ފޯޅަވަހި ނުވަތަ ޗާގޯސް ހައްގުވަނީ މޮރިޝަސްއަށްވުރެ ބޮޑަށް ރާއްޖެއަށް ކަމަށް އިނގިރޭސި ވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި ކްލެކްޓަން ދާއިރާގެ ޕާލަމަންޓް މެންބަރު ނައިޖަލް ފަރާޝް ބުނެފިއެވެ.
ޔޫކޭގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ ކަމަށްވާ ހައުސް އޮފް ކޮމަންސްގައި ވާހަކަދައްކަމުން ނައިޖަލް އިއްޔެ ބުނީ ޗާގޯސްއާ ރާއްޖެއާ ތާރީހީ ގުޅުމެއް ވާ ކަމަށެވެ. އެ ގޮތުން ވިޔަފާރި އަދި އާކިއޮލޮޖީގެ ގުޅުންތަކެއް ވެސް ވާ ކަމަށެވެ.
"ފަރަންސޭސިން ޗާގޯސްއަށް އަލުން ނަން ދިނީ ވެސް ދިވެހި ބަހުގެ މައްޗަށް ބިނާކޮށްފައި. ތާރީހީ އަދި ސަގާފީ ގޮތުން ވެސް އަސާސެއް ނެތް މޮރިޝަސްއަކަށް ޗާގޯސްގެ މައްޗަކަށް އެއްގޮތަކަށް ވެސް ހައްގެއް އޮތް ކަމަކަށް،" އޭނާ ބުންޏެވެ.
ނައިޖަލް ބުނީ ބައިނަލްއަގުވާމީ އިންސާފާ ބެހޭ ކޯޓު ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ގައި ޗާގޯސް ހޯދަން ރާއްޖެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުށަހަޅާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
އޭނާ މި މޭރުމުން ވާހަކަދެއްކީ ޗާގޯސްގެ ސިޔާދަތު މޮރިޝަސްއާ ހަވާލުކުރަން ޔޫކޭ ސަރުކާރުން މޮރިޝަސްއާ ހަދައިފައިވާ މުއާހަދާއާ ދެކޮޅުހެދުމުގެ ގޮތުންނެވެ. އެ މުއާހަދާ ތަންފީޒުކުރާނީތޯ ޔޫކޭ ޕާލަމަންޓްގައި މިހާރު އޮތީ ބަހުސްކުރާ މަރުހަލާގައެވެ.
"އަހަރެން ސަރުކާރުގައި އެދެނީ އެ މުއާހަދާ ކުރިއަށް ނުގެންދަން،" އޭނާ ބުންޏެވެ.
އޭނާ ބުނީ ޗާގޯސް މޮރިޝަސްއާ ހަވާލުކޮށްފިނަމަ އިންޑިއާ ކަނޑުގައި އިންޑިއާ އާއި ޗައިނާގެ ވާދަވެރިކަން ބޮޑުވާނެ ކަމަށެވެ. އެ ވާދަވެރިކަން މިހާރު ވެސް ފެށިފައިވާ ކަމަށެވެ. ރާއްޖެއިން ކަންބޮޑުވާ ދެ ކަމުންކުރެ އެއް ކަމަކީ އެއީ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކަވަމުން ގޮސް އެންމެ ފަހުން ވިދާޅުވީ ޔޫކޭއިން ޗާގޯސް މޮރިޝަސްއާ ހަވާލުކުރުން އެންމެ ރަނގަޅު ކަމަށާއި ނަމަވެސް ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާގައި ޔޫކޭއާ ގުޅިގެން އެމެރިކާއިން އަސްކަރީ މަރުކަޒެއް ހިންގާތީ އެ ރަށް އަސްކަރީ ގޮތުން ރައްކާތެރިކުރައްވާނެ ކަމަށެވެ.
ހައުސް އޮފް ކޮމަންސްގެ 650 ގޮނޑީގެ ތެރެއިން ރިފޯމް ޕާޓީއަށް ލިބިފައިވަނީ އަށް ގޮނޑިއެވެ. އެއީ ދަށު ގޭގެ 1.23 ޕަސެންޓެވެ.
ނައިޖަލް މި ދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަސް ހޭދަކުރީ ރާއްޖޭގައެވެ. އެއީ 1967 އާއި 1973 އާ ދޭތެރޭ ޑިއެގޯ ގާސިއާގައި އެމެރިކާއާ ގުޅިގެން އަސްކަރީ މަރުކަޒު ހަދަން ޗާގޯސްގެ މުޅި އާބާދީ ކަމަށްވާ 10،000 މީހުން ޗާގޯސްއިން ގަދަކަމުން ބާލައި، ޔޫކޭ، މޮރިޝަސް އަދި ސޭޝެލްޒްގައި ވަޒަންވެރި ކުރުވުމުން އެ މީހުންނަށް ޗާގޯސްގައި ވަޒަންވެރިކަން ހޯދައިދޭންކުރި އިންސާނިއްޔަތުކަމުގެ މިޝަނެއްގައެވެ.
ހޮނިހިރު ދުވަހު ޕޯސްޓްކުރި ވީޑިއޯއެއްގައި ނައިޖަލް ބުނީ ޗާގޯސްއަށް ދިއުމަށް އިނގިރޭސި ސަރުކާރުން އޭނާއަށް ހުރަސްއެޅި ކަމަށާއި ޗާގޯސްއަށް ދާން އޮތް ބޯޓަކަށް އޭނާ އެރިޔަނުދިނުމަށް ދިވެހި ސަރުކާރަށް އިނގިރޭސި ސަރުކާރުން ޕްރެޝަރުކުރި ކަމަށެވެ. ޔޫކޭ ސަރުކާރުން ބުނީ ޗާގޯސްއަށް އެރުމަކީ މަނާކަމެއް ކަމަށާއި އެ ތަނަށް އެރުމަށް ހުއްދަ ބޭނުންވާނެ ކަމަށާއި ނައިޖަލް އަތުގައި އެ ހުއްދަ ނެތް ކަމަށެވެ.
ނައިޖަލް މިހާތަނަށް މޮރިޝަސްއަށް ދިޔަ ކަމެއް އެނގޭކަށް ނެތް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މޮރިޝަސްއަށް 1968 ގެ މާރިޗު ދޭއްގައި މިނިވަންކަން ދެމުން އިނގިރޭސި ވިލާތުން ވަނީ ޗާގޯސް މޮރިޝަސްއާ ވަކިކޮށްލައިފައެވެ. ނަމަވެސް އައި.ސީ.ޖޭއިން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިރުޝާދު ދީފައެވެ. އެއީ އދ.ގެ އާއްމު މަޖިލީހުގެ ގަރާރެއްގައި ވެސް އެ ގޮތަށް ބުނެފައިވާތީއެވެ.
ރާއްޖެއާ 310 މޭލު ދެކުނުގައި އޮންނަ ޗާގޯސްއާމެދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، އަދި ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނޭ ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މި މަހު ފަހެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ދިވެހިރާއްޖޭގެ ސިޔާދަތާ ގުޅިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، އެ ނިންމުމަށް ދިވެހިރާއްޖޭން އިޢުތިރާޒުކޮށް އެ ކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް، 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ދިވެހި ސަރުކާރުގެ ފަރާތުން، އިނގިރޭސި ސަރުކާރަށް ލިޔުމުން ހުށަހަޅުއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 15 ޑިސެންބަރު 2025 ގައި އިނގިރޭސިވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ، ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު ކުރިއަށްގެންދެވި ފޯން ކޯލެއްގައިވެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް ދަންނަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފޯޅަވަހި ސަރަހައްދުގެ އިޤްތިޞާދީ ބޭނުން ހިފުމުގައި މޮރިޝަސް އިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް، ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެ ކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަން ވެސް މޮރިޝަސް ސަރުކާރަށާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ނޭޗަރ ކޮންޒަވޭޝަން (އައި.ޔޫ.ސީ.އެން) އަށް ހިއްސާކުރައްވާފައިވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ITLOS) އިން ނިންމި ނިންމުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު އަނބުރާ ހޯދުމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހާރު ފައްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭރުގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ، އަނބުރާ ގެނައުމަށް ނިންމަވާފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމަވާފައިވާކަން އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ. އަދި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" ޤާއިމުކުރައްވައި، ނިމިދިޔަ ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައްސަލައިގައި ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެ ނިންމެވުންތައް ނިންމަވާފައިވާ ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނަމަ އެކަންކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެގޮތަކަށް ކަންކަން އެކަށައެޅުމަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި 2024 ގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ ގުޅުމާ ބެހޭ ގޮތުން އަލިއަޅުވައިލައިފައިވާ ސިޓީފުޅެއް އިނގިރޭސި ސަރުކާރަށް ފޮނުއްވިކަމަށެވެ. އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ފޯޅަވަހި ހަވާލުކުރުމާބެހޭ ވާހަކަތަކެއް އިވިވަޑައިގަތުމުން، އެ ޖަޒީރާއަކީ އަޅުގަނޑުމެންނާ ތާރީހީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ރަސްމީ ލިޔެކިޔުމުން އެކަންކަން ބަޔާންކޮށް، ދިވެހި ސަރުކާރުން މިހާރު އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި އަނބުރާ ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރޯމާ ދުވާލު، ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ޤާނޫނު އަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއްނެތި، އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށާއި އެކަން ކޮށްފައިވާގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅަކު އ.ދ.ގައި ބަހައްޓައިގެން އަދި ގާނޫނީ ވަކީލުންގެ ޓީމަކުން ވެސް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންގެންދާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ރާއްޖޭގެ ދެކުނުން 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި 45،331 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް މޮރިޝަސް އަށް ދޭގޮތަށް ކަނޑާ ބެހޭ ބައިނަލްއަގުވާމީ ކޯޓު، އިޓްލޮސް އިން 2023 ގެ ކުރީކޮޅު ނިންމުމުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ދިވެހީންގެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަހާލި ގޮތުންނެވެ. އިޓްލޮސް އިން އެގޮތަށް ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.



advertisment