިފައިވަނީ، "މުޝާވިރު" (މަޝްވަރާ) އެވެ. ނަމަވެސް ދިވެހި ބަސް ފޮތުގައި އެ އަށްވުރެ ފުޅާކޮށް މި ލަފުޒުގެ މާނައެބަ އޮތެވެ. އެހެންކަމުން ފޮޓޯއިން އެ ފެންނަ ތިން ގުރާ އެ ދައްކާ ވާހަކައަށް، ތިޔަ ބޭފުޅުންގެ އިޒުނަފުޅާއެކު "ސައްލާ" މި ލަފުޒު އަޅުގަނޑު ވެސް މި ފަހަރު ބޭނުންކޮށްލާނަމެވެ.
މި ލިޔުމުގައި ބަލައިލާނީ ދިވެހި ބަހުގައި އަނެކުންނަށް ކަމޭ ހިތައިގެން، މާތް ބަހުން ވާހަކަ ދައްކާ އިރު، ބޭނުންކުރާ "ވިދާޅުވުން" އަދި "ދެންނެވުން" މި ދެލަފުޒު ބޭނުންކުރާ ހަމައިގެ މައްޗަށެވެ. އެ ކަމުގައި ބައެއް ފަރާތްތަކަށް އަރާ އޮޅުން ނިއުޅައި ސާފުކޮށްލަދެވޭތޯ ހިންމަތްކުރާނަމެވެ. އެ ކަމަށް ޓަކައި މި ހުށަހަޅައިލަނީ ތިންގުރާ ސައްލާއެވެ.
މި ތިން ގުރަޔަކީ މާލޭގެ ތަފާތު ދެ ގެއެއްގައި ގެންގުޅޭ ތިން ގުރައެވެ. އަނދުން ކުލައިގައި އޭނދަ ގުރަޔަށް ކިޔަނީ ސިއްތިއެވެ. އެއީ ތަންކޮޅެއް އިސް ގުރައެކެވެ. އެ ކަމާނާ އުޅުއްވަނީ، ނިކަން ޝާހީ ގެޔެއްގައެވެ. ދެން އެ ތިބީ ނޫރާއާއި ޝޫރާއެވެ. މިއީ އާދައިގެ ގެޔެއްގައި އުޅޭ ދެ އެކުވެރީންނެވެ. ދުވަހަކީ ބަންދު ދުވަހެކެވެ. ޗުއްޓީ ދުވަހެކެވެ. ހަވީރު ބޭރަށް ނިކުމެލައި އުޅެނިކޮށް ތިން އެކުވެރީން ދިމާވީއެވެ.
ސިއްތި: ކިހިނެއް ހާލު؟
ނޫރާ: ރަނގަޅު. ސިއްތި ކިހިނެއްތޯ؟
ސިއްތި: ހަމަ ރަނގަޅު.
ޝޫރާ: ސިއްތި އަޅުގަނޑުމެންނަށް ވެއްޖެ ވަރަށް ބޮޑުކަމެއް ކޮށްދެއްވަން.
ސިއްތި: އަވަހަށް ބުނޭ! ކޮން ކަމެއް؟
ޝޫރާ: މިހާރު މި ވާގޮތަކީ އަޅުގަނޑުމެން މި ތަމްރީނުވަނީ އިވޭ އަޑުތަކެއް ލައްވަން. ރީތި ދިވެހިބަހެއް އަޅުގަނޑުމެންނަކަށް ނީވޭ. ރަނގަޅު ގަވާއިދެއް އަދަބެއް ސަދަބެއް ވަތްކެއްނުވޭ.
ނޫރާ: އޭ ތެދެއް އިނގޭތޯ ސިއްތި! ބައެއް ފަހަރަށް ލަދުން މަރުވާ ވަރުވޭ! އަމިއްލަ މީހާ އަމިއްލަޔަށް މާތްކޮށްފައި ގެޔަށް ބޭރުން ވަންނަ މެހުމާނަށް ވަރަށް ދަށްކޮށް ވެސް އެބަ ވާހަކަދެއްކޭ!
ސިއްތި: އެއީ ކީއްވެ؟ އެ ކިހިނެއް އެނގެނީ؟
ޝޫރާ: އޭނާ ކަކަކަކަ އަޅައިފައި ހީނގަތީމާ ދޯ ދައްތާ!
ނޫރާ: އާނ!
ސިއްތި: އެންމެ ރަނގަޅު ފުރަތަމަ މިއަދު ހިނގާ އެންމެ ބަހަކާ މެދު ވާހަކަ ދައްކަން.
ޝޫރާ: ރަނގަޅުވާނެ. އެއީ ކޮން ބަހެއްތޯ؟ އަތް ދަބަސްތޯ؟
ސިއްތި: ހެހެހެ. ނޫނޭ! އެއީ ދެންނެވުމާއި ވިދާޅުވުން.
ނޫރާ: ތިޔައީ އެއް ބަހެއް ނޫނެއްނުންތޯ؟ ދެބަހެއް ނޫންތޯ؟
ސިއްތި: ދެ ބަހަކަށް ވުމަކާ މެދަކު ދެބަހެއް ނުވަން. ހަމަ މުޅިން އެއްބަސް. އެކަމަކު އަސްލު ބުނަން! މި ވާ ގޮތް އެނގޭތަ؟ މީ ފާޑެއްގެ ކަމެއް. މިއީ ބައެއް ފަހަރަށް ފިރިހެނުން ބޯނިވާކުރާ ގޮތް ކަހަލަކަމެއް. ނަމާދަށް އަރާ ނަމަ ތާކިހާ. ދަތުރު ދާންވީމާ ތޮފި. މަހަށް ދާންވީމާ ކޯރި. ކުރަނީ އެއްކަމެއް. ބޯނިވާކުރުން.
ނޫރާ: ނުވިސްނުނު.
ސިއްތި: ދެންނެވުމާއި ވިދާޅުވުމަކީ ގާތްގަނޑަކަށް އެއްކަމަކަށް ބޭނުންކުރާ ތަފާތު ދެ ލަފުޒު. އެކި ހާލަތުގައި ތަފާތުވަނީ. އެއީ ބުނުން، ކިޔުން، އެހުން، މި ކަހަލަ ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާ އެންމެ މާތް ބަހުރުވައިގެ ދެ ލަފުޒު.
ޝޫރާ: ވިދާޅުވުމާއި ދެންނެވުން ތަފާތުވާ ހާލަތަކީ ކޮބައިތޯ؟
ސިއްތި: މި ގޮތަށް ހިތަށް ގެނޭ. ވާހަކަ ދައްކާ މީހާ އަބަދު ވެސް ދަންނަވާނީ. ވާހަކަ ދެކެވޭ މީހާ އަބަދުވެސް ވިދާޅުވާނީ.
ނޫރާ: މިސާލެއް ވިދާޅުވެދެއްވަބައްލަވާ!
ސިއްތި: މިސާލަކަށް ނޫރާއާއި ޝޫރާއާ ދެ މީހުންނަށް ވިސްނަމާ! ދެ މީހުން މާތް ބަހުން ވާހަކަ ދައްކަނީޔޯ! ނޫރާ ބުނަން ބޭނުން ވެދާނެ "އަހަރެން ވާހަކައެއް ބުނަން ބޭނުމޭ" އެ ހާލަތުގައި ތިޔައީ "ވާހަކަދައްކާ" އެހެންވީމާ ބުނާނީ "އަޅުގަނޑު ވާހަކައެއް ދަންނަވަން ބޭނުމޭ، އެއީ ރޭގައި ޝޫރާ ވިދާޅުވި ވާހަކައަކާ ގުޅިގެންނޭ"
ޝޫރާ: އެ ކިހިނެއްތޯ ކުއްލިޔަކަށް އަޅުގަނޑު (ޝޫރާ) ވިދާޅުވާ ގޮތެއް އެވީ؟
ސިއްތި: އެއީޔޭ މި ބުނި ހަމައަކީ. އޭރު ޝޫރާއަކީ ވާހަކަދެކެވޭ ފަރާތް. ވާހަކަ ދައްކާ ފަރާތުން އަބަދުވެސް އޭނާއަމިއްލަ ނަފުސަށް ނިސްބަތްކުރާނީ ދެންނެވުން. އަނެކާއަށް ނިސްބަތްކުރާނީ ވިދާޅުވުން. އެހެންވީމާ އެހާލަތުގައި ޝޫރާއަށް ބުނެވޭނެ އާނ! ވިދާޅުވާށޭ! އޭރުން ފަހުން ދެން ކަންކުރައްވަންވީ ގޮތެއް ދަންނަވާނަމޭ.
ނޫރާ: ތިޔަށްވުރެ ފަސޭހަ ގޮތެއް ނެތްތޯ؟
ސިއްތި: ދެންމެ މި ކިޔާދިން ގޮތަކީ ތިމާ ވާހަކަ ދައްކާ ނަމަ އެ މުޚާޠަބުކުރެވޭ ފަރާތަށް އަބަދުވެސް ދަންނަވާނީއޭ. އެ ފަރާތުން ވިދާޅުވާނީއޭ. ހަމަ އެހެން، އެ ފަރާތުން ތިބާއާ ވާހަކަ ދައްކާ ނަމަ އެ ފަރާތުން ވެސް ދަންނަވާނީއޭ. އެ ހާލަތުގައި އޭނާގެ ނިސްބަތުގައި ތިޔައީ ވިދާޅުވާ ފަރާތޭ. އޭގެ މާނައަކީ އަޅުގަނޑު ދަންނަވާނީއޭ. ތިޔަ ބޭފުޅާ ވިދާޅުވާނީއޭ. ހަނދާނުގައި ހަރުލައްވާން ފަސޭހަ ދެވަނަ ގޮތަކީ ތިރިންމައްޗަށް އަބަދުވެސް ދަންނަވާނީ. މަތިން ތިރިޔަށް އަބަދުވެސް ވިދާޅުވާނީ.
ޝޫރާ: ކޮބާތޯ ތިރިޔަކީ؟ ކޮބާ މައްޗަކީ؟ އަނެއްކާ އަތިރިމަތި ތޯ؟
ސިއްތި: ތިރިޔަކީ ކޮންމެ ވަގުތަކު ވެސް އޭރަކު ވާހަކަދައްކާ ފަރާތް. އެއީ އިޙްތިރާމު ކުރާ ފަރާތް. މައްޗަކީ އަޑު އަހަން ހުންނަ ފަރާތް. އެއީ އިޙްތިރާމު ކުރެވޭ ފަރާތް. ދެ ފަރާތުން ވެސް އެކަކު އަނެކަކަށް އިޙްތިރާމުކޮށް މާތްބަހުން ވާހަކަ ދައްކާ ހާލަތުގައި މި ގޮތް ބޭނުން ކުރެވިދާނެ.
ނޫރާ: އެހެންވީމާ މިއަދުގެ ފިލާވަޅު ނިމުނީ ދޮގެއް ތޯ؟
ސިއްތި: މި ދެއްކި ވާހަކަ ރަނގަޅަށް ސާފުވެއްޖެއްޔާ އަދި އެބަ އޮތް ދެ ވާހަކައެއް ބުނެލަން.
ނޫރާ: އެހެންތޯ؟
ސިއްތި: އަދި އުޅޭނެ ވާހަކަ ދެކެވުނު މީހާ. އެއީ މާތްކޮށް ވާހަކަދެކެވުނު މީހެއް ނަމަ، އޭނާގެ ވާހަކަ ވެސް ބުނަން ޖެހޭނީ މާތްކޮށް.
ޝޫރާ: އެއީ އަނެއްކާ ކޮންތާކު އުޅުއްވާ ބޭފުޅެއްތޯ؟
ސިއްތި: ފާހަގަ ނުކުރެވޭތަ؟ ބައެއް މީހުން އޮފީހުގައި އޮންނަ ބައްދަލުވުމުގައި، ވެރިޔާ އަރިހުގައި ވަރަށް މާތްކޮށް ވާހަކަދައްކާނެ. ބައްދަލުވުމުގައި ވިދާޅުވާން ދަންނަވާން ކިޔާނެ. ބައްދަލުވުން ނިމިގެން ސަޔަށް ގޮސްފައި ދެން ފަށައިގަންނާނީ ވެރިޔާ އެހެން ބުންޏަކަސް މިހެން ބުންޏަކަސްއޭ ކިޔައިފާ.
ޝޫރާ: އޯ… އެހެން ތޯ؟
ސިއްތި: އާނ! ހާޒިރުގައި ކުރި އިޙްތިރާމެއް، ޣައިރު ހާޒިރުގައި ވެސް ކުރުން އަދަބުވެރި ގޮތަކީ…
ނޫރާ: ވިސްނިއްޖެ އިނގޭތޯ! ދެންނެވުން ބޭނުންކުރާ އަނެއް ގޮތަކީ ކޮބާ؟
ސިއްތި: އެއީ ވަރަށް ތަފާތު ހާލަތެއް. އެއީ މިސާލަކަށް މީހަކު ވަރަށް ބަލިވެގެން ހޮސްޕިޓަލުގައި ބޭއްވީ. ދެން އޭނާގެ ހާލު ބަލައިލާން ޒިޔާރާތްކުރުމަށް ދިވެހީން ކިޔާ ނަމެއް އޮންނާނެ. އެއީ "ގޮވާލާންދިޔުން"
ޝޫރާ: އެހެންވީމާ އެ ކަމަށް ކިޔަނީ ކީކޭތޯ؟ ވިދާޅުވާން ދިޔުންތޯ؟
ނޫރާ: ހެހެހެ. އޭރުން އަމިއްލަ ނަފުސަށް މާތްވާނެ ދޯ ސިއްތި! އާނ! އެއްވެސް ފަހަރަކު ތިމާ އަމިއްލައަށް ތިމާ ވިދާޅުވިޔެކޭ ނުބުނާނެ އެހެން ނުންތޯ!
ސިއްތި: އާނ! އެ ހާލަތުގައި ކިޔާނީ "ދަންނަވާލަން ދިޔުން" މިސާލަކަށް ތި ގެޔަށް ޒިޔާރަތްކުރައްވާ ބޭފުޅެއް. ކުދީންނަށް ޓިއުޝަން ދެއްވަން ވަޑައިގަންނަވާ އުސްތާޛެއް. ދިމާވި ކަމަކާ ގުޅިގެން ހޮސްޕިޓަލުގައި ބާއްވާން ޖެހުނީ. ދެން ގޮސްފައި ދަންނަވާނީ، އަޅުގަނޑު މިއައީ އުސްތާޛަށް ދަންނަވާލާށޭ. އޭރުން އެ ބުނެވުނީ އުސްތާޛަށް ގޮވާލާށޭ މިއައީ. މާނައަކީ ހާލުއަހުވާލު ބަލައިލާށޭ.
ޝޫރާ: އެނބުރި ގެޔަށް ގޮސް ޣައިރު ހާޒިރުގައި، އެހެން މިހަކު ގާތު އެ ވާހަކަ ބުނާނީ ކިހިނެއްތޯ؟
ނޫރާ: ސާބަސް! ތިމަންމަ މިއައީ އުސްތާޛަށް ދަންނަވާލަން ގޮސްފައޭނު ބުނާނީ ދޯ ސިއްތި!
ސިއްތި: މުޅިން ރަނގަޅު. އޭ! ހިނގާ ދަމާ! އެ އޮއް އިރު އޮއްސެނީ.
ނޫރާ: މި ކިލާހަށް އަގެއް ދޭން ޖެހޭތަ؟
ސިއްތި: މި ކިލާހުގެ އަގަކީ މި ވާހަކަ އަޑު އަހާލުން. އަދި މި ކިޔައިދިން ގޮތަށް ދިވެހި ބަހުގެ ރީތި އަދަބުތައް ބޭނުންކުރުން.
