މާލެއަށް އުފަން އުމުރުން 79 އަހަރުގެ ހަދީޖާ އަބްދުއްރަހްމާން އިސްރަށްވެއްސެއްގެ އުމުރުގައި ޑިގްރީއެއް ހާސިލުކުރި ފުރަތަމަ ދިވެހި މީހާ ކަމަށްވުމުގެ ފަހަތުގައިވަނީ އިނގިރޭސި ބަހުން ބުނާނަމަ "ބިޓާސްވީޓް" ވާހަކައެކެވެ. އަދި އެ އުމުރުގައި ޑިގްރީއެއް ހާސިލުކުރި ފުރަތަމަ ދިވެހި އަންހެންމީހާ ކަމަށްވުމުގެ ވެސް އުފާވެރިކަމުގެ އެ އުސްމިނަށް އެރީ ހިތާމައިގެ ތެރެއިންނެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާގެ އުސޫލުތައް ކުރިން ހުރި ގޮތުން ވަކި މިންގަނޑުތަކަކުން ނޫނީ ސްކޫލަކަށް ނުވަދެވެއެވެ. އެހެންވެ ހަދީޖާގެ ޅަ އުމުރުގައި ކިޔެވުމުން ވަނީ މަހްރޫމުވެފައެވެ. އިލްމް އުނގެނެން ފުރުސަތެއް ނުލިބުނެވެ.
ނަމަވެސް މިހާރު ކަންތައްތައް ހުރި ގޮތުން ރާއްޖެއިން ތައުލީމު ހޯދުމަށް ކޮންމެ އުމުރުފުރައެއްގެ ދިވެއްސަކަށް ވެސް ފުރުސަތު ލިބިގެންވެއެވެ. މިހެންވެ ހަދީޖާ ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)އިން އަރަބި ބަހުން ޑިގްރީއެއް ނަގައިފައެވެ. ދަސްވެނިވުމަށްފަހު ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމްގެ އަތްޕުޅުން އޭނާއަށް ސެޓްފިކެޓް ލިބުނީ މިދިޔަ ހަފުތާގައެވެ.
ހަދީޖާގެ "ހިތާމައިން އުފަލަށް" އެރުމުގެ ވާހަކަ، ކުރީގައި ސްކޫލްތަކަށް ވަނުމަށް ފުރުސަތު ލިބޭ ހަނި އުސޫލުތަކުން އަދި ނިމުނީކީ ނޫނެވެ. އަށް ދަރިންނާއި 19 މާމަދަރިން ތިބި ހަދީޖާ ޑިގްރީ ނެގީ ދިރިއުޅުމުގެ ވަރަށް ހިތާމަވެރި މަރުހަލާއެއް ކަޑައްތުކުރަމުންނެވެ.

ޑިގްރީ ކޯހުގެ މަރުހަލާތަކުގައި ލެވެލް އެކެއް އަދި ދެއެއް އެއީ ކޮންމެ ލެވެލްއެއްގައި ހަ މަސް ހޭދަކުރާ ކޯހެކެވެ. ލެވެލް ތިނަކީ އެއް އަހަރު ކަމަށްވާއިރު ޑިޕޮލްމާއަކީ ވެސް އެއް އަހަރެވެ. އޭގެ ފަހުން ޑިގްރީއަކީ ތިން އަހަރެވެ. ހަދީޖާ މި ހުރިހާ މަރުހަލާއެއް ކަޑައްތު ކުރުމުގައި ޒާތީ ދިރިއުޅުމަށް ފުން ހިތާމައެއް ކުރިމަތިވީ ޑިޕްލޮމާ މަރުހަލާގައެވެ.
ހަދީޖާގެ ލޮބުވެތި ފިރިމީހާ، ހަނީސަކަލް އަބްދުއްރަޝީދު އަލީއަށް އާލާސްކަމެއް ދިމާވުމުން އޭނާއަށް އިންޑިއާގައި ފަރުވާކުރުމަށްޓަކައި ޑިޕްލޮމާގެ އެއް ސެމެސްޓާ ފަސްކޮށްލައިފައި ހަދީޖާ ވެސް އިންޑިއާއަށް ދިޔައެވެ. ފިރިމީހާ ނިޔާވީ އިންޑިއާގައެވެ. އެއީ މީގެ ތިން އަހަރު ކުރިންނެވެ.
"އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ފިރިމީހާ އަޅުގަނޑުގެ ގާތުގައި ބުނީ ކޯސް ދޫކޮށްނުލައްޗޭ، ކުރިއަށް ގެންދައްޗޭ، ފުރިހަމަ ކުރައްޗޭ،" "އަދިވެސް"އަށް ދިން ހާއްސަ އިންޓަވިޔުއެއްގައި ހަދީޖާ މިއަދު ކިޔައިދިނެވެ.
ހަދީޖާ ބުނީ މި ފަދަ ދަތި މަރުހަލާއެއްގައި ވެސް އޭނާއަށް ޑިގްރީ ހާސިލުކުރެވުނީ އާއިލާގެ އިތުރުން އެހެން ފަރާތްތަކުން ވެސް ދިން ހިތްވަރުގެ ސަބަބުންނެވެ. އެ ގޮތުން އޭނާ ޝުކުރު އަދާކުރަނީ އާއިލާގެ އިތުރުން އައި.ޔޫ.އެމްގެ ޑީން އާއި މެނޭޖްމަންޓާއި މުދައްރިސުންނާއި ކްލާސްކުދިންނާއި ރަހްމަތްތެރިންނަށެވެ. ކްލާސްކުދިން އޭނާއަށް ފިލާވަޅުތައް ދަސްކުރުމުގައި ވެސް ފުރިހަމައަށް އެހީތެރިވެދިނެވެ.
"އެހެންވެ ޑިގްރީ ނަގަން ވަރަށް ފަސޭހަވި،" އޭނާ ބުންޏެވެ.
ޚަދީޖާގެ ހިތްވަރާއި އަޒުމަށް އެންމެ ބޮޑަށް ތައުރީފު ކުރެއްވި އެއް ބޭފުޅަކީ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރެވެ.
"ޚަދީޖާ އަޅުގަނޑަށް ފާހަގަކުރެވެނީ ނުގުޑާފަދަ ޢަޒުމެއްގައި ޢިލްމު ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރި، އަންނަން އޮތް ޖީލުތަކަށްވެސް ނަމޫނާ ދަރިވަރެއްގެ ގޮތުގައި. ޢުމުރުން ނުހަނު ދޮށިވުމާއެކުވެސް މި ޔުނިވަރސިޓީން ޢަރަބި ބަހުގެ ސެޓްފިކެޓް ލެވެލްގެ މަރުހަލާތައް ނިންމައި، އެޑްވާންސްޑް ސެޓްފިކެޓް ނިންމައި، ޑިޕްލޮމާވެސް ނިންމައި އެންމެ ފަހުން ބެޗެލަރ ޑިގްރީ ނިންމާ ދަސްވެނިވީ. ޚަދީޖާއަކީ މިއަދު މި ޔުނިވަރސިޓީގެ ފަޚުރުވެރި ދަސްވެންޏެއް،" ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.
މި ފަދަ އުޖާލާ ތާރީހީ ކާމިޔާބެއް ލިބުނަސް ހަދީޖާ ކުރަން ބޭނުންނުވާ ކަމެއްވެއެވެ.
"އަޅުގަނޑު މާސްޓާސް ޑިގްރީ އާއި ޕީއެޗްޑީއެއް ނުހަދާނަން. ނަމަވެސް އަރަބި އިތުރަށް އުނގެނެވިދާނެ ކޯހަކުން ފުރުސަތު ލިބިއްޖިއްޔާ އެ ފަދަ ކޯހެއްގައި ބައިވެރިވާނަން،" 1947 ވަނަ އަހަރު އުފަންވި ހަދީޖާ ބުންޏެވެ.
އޭނާ ބުނީ އަރަބި ބަސް ދަސްކުރުމުގެ މަގުސަދަކީ ކީރިތި ގުރުއާން ކިޔަވާއިރު އާއި ނަމާދު ކުރާއިރު އާއި އަދި އެހެނިހެން އަޅުކަންތަކުގައި ވެސް އެ ކިޔަމުންދާ އެއްޗެތި ވަގުތުން ފަހުމްވުން ކަމަށެވެ. އެހެންވެ އޭނާ މިހާރު ވަރަށް އުފާވާ ކަމަށް ބުންޏެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ގާރީ ކޯހުގައި ވެސް ބައިވެރިވި ހަދީޖާގެ އަމާޒު މިހާރު ސީދާކޮށްފައިވަނީ ވަރަށް މާތް އެހެން ކަމަކަށެވެ: ކީރިތި ގުރުއާން ހިތުދަސްކުރުމެވެ. އެ ގޮތުން މިހާރު ވެސް ފަސް ފޮތް ހިތުދަސްކޮށްފައިވެއެވެ.
ހަދީޖާގެ އެހެން ޓެލެންޓްތަކަށް ބަލާއިރު އޭނާއަކީ "އެމްބްރޮއިޑަރީ" ނުވަތަ މާޖެހުމާއި ޖަރީ ކުރުމަށް ވެސް ކުޅަދާނަ ފަންނާނެކެވެ. އެ ގޮތުން، ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ ޓްރޭޑް މިނިސްޓްރީން ހިންގި ކޯހެއްގައި ބައިވެރިވެ، މެޝިނުން ބެޖް ހެދުމުގެ ޒަމާން އައުމުގެ ކުރިން އޭނާވަނީ، ސިފައިންނާއި ފުލުހުން ވަކިނުކުރާ، އެ މުއައްސަސާ ނެޝަނަލް ސެކިއުރިޓީ ސާވިސް (އެން.އެސް.އެސް)ގެ ގޮތުގައި އޮތް ޒަމާނުގައި، އާދައިގެ ފަހާފޮށިން، އޭނާ ބުނާ ގޮތުން ނަމަ، "ބޮލަށާއި އަތަށާއި ކަނދުރާ"އަށް ޕްރެޝަރުކުރި މަސައްކަތެއް ކަމަށްވާ ބެޖު ހަދައިދީފައެވެ.
އެމްބްރޮއިޑަރީ ރޮނގުން ބަލާއިރު ހަދީޖާ ވަނީ އެއް ފަހަރަކު އަތްތެރި މަސައްކަތުގެ މައުރަޒެއްގައި ބައިވެރިވެފައެވެ. އަދި މިހާރު ވެސް ހުސް ވަގުތު ގިނަ ކަމުން އެމްބްރޮއިޑަރީ ކުރިއަށްގެންދާ ކަމަށް އޭނާ ބުންޏެވެ.
ހަދީޖާގެ މެސެޖަކީ މިއެވެ: "އެއްވެސް މީހަކު އެ މީހެއްގެ އުމުރަށް ނުބަލައި، އެ މީހަކު ކުރާހިތްވާ ކަމެއް ހާސިލުކުރުމަށް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ މާތްﷲ އެ ނިއުމަތް އެ މީހަކަށް ދެއްވާނެ."



advertisment