Support Us

އާޝާ ބޯސްލޭ މަރުވުން- މުސްކުޅި ނުވި އަޑުގެ ވެރިއެއް

ގާތްގަނޑަކަށް 12،000 އަށްވުރެ ގިނަ ލަވަ 20 އަށްވުރެ ގިނަ ބަހަކުން ކިއި އިންޑިއާގެ މުސްކުޅި ނުވި އަޑުގެ ވެރިޔާ އާޝާ ބޯސްލޭ އުމުރުން 92 އަހަރުގައި މިއަދު މަރުވެއްޖެއެވެ.

ވަރުބަލިވުމާއި މޭގެ އިންފެކްޝަނެއްގައި މުމްބާއީގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ބްރީޗް ކޭންޑީ ހޮސްޕިޓަލަށް އިއްޔެ އެޑްމިޓްކުރި އާޝާ މަރުވީ ގިނަ ގުނަވަންތަކެއްގެ މަސައްކަތް ހުއްޓުމުންނެވެ.

އުމުރުން 10 އަހަރުގައި 1943 ގައި މަރާތީ ފިލްމަކަށް ފުރަތަމަ ލަވަ ކިއި އާޝާއަކީ ދުނިޔޭގެ މިއުޒިކްގެ ދާއިރާއަށް ބެއްޔަސް އޭނާގެ އަޑު އެތައް ގޮތަކުން ފާހަގަވެގެންދިޔަ އަޑެކެވެ. މަޖާކަމާއި ޖަޒުބާތީ ގޮތުން ބެއްޔަސް މެއެވެ.

މިއުޒިކީ އާއިލާއަކަށް 1933 ގައި އުފަންވި އާޝާގެ ދައްތަ ލަތާ މަންގޭޝްކަރުއަކީ ވެސް މިއުޒިކީ ލެޖެންޑްއެކެވެ. ނަމަވެސް ދެބެއިން މިއުޒިކީ ދާއިރާގައި ތަފާތު މަގަކުން ދިއުމުން އެކަކު އަނެކަކާ އަޅާބަލަން އުނދަގުލެވެ.

"ތަފާތު ގޮތްގޮތަށް ލަވަކިޔުމަށް އެހެން ހުރިހާ އެންމެންނަށްވުރެ އާޝާ ކުޅަދާނަ،" އާޝާއާމެދު ލަތާ ބުނެފައިވެއެވެ.

އާޝާއަކީ 1950 ގެ އަހަރުތަކުން ފެށިގެން އިންޑިއާގެ ފިލްމީ ލަވަތަކުގެ އުދަރެސް ބަދަލުކޮށްލި ލަވަކިޔުންތެރިއެކެވެ. ހުޅަނގުގެ ފަންނާނުންނާއެކު މަސައްކަތްކުރުމުގެ އިތުރުން ބޮލީވުޑްގެ މިއުޒިކް އުފެއްދުންތެރިޔާ އާރް.ޑީ ބަރްމަންއާއެކު މަސައްކަތްކުރަމުން ތަފާތު ބާވަތްތަކުގެ މިއުޒިކް ތަހުލީލުކުރިއެވެ. އެ ގޮތުން އިންޑިއާގެ ފިލްމީ ސިނާއަތް، ބޮލީވުޑްގެ މިއުޒިކް ތެރެއަށް ޖޭޒް އާއި ކެބަރޭ މިއުޒިކް ވެސް މަސްހުނިކޮށްލިއެވެ. ނަތީޖާއަކަށްވީ "ޕިޔަ ތޫ އަބް ތޮ އާޖާ" އާއި "ދަމް އައުރު ދަމް" ފަދަ ލަވަތައް އަދިއަދަށްދާންދެން ވެސް ބާ ނުވުމެވެ.

"އާޝާއަށް ކޮންމެ ފަދަ ލަވައެއް ވެސް ކިޔޭ. އެއީ އޭނާގެ ޖާދުލަކީ،" ފިލްމަށް އެމެރިކާގައި ދޭ އެންމެ ޝަރަފުވެރި އިނާމު، އޮސްކާ އެވޯޑު ހޯދައިފައިވާ އިންޑިއާގެ މިއުޒިކް އުފެއްދުންތެރިޔާ އޭ.އާރް ރަހްމާން އާޝާއާމެދު ބުނެފައިވެއެވެ.

އާޝާގެ އީޖާދީކަމަކީ އަބަދުވެސް އޭނާގެ މިއުޒިކް ބަދަލުކުރަމުން ގެންދިއުމެވެ. ކްލެސިކަލް ގަޒަލްއިން ފެށިގެން ޕޮޕް މިއުޒިކަށް ވެސް ދަތުރުކުރިއެވެ. މިއުޒިކް ޖޮންރޭ ބަދަލުކުރުމަކީ ޓްރެންޑަކަށްވުމުގެ ކުރިން އޭނާ ވަނީ އެ ޓްރެންޑް ގާއިމުކޮށްފައެވެ. އޭނާގެ އުމުރުގެ ފަހު ދުވަސްވަރުގައި ވެސް ފަނޑުވުމެއް ނެތް ޒުވާން އަޑުން ސާބިތުކޮށްދިނީ އުފެއްދުންތެރިކަމަކީ މުސްކުޅިވުމެއް ނެތް ކަމެއް ކަމެވެ.

"ހައްދެއް ވާ ކަމީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން،" އާޝާ ބުނެފައިވެއެވެ.

އާޝާއަށްވަނީ އިންޑިއާގެ ސަރުކާރުން ރައްޔިތުންނަށް ދޭ ދެވަނަ ދަރަޖައިގެ ޝަރަފުވެރި އިނާމު ކަމަށްވާ ޕަދްމާ ވިބޫޝަން އެވޯޑު ދީފައެވެ. އަދި އާޝާއަށްވަނީ އިންޑިއާގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި ދާދާސާހިބު ޕަލްކޭ އެވޯޑު ވެސް ލިބިފައެވެ. މީގެ އިތުރުން އިންޑިއާގެ ފިލްމީ މަޖައްލާ "ފިލްމްފެއާ"އިން ދޭ ޝަރަފުވެރި އިނާމު އެތައް ފަހަރަކު ލިބުނެވެ. އޭގެ ތެރޭގައި އޭނާގެ ހަޔާތުގެ ކާމިޔާބީތައް ފާހަގަކުރުމަށް އެ މަޖައްލާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ވެސް ދިނެވެ. މީގެ އިތުރުން އެމެރިކާގައި މިއުޒިކަށް ދޭ އެންމެ ޝަރަފުވެރި އިނާމު، ގްރެމީ އެވޯޑަށް ވެސް ދެ ފަހަރު ނޮމިނޭޓްވިއެވެ. މިއީ އިންޑިއާގެ ފިލްމްތަކަށް ލަވަކިޔާ ފަންނާނަކަށް ނާދިރު ކަމެކެވެ.

އަށް ދަހަރަށް ދެމިގެން ދިޔަ މިއުޒިކީ ހަޔާތުގެ ވެރިޔާ އާޝާއަކީ ދުނިޔޭގެ މިއުޒިކް ތާރީހުގައި އެންމެ ދިގު މިއުޒިކް ކެރިއަރެއް އޮތް އެކަކެވެ. އޭނާ ބެލެވެނީ ހަމައެކަނި ލަވަކިޔުންތެރިއެއްގެ ގޮތަކު ނޫނެވެ. އޭނާއަކީ ލަވައިގެ ޒަމާނެކެވެ. ލަވައިގެ މޫޑެކެވެ. އަދި އެއިރަކު ގާއިމުވެފައި އޮންނަ ކަމެއް ތަފާތުކޮށްލި މީހެކެވެ. އޭނާގެ އަޑު އަދިވެސް އެބަ ދެމިހުރެއެވެ. ވަގުތަކީ އޭނާގެ އަޑު ފަނޑު ނުކޮށްލާ އެއްޗެއް ކަހަލައެވެ.

"މިއުޒިކަކީ އުމުރެއް އޮތް އެއްޗެއް ނޫން. ތިބާއަށް އިހްސާސްކުރެވެނީ ތިބާއަކީ ޒުވާނެއް ކަމަށްވަންޏާ ތިބާ ލަވަކިޔާނީ ވެސް ޒުވާންކޮށް،" އާޝާ ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *