ދުނިޔޭގައި އަދި އެމެރިކާގައި ވެސް މަގުބޫލު ޓައިމް މަޖައްލާއިން މި އަހަރަށް ހޮވި ދުނިޔޭގެ ސިއްހީ ދާއިރާގެ ނުފޫޒު ގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިމަނައިފިއެވެ.
ވަކި ތަރުތީބެއް ނުކުރާ ލިސްޓްގައި ރައީސް ހިމަނައިފައިވަނީ "އާއްމު ސިއްހަތަށް އިސްކަންދިނުމު"ގެ ރޮނގުން "ޓައިޓަންސް" ނުވަތަ "ވަރުގަދަ، ވިސްނުންތެރި އަދި މުހިންމު" މީހުންގެ ތެރޭގައެވެ. އެ ގޮތުން ޓައިޓަންސްގެ ގޮތުގައި އެ މަނިކުފާނާއި އިތުރު 13 މީހުން ހިމަނައިފައިވެއެވެ.
ރައީސްއާ ބެހޭ ގޮތުން ޓައިމްގެ ލިޔުންތެރިޔާ އަދި ނޫސްވެރިޔާ ޝާލަޓް ހޫ ލިޔެފައިވާ ތައާރަފުގައި ފުރަތަމައިން ވެސް ފާހަގަކޮށްފައިވަނީ މި ދިޔަ އަހަރުގެ ނޮވެމްބަރުގައި ދުންފަތުގެ އިސްތިއުމާލުކުރުން ޖީލުތަކަށް މަނާކުރުން ނުވަތަ "ޖެނެރޭޝަނަލް ބޭން"އެއް ތަންފީޒުކުރި ފުރަތަމަ ގައުމަށް ރާއްޖެ ހެއްދެވުމެވެ. އެ ގޮތުން ޖެނުއަރީ 2007 ގެ ފަހުން އުފަންވާ މީހުން ދުންފަތާ ގުޅޭ ތަކެތި ގަތުމާއި އެ މީހުންނަށް ދުންފަތާ ގުޅޭ ތަކެތި ވިއްކުން މަނާކުރެއްވިކަން ފާހަގަކޮށްފައިވެއެވެ.
މި ސިޔާސަތަކީ ރައީސްގެ އިސްނެންގެވުމެއް ކަމަށާއި މިއީ 2023 ގައި ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތުމާއެކު އާއްމު ސިއްހަތަށް އެ މަނިކުފާނު ދެއްވި ސަމާލުކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
މި އާ ގާނޫނަކީ 2024 ގައި ވޭޕް އާއި އިލެކްޓްރޯނިކް ނުވަތަ އީ-ސިނގިރެޓް އެތެރެކުރުމާއި ވިއްކުމާއި އިސްތިއުމާލުކުރުން މަނާކުރާ ގާނޫނަށް އިތުރުވި ގާނޫނެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިއީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތް ބޭނުންކުރުން ނައްތައިލުމަށް ރާވައިފައިވާ ޕްލޭންގެ ބައެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
"ގިނަ ފަހަރަށް ސަރުކާރުގެ ސިޔާސަތަކަށްވަނީ ސިއްހީ މައްސަލަތައް އުފެދުނަނުދިނުމުގެ ބަދަލުގައި ސިއްހީ މައްސަލަތައް ހައްލުކުރުމުގެ އަމަލީ މަސައްކަތް. އަހަރެމެން ދެ ކަމަށް ވެސް އެއް ހަމައެއްގައި ސަމާލުކަން ދެން،" ރައީސް ވިދާޅުވި ކަމަށް ޓައިމްގައިވެއެވެ.
ރައީސްގެ ސަރުކާރުން "އޯވަރީޗް" ނުވަތަ "މާ ދުރަށް ފޯރުކުރަން އުޅޭ" ސިޔާސަތުތައް ގެންގުޅޭ ކަމަށް ބައެއް ފަހަރަށް ތުހުމަތުކުރެވޭ ކަމަށާއި ނަމަވެސް ޖީލުތަކަށް ދުންފަތް މަނާކުރުމުގެ އިތުރުން ރާއްޖޭގެ ކޮންމެ ރަށެއްގައި ދުންފަތާ ދުރުވާން އެހީވެދޭ ހިލޭ ހިދުމަތް ދޭ ކްލިނިކްތައް ގާއިމުކޮށްފައިވާ ކަމަށް ޝާލަޓް ލިޔެފައިވެއެވެ. އަދި މި އަހަރު 24 ގަޑިއިރު ހިލޭ ހިދުމަތް ދޭ ނަފުސާނީ ސިއްހަތާ ބެހޭ ގުޅައިލެވޭނެ ހެލްޕްލައިނެއް ގާއިމުކޮށްފައިވާ ކަމަށް ވެސް ޝާލަޓް ފާހަގަކުރިއެވެ.
މީގެ އިތުރުން މި ދިޔަ އަހަރު 550،000 އެއްހާ ރައްޔިތުން ހިމެނޭ ރާއްޖެ ވަނީ އެޗް.އައި.ވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ މައިމީހާގެ ކިބައިން ދަރިފުޅަށް ނާރާ ގޮތް ހެދުނު ފުރަތަމަ ގައުމު ކަމަށްވެފައި ކަމަށް ޓައިމްއިން ފާހަގަކުރިއެވެ.
"މި ހުރިހާ ކަމެއް އެކުގައި ކުރަނީ މާނަވީ، ގުނާލެވޭ އަދި ދެމެހެއްޓެނިވި ބަދަލެއް އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި މުޅި ގައުމުގެ ސިއްހީ ދުޅަހެޔޮކަމަށް ގެނައުމަށް،" ރައީސް ވިދާޅުވި ކަމަށް ޓައިމްގައި ލިޔެފައިވެއެވެ.
ޓައިމްގެ މި އަހަރުގެ ގަދަ 100 މީހުންގެ ލިސްޓް އެކުލަވައިލައިފައިވަނީ އެ މަޖައްލާގެ އެޑިޓަރ-އިން-ޗީފް ސޭމް ޖެކޮބްސްގެ ބެލުމުގެ ދަށުންނެވެ.






advertisment