ރާއްޖޭގެ މިނިވަންކަން ގެއްލި އެހެން ދީންތަކަށް މި ރާއްޖެއިން ޖާގަ ލިބިގެން ހިނގައިދާނެތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވެވަޑައިގެންނަވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީއަށް އަލަށް ގުޅޭ ފަރާތްތަކަށް ސޮއިކުރުމަށް އިއްޔެ ބޭއްވި ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ އެކުވެރި އެއްބައިވަންތަ އެއްދީނަކަށް އުޅެމުން އަންނަ ބައެއް ކަމަށެވެ. އަދި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމަކީ ދިވެހިންނަކީ އެއްދީނަކަށް އުޅެމުން އަންނަ ބައެއް ކަމުގައިވީތީ އޮތް ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ނަމަވެސް މިރާއްޖޭގައި މިއޮތް އެއްބައިވަންތަކަން ގެއްލި، ބާތިލް ދީންތަކަކަށް ޖާގަ ލިބި، މިރާއްޖޭގައި ދީނީ ބައިބައިވުންތަކެއް އުފެދިގެން ހިނގާދޭނެތީ ރައީސް ޔާމީން ވަރަށް ބޮޑަށް ކަންބޮޑުވެވެވަޑައިގެންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެމަނިކުފާނުގެ ކަންބޮޑުވުމަކީ އަޅުގަނޑުމެންގެ ތެރޭގައި ނަސްލީ ތަޅާފޮޅުންތައް އުފެދޭ ޒަމާނެއް ދިވެހިރާއްޖެއަށް ކުރިމަތިވެގެން އަތުވެދާނެތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިގައުމާއި ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ޕީޕީއެމްޕީއެންސީ ކޯލިޝަނުން ކުރާނެ ކަމަށެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އިންޑިއާއާ އޮތް ގާތްގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލިގެން ހިނގައިދާނެ ކަމަށް އިދިކޮޅުން ތަކުރާރުކޮށް ގެންދަނީ ބުނަމުންނެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލަމުން ގެންދަނީ އިދިކޮޅު ކޯލިޝަނުންނެވެ.
މިރާއްޖެއަކީ މިހާރު އިންޑިއާގެ އަވަށެއް ކަމަށާއި ފޮރިން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހިންދީ ބަހުން ވާހަކަ ދައްކަވާފައިވާތީ އެކަމަށް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އެ ރަސްމިއްޔާތުގައި ޝާހިދު ހިންދީ ބަހުން ވާހަކަ ދައްކަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އޭގެން ވެސް ގައުމު މިއަދު އޮތް ހާލަތު ވަރަށް ރަނގަޅަށް ދޭހަވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.



advertisment