Support Us

އަޖައިބުކުރުވަނިވި ފަސް ޖަނަވާރެއްގެ ވާހަކަ

ކައުނުގެ ނިޒާމަކީ އޭގެ ޒާތުގައި ފުރިހަމަ އަދި ވަރުގަދަ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. ކޮންމެ ދިރުމެއްވެސް ދިރިހުރުމަށްޓަކައި ކާބޯތަކެތި ހޯދުމާއި، ދަރިމައިވުމާއި، ނުރައްކާތަކުން ރައްކާތެރިވުން ފަދަ އަސާސީ ކަންކަން ފުރިހަމަކުރަން ޖެހެއެވެ. މި ކަންކަން ހިނގަނީ ބުއްދި ގަބޫލުކުރާ ހަމަތަކާއި މިންގަނޑުތަކެއްގެ ތެރެއިންނެވެ. ނަމަވެސް، ބައެއް ނާދިރު ހާލަތްތަކުގައި މި ހަމަތަކުން ބޭރުވެ، ސައިންސްވެރިންނާއި އިންސާނުން ހައިރާންކޮށްލާ ފަދަ އާދަޔާ ހިލާފު ސިފަތަކެއް ލިބިފައިވާ މަހުލޫގުން ފެނެއެވެ. ތިރީގައި އެވަނީ އެފަދަ އަޖައިބުކުރުވަނިވި ފަސް ޖަނަވާރެއްގެ ވާހަކައެވެ.

1. ޓާޑިގްރޭޑް: ނައްތައިނުލެވޭ ފަދަ ވަރުގަދަ މަހުލޫގެއް

ޓާޑިގްރޭޑަކީ މައިކްރޮސްކޯޕެއްގެ އެހީގައި މެނުވީ ނުފެންނަހާ ކުޑަ ދިރުމެކެވެ. ދުނިޔޭގެ ކޮންމެ ހިސާބަކުން ނަގާ ފެންފޮދެއްގައިވެސް މި މަހުލޫގު އުޅުމަކީ އެކަށީގެންވާ ކަމެކެވެ. މީލާދީން 1773 ވަނަ އަހަރު ޖަރުމަނުގެ ޒޫލޮޖިސްޓެއް ކަމަށްވާ ޔޮހާން އޮގަސް އެފްރައިމް ގޮއިޒް އެންމެ ފުރަތަމަ ހޯދި މި ދިރުމަކީ، ދިރިހުރުމަށް ދިމާވާނެ އެންމެ ނުރައްކާތެރި ހާލަތްތަކުގައިވެސް ނެތިނުގޮސް ސަލާމަތްވުމުގެ ހައިރާންކުރުވަނިވި ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. "ވޯޓަރ ބެއާ" ނުވަތަ ފެން ސާރިދޯޅު ނަމުން މަޝްހޫރު މި މަހުލޫގަށް އިންތިހާ ހޫނާއި ގަދަ ފިނީގައިވެސް ކެތްކުރެވެއެވެ. ޖައްވުގެ ހުސްކަމާއި ވަރުގަދަ ރޭޑިއޭޝަނަށް މި ސޫތްޕަށް ކުރިމަތިކުރުވުންވެސް މަރެއް ނުވެއެވެ. ނުރައްކާތެރި ހާލަތެއް މެދުވެރިވުމުން "ކްރިޕްޓޯބަޔޯސިސް" ކިޔާ މަރުހަލާއެއްގެ އެހީގައި ހަށިގަނޑުގެ މެޓަބޮލިޒަމް މެދުކަނޑާލައިގެން މަރުނުވެ އޮތުމުގެ ކުޅަދާނަކަން މިއަށް ލިބިގެންވެއެވެ.

2. ބެސިލިސްކް ލިޒާޑް: ފެންމަތީގައި ދުވާ ބޮނޑު

ފެންމަތީގައި ހިނގުމަކީ އާންމު އުސޫލުން ބަލާއިރު ނުވާނޭ ކަމެއް ކަމަށް ހީވި ނަމަވެސް، ބެސިލިސްކް ލިޒާޑް ވަނީ މި ވިސްނުން ބަދަލުކޮށްލާފައެވެ. މެދުތެރޭ އެމެރިކާގެ ޖަންގަލިތަކުގައި އުޅޭ މި ބޮނޑުގެ ފަހަތު ފައިގެ ބާރާއި އިނގިލިތައް އުފެދިފައިވާ ގޮތުގެ ސަބަބުން، ފެންމަތީގައި ދުވުމުގެ ހާއްސަ ގާބިލުކަމެއް މިއަށް ލިބިފައިވެއެވެ. ފެންމަތީގައި ދުވާއިރު ފައިން ޖަހާ ބާރުމިނުގެ ސަބަބުން އުފެދޭ ވައިބޮކިތަކެއްގެ އެހީގައި، ނުގެނބި އެތައް ވަގުތަކު ފެންމަތީގައި ދަތުރުކުރާ މަންޒަރަކީ ހައިރާންކުރުވަނިވި މަންޒަރެކެވެ. ސައިންސްވެރިން މިހާރު ދަނީ މި ބޮނޑުގެ ހަރަކާތްތައް ދިރާސާކޮށް، ފެންމަތީގައި ދުއްވާ އާލާތްތައް އީޖާދުކުރުމަށް މަސައްކަތް ކުރަމުންނެވެ.

3. ފްލައިން ސްނޭކް (ކްރިސޯޕެލިއާ): އުދުހޭ ހަރުފަ

ހަރުފައަކީ އާންމު ގޮތެއްގައި ބިމުގައި ފިރުކިފައި އުޅޭ އެއްޗެއް ނަމަވެސް، "ފްލައިން ސްނޭކް" އަކީ ވައިގެ ތެރޭގައި ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ހަރުފައެކެވެ. އިރުމަތީ އޭޝިއާގެ ޖަންގަލިތަކުން ފެންނަ މި ހަރުފަތައް އެއް ގަހުން އަނެއް ގަހަށް ފުންމާލާއިރު، އެއްޗެހީގެ ހަށިގަނޑު ފަތާކޮށްލައިގެން ގުޑިއެއް ދަތުރުކުރާ އުސޫލުން ވައިގެ ތެރޭގައި އޮމާންކަމާއެކު ދަތުރުކުރެއެވެ. މިއީ ސީދާ އުދުހުމަކަށް ނުވި ނަމަވެސް، ވައިގެ ތެރޭގައި 100 މީޓަރަށް ވުރެ ދުރަށް ދަތުރުކުރާ ގޮތުން ބަލަން ތިބޭ މީހުންނަށް ހީވަނީ އުދުހެނީ ކަމަށެވެ.

4. މަޑްސްކިޕަރ: އެއްގަމުގައި އުޅޭ މަސް

މަސް އުޅެނީ ފެނުގައެވެ. ނަމަވެސް މަޑްސްކިޕަރަކީ މަހުގެ ބާވަތްތަކުގެ ތެރެއިން ވަރަށް ތަފާތު ސިފަތަކެއް ލިބިފައިވާ އެއްޗެކެވެ. ފެނުން ބޭރަށް އަރައި، އެއްގަމުގައި ނޭވާލުމާއި، ހިނގުމާއި، އަދި ކާނާ ހޯދުމުގެ ގާބިލުކަން މި މަހަށް ލިބިފައިވެއެވެ. މި މަސްތައް ގިނަވަގުތު ހޭދަކުރަނީ ކޯރުތަކުގެ އައްސޭރިފަށާއި، ކަނޑޫފާތަކާއި، ކިސަޑު ބިންތަކުގައެވެ. މަހެއް ކަމަށްވީ ނަމަވެސް އެއްގަމު ޖަނަވާރެއް ފަދައިން ހަރަކާތްތެރިވުމަކީ މީގެ އެންމެ ފާހަގަކޮށްލެވޭ ސިފައެވެ.

5. އިމޯޓަލް ޖެލީފިޝް: މަރުވުމެއް ނެތް މަހުލޫގެއް

މި ޖެލީފިޝް ނުވަތަ ފިރުއައުނުމުދާ އެންމެ ފުރަތަމަ ފެނިފައިވަނީ މެޑިޓަރޭނިއަން ކަނޑުންނެވެ. ނަމަވެސް މިހާރު ދުނިޔޭގެ ހުރިހާ ކަނޑަކުންވެސް މީގެ ދިރުންތައް ފެނެއެވެ. މީލާދީން 1800 ގެ ފަހު އަހަރުތަކުގައި މި ދިރުން ދެނެގަނެވުނު ނަމަވެސް، މީގެ ދިރުން އިއާދަކުރުމުގެ ހައިރާންކުރުވަނިވި ގާބިލުކަން ސައިންސްވެރިންނަށް އެނގުނީ 1980 ގެ އަހަރުތަކުގައެވެ. އާންމުގޮތެއްގައި ކޮންމެ ދިރުމެއްވެސް އުފަންވުމަށްފަހު ބޮޑުވެ، ދަރިމައިވެ، މުސްކުޅިވެ މަރުވި ނަމަވެސް، އިމޯޓަލް ޖެލީފިޝް މި ގާނޫނު ތަންފީޒެއް ނުކުރެއެވެ. މި މަހުލޫގަށް އަނިޔާއެއް ލިބުމުން ނުވަތަ ކާނާ ނުލިބި ބަލިކަށިވާ ހާލަތްތަކުގައި، އޭގެ ހަށިގަނޑުގެ ސެލްތައް އަމިއްލައަށް ބަދަލުކޮށްލައިގެން އަލުން ތުއްތު އިރުގެ މަރުހަލާއަށް ރުޖޫއަވެއެވެ. މިއީ ސައިންސްގެ ބަހުން ނަމަ "ޓްރާންސްޑިފަރެންޝިއޭޝަން" ކިޔާ މަރުހަލާއެކެވެ. މިގޮތަށް އޭގެ އުމުރު ތަކުރާރުކޮށް އިއާދަކުރުމުގެ ބާރު ލިބިފައިވުމުން، އެހެން އެއްޗެއްގެ ޝިކާރައަކަށް ނުވާހާ ހިނދަކު، މުސްކުޅިވެގެން މަރުވުމެއް ނެތި މިއަށް ދިރިއޮވެވިދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *