މި ފަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ފުރަތަމަ މެޗުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށް ކުޅުނުއިރު ކްރިސްޓިއާނޯ ރޮނާލްޑޯ ލީ ހާއްސަ ޖޯޒީއެކެވެ.
ރޮނާލްޑޯގެ އުމުރަކީ 41 އަހަރުކަމަށްވިޔަސް އޭނާވަނީ އުތުރު އެމެރިކާގައި ބާއްވާ މުބާރާތުގައި ރޮބަޓޯ މާޓިނެޒްގެ ޕޯޗުގަލްގެ 26 މީހުންގެ ސްކޮޑުގައި ހިމަނަފައިފައެވެ.
މި ރަބީއު މޫސުން ވެގެންދާނެކަމަށް ބެލެވެނީ ވޯލްޑް ކަޕް ޕޯޗުގަލަށް ހޯދައިދިން ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރު ނިންމައިލަން ރޮނާލްޑޯއަށް ލިބޭ ފަހު ފުރުސަތުކަމަށެވެ.
ބުދަ ދުވަހު މެންދުރުފަހު ކޮންގޯއާ ދެކޮޅަށް ރޮނާލްޑޯ ހިމެނީ ފުރަތަމަ 11 ގައެވެ. ނަމަވެސް ހިއުސްޓަން ސްޓޭޑިއަމްގައި އޭނާގެ ކުޅުން ދެއްކޭތޯ އުޅުނީ ބުރަ ހާލުގައެވެ.

ރޮނާލްޑޯ 90 މިނެޓް ކުޅުނެވެ. ނަމަވެސް އެފްރިކާ ބައްރުގެ ގައުމާ ދެކޮޅަށް 1-1 އިން އެއްވަރުވި މެޗުގައި ޕޯޗުގަލްގެ ސްކޯޝީޓަކަށް އޭނާއަކަށް ނޭރުނެވެ.
މިއީ ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕް ފެނިލުންކަމަށްވާތީ މިއީ މަދު ކުޅުންތެރިންނެއްގެ ރެކޯޑާ އޭނާ ފައިހަމަކުރި ފަހަރެވެ. އޭނާގެ ވޯލްޑް ކަޕް ކެރިއަރު ފެށީ 2006 ގައި ސެމީ-ފައިނަލާ ހިސާބަށް އޭނާގެ ގައުމު ގެންގޮސްދީގެނެވެ. އޭގެ ފަހުން އޭނާވަނީ 2010، 2014، 2018، 2022 އަދި މި ފަހަރު ވެސް ޕޯޗުގަލް ޓީމުގައި ދަނޑުމަތިން ފެނިފައެވެ.
ރޮނާލްޑޯގެ ކާމިޔާބީތައް ފާހަގަކުރަން "ލެގަސީ" ލިޔެފައިވާ ހާއްސަ ޕެޗެއް އޭނާގެ ވޯލްޑް ކަޕް ޖޯޒީގެ އަތުކުރީގައި ހަރުކޮށްފައިވެއެވެ.
ޕެޗް އިންނަނީ ވޯލްޑް ކަޕް ލޯގޯގެ ތިރީގައެވެ. "ލެގަސީ" އިންނަނީ ޕޯޗުގަލްގެ ދިދައާ ޖެހިގެންނެވެ.

މި ފަހަރުގެ މުބާރާތުގައި މި ހާއްސަ ޕެޗް ޖޯޒީގައި ޖަހައިގެން ކުޅުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ފަސް ނުވަތަ އެއަށްވުރެ ގިނަ ވޯލްޑް ކަޕް މުބާރާތުގައި ކުޅުނު ކުޅުންތެރިންނަށެވެ.
އަލްޖީރިއާއާ ދެކޮޅަށް އާޖަންޓީނާ ކުޅުނު މެޗުގައި އާޖަންޓީނާގެ ތަރި ލިއޮނެލް މެސީގެ ޖޯޒީގައި ވެސް މި ޕެޗް އިނެވެ. އޭނާ ވަނީ ރޮނާލްޑޯ ވެސް ކުޅުނު ހަ ވޯލްޑް ކަޕް މުބާރާތުގައި ކުޅެފައެވެ.
މީގެ އިތުރުން ޖަޕާނުން ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖަޕާންގެ ޔޫޓޯ ނަގަޓޮމޮ އާއި ޖަރުމަނީން ކިއުރަސައޮއާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނީގެ ކެޕްޓަން މެނުއަލް ނޮއިއާ މި ޕެޗް އެޅިއިރު ކްރޮއޭޝިއާއިން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ކްރޮއޭޝިއާގެ ތަރި ލޫކާ މޮޑްރިޗް ވެސް މި ޕެޗް އެޅިއެވެ.
ގޯލް ވެބްސައިޓުން ބުނީ ކޮންގޯއާ ދެކޮޅަށް ރޮނާލްޑޯ ދެއްކި ކުޅުމަށް ޓޯކްސްޕޯޓްގެ ކޮމެންޓޭޓަރު ޓޯނީ ކަސްކަރީނޯ ފާޑިކިއިކަމަށެވެ.

"އަހަރެން މި މަސައްކަތްކުރަނީ އަހަރެންނަށް ދެއްކޭނެ އެންމެ ހިތްހެޔޮކަން ދައްކަން، އެކަމަކު ރޮނާލްޑޯއަށް އަސްލު ވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު. އަދި ބަލާބެލުމަށް ފެންނަނީ އޭނާގެ ވަގުތު ހިނގައްޖެހެން. އޭނާގެ ދުވެލި މަޑު. ބޯޅަ ގެންގުޅޭނެހާ ވެސް އޭނާގެ ހަކަތައެއް ނެތް،" ކަސްކަރީނޯ ބުންޏެވެ.
އޭނާ ބުނީ ރޮނާލްޑޯ ޕޯޗުގަލް ޓީމަށް "އެއްވެސް އެއްޗެއް ނުދިން" ކަމަށާއި ޓީމުގައި ރޮނާލްޑޯ ބަހައްޓަން މާޓިނެޒް ނިންމުން ވެސް ގަބޫލުކުރަން ދަތިވިކަމަކަށްވިކަމަށެވެ. ކަސްކަރީނޯ ބުނީ އޭނާގެ ހިތަށްއަރަނީ މާޓިނެޒްގެ ވަޒީފާގެ ބަދަލުގައި ރޮނާލްޑޯއާ ރަހްމަތްތެރިކަން ބަހައްޓަން ބޭނުންވަނީތޯއެވެ. ރޮނާލްޑޯގެ ކޮޅަށް ހުންނަން މާޓިނެޒް ބޭނުންވަނީތޯއެވެ.
"ޓީމުން ކުޅުންތެރިން ބާލުވަން ޖެހޭ. ޓީމު ކުރިއެރުވުމަށާއި މޮޅުވުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ އެއީ ކަމަށްވަންޏާ މެނޭޖަރެއްގެ ހައިސިއްޔަތުން އެ ނިންމުން ނިންމަން ޖެހޭ. އަހަރެންނަށް އެނގޭ މި ދައުރަށްފަހު އޭނާ ދަނީކަން. ހީވަނީ އޭނާ ބުނާ ކަހަލަ 'އަހަރެންގެ އެކުވެރި ރޮނާލްޑޯއާއެކު އޮތް ރަހްމަތްތެރިކަން ދަމަހައްޓާނަން’،" ކަސްކަރީނޯ އިތުރަށް ބުންޏެވެ.
ފޮކްސްގައި ފްރާންސްގެ ތިއެރީ އޮންރީ ވެސް ރޮނާލްޑޯގެ "އަމިއްލަ އެދުން ބޮޑު ކުޅުމާ" ދެކޮޅަށް ފާޑުކިޔެވެ. އޭނާ ބުނީ ރޮނާލްޑޯ ކަންތައްކުރި ގޮތުން ކޮންގޯގެ ޑިފެންޑަރުންނަށް ފަސޭހަވިކަމަށެވެ.
"މުހިންމު އެއް ކަމަކީ ޓީމުން ބޭނުންވާނީ ގޯލު ޖަހަން. ވަކި މީހަކު ގޯލު ޖަހާކަށް ނޫން،" އޭނާ ބުންޏެވެ.
ރޮނާލްޑޯ އާއި ޕޯޗުގަލް ދެން ފެންނާނީ އަންނަ އަންގާރައިގައި އުޒްބަކިސްތާނާ ދެކޮޅަށް ކުޅޭ މެޗުގައެވެ.



advertisment