ފުރާވަރު އުމުރުގެ ކުދިންނަށް ބައެއް ގައުމުތަކުން ސޯޝަލް މީޑިއާ މަނާކުރަމުންދާއިރާއި އަދި މަނާކުރަން ވިސްނަމުންދާއިރު އެއީ އެ ކުދިންނަށް ފައިދާކުރާނެ ކަމެއްތޯ ސައިންސްވެރިން ސުވާލު އުފައްދައިފިއެވެ.
ބްރިޓިޝް މެޑިކަލް ޖޯނަލް އާއި ފްރަންޓިއާސް އޮން ޑެވެލޮޕްމަންޓަލް ސައިކޮލޮޖީގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައާއި މި ދާއިރާގައި ރިސާޗްކޮށްފައިވާ ބައެއް ސައިންސްވެރިން ބުނީ ފުރާވަރު އުމުރުގެ ކުދިންގެ ނަފުސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް ކުރަން ޖެހޭނެ ކަމަކީ ސޯޝަލް މީޑިއާ މަންސަތައް ރައްކާތެރި އެއްޗެއްގެ ގޮތުގައި ހެދުން ކަމަށާއި ސްކޫލްތަކާއި ޒުވާނުންނަށް އިންވެސްޓް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ސައިންސްވެރިން ބުނީ ސޯޝަލް މީޑިއާ އެއްކޮށް މަނާކޮށްފިނަމަ، ރަނގަޅަށް މޮނިޓާ ނުކުރެވޭ ކަހަލަ އިންޓަނެޓްގެ ތަންތަނަށް ފުރާވަރު އުމުރުގެ ކުދިން ވަންނަން ފަށައިފައިނެ ކަމަށެވެ.
"ޒުވާނުންނަށް މިހާރު ކުރިމަތިވެފައިވާ ނަފުސާނީ ދުޅަހެޔޮކަމުގެ ކާރިސާގެ އަސްލަކީ ސޯޝަލް މީޑިއާކަން ދައްކައިދޭކަމުގެ ހެއްކެއް ނެތް،" ކެނެޑާގެ ނަފުސާނީ އިލްމްވެރިއެއް ކަމަށްވާ ކެންޑިސް އަޖާޒް ބުންޏެވެ.
ނަމަވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ އެއްކޮށް މަނާ ކުރުމަށް ނުވަތަ އެ މަންސަތަކަށް ވަނުމަށް ގިނަ ކޮންޓްރޯލްތަކެއް ގެންގުޅުން މުހިންމު ކަމަށް ދެކޭ ސައިންސްވެރިން ވެސް އުޅެއެވެ.
ނަފުސާނީ އިލްމްވެރިއެއްކަމަށްވާ އަދި "ދި އެންޝަސް ޖެނެރޭޝަން"ގެ ނަމުގައި ފޮތެއް ލިޔުނު ޖަނަތަން ހައިޓް ބުނީ ސްމާޓްފޯނާއި ސޯޝަލް މީޑިއާ މާގިނައިން ބޭނުންކުރުމުގެ ސަބަބުން ފުރާވަރު އުމުރުގެ ކުދިންނަށް ގެއްލުން ލިބެމުންދާ ކަމަށާއި މިހެންވެ ކޮންމެވެސް ހައްދުތަކެއް އެ ބޭނުންކުރުމަށް ގެންނަން ޖެހޭ ކަމަށެވެ.
"ހަގީގީ ދުނިޔޭގައި އަހަރެމެން ކުޑަކުދިން މާބޮޑަށް ރައްކާތެރިކުރި ނަމަވެސް އޮންލައިން ދުނިޔޭގައި އެންމެ އެކަށީގެންވާ ގޮތަށް އެ ކުދިން ރައްކާތެރިކޮށްދީފައެއް ނުވޭ،" ސޯޝަލް މީޑިއާއިން ކުޑަކުދިންނަށް ލިބޭ ނުރައްކާތަކުން އެ ކުދިން ސަލާމަތް ކުރުމަށް ސަރުކާރުތަކަށް ގޮވައިލަމުން އޭނާ ބުންޏެވެ.



advertisment