Support Us

ފެޝަން ދުނިޔެއަށް ބަދަލު ގެންނަމުންދިޔަ ޑިޒައިނަރު ވެލަންޓީނޯ މަރުވެއްޖެ

އިޓަލީގެ މަޝްހޫރު ފެޝަން ޑިޒައިނަރު ވެލަންޓީނޯ ގާރާވަންނީ އުމުރުން 93 އަހަރުގައި މަރުވެއްޖެއެވެ.

ވެލަންޓީނޯ (ފޮޓޯ)އަކީ ބައި ގަރުނަށްވުރެ ދިގު މައްދަތެއްގައި ފެޝަން ދުނިޔެއަށް ބަދަލުގެންނަމުން ދިޔަ ޑިޒައިނަރެކެވެ.

އަވަހާރަވެފައިވާ އިނގިރޭސި ޝެހެޒާދާ ޑަޔާނާ އާއި އަވަހާރަވެފައިވާ އެމެރިކާގެ ފަސްޓް ލޭޑީ ޖެކްލިން ކެނެޑީ އޮނެސިސްއަށް ވެސް ހެދުން ތައްޔާރުކޮށްދިން ވެލަންޓީނޯ މަރުވީ ރޯމްގައި ހުންނަ އޭނާގެ ގޭގައި ހޯމަ ދުވަހު ކަމަށް އޭނާގެ ފައުންޑޭޝަނުން އިއުލާންކުރިއެވެ. އޭނާ މަރުވީ ވަކި ބައްޔެއްގައި ނޫން ކަމަށާއި މަރުވިއިރު ގާތުގައި އޭނާގެ ލޯބިވާ މީހުން ތިބިކަމަށް ވެސް އެ ފައުންޑޭޝަނުން ބުންޏެވެ.

ވެލެންޓީނޯގެ އެންމެ ފާހަގަކުރެވޭ ޑިޒައިނަކީ ތިން ކުލައެއް މަސްހުނިކޮށްގެން ތައްޔާރުކުރި އާ ވައްތަރެއްގެ ރަތް ކުލައެކެވެ. "ވެލަންޓީނޯ ރެޑް" ނުވަތަ ލަފުޒީ މާނައިން "ވެލަންޓީނޯ ރަތް" ތައްޔާރުކުރަން އޭނާގެ ހިޔާލަށް އައީ އޭނާ ޒުވާންއިރު ސްޕެއިންގެ ބާސެލޯނާގައި ހުންނަ އޮޕެރާ ހައުސްގައި ޝޯއެއް ބަލަން އިން މުސްކުޅި އަންހެނަކު ލައިގެން ހުރި ރަތް ކުލައިގެ ހެދުމަކުން އެ އަންހެންމީހާ ފެނުނު އާދަޔާހިލާފު ޒީނަތްތެރި ގޮތުންނެވެ.

ޝާހީ މީހުންގެ އިތުރުން ޖޫލިއާ ރޮބަޓްސް އާއި އެލިޒަބަތު ޓޭލާ ފަދަ ހޮލީވުޑްގެ ފިލްމީ ތަރިންނަށް ވެސް ހެދުން ފަރުމާކޮށްދިން ވެލަންޓީނޯއަކީ "ކޮންމެ އަންހެނަކު ވެސް އެ މީހަކަށް އެ މީހާގެ ރީތިކަން އިހްސާސްކުރެވޭ ފަދަ ގޮތަކަށް ހެދުން ޑިޒައިންކޮށްދިން މީހެއް" ކަމަށް، އެމެރިކާގައި ފިލްމްތަކަށް ދޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ އޮސްކާ އެވޯޑު ހޯދި ބަތަލާ ވިނެތު ޕެލްޓްރޯ ބުންޏެވެ.

"ވެލަންޓީނޯ މަރުވުމަކީ ރީތި ފެޝަންތަކެއް ފެނިގެންދިޔަ ޒަމާނެއްގެ ނިމުން،" އޭނާ ބުންޏެވެ.

އިޓަލީގެ ފެޝަން ޑިޒައިނަރު ޑޮނަޓެއްލާ ވަސާޗީ ބުނީ 60 އަހަރު ފެޝަން ދުނިޔޭގައި ހޭދަކުރި ވެލަންޓީނޯ މަރުވުމަކީ "ހަގީގީ ފަންނާނެއް އަހަރެމެންނަށް ގެއްލުން" ކަމަށެވެ.

"ވެލަންޓީނޯގެ ހަނދާންތައް ބިނާވާނީ އޭނާގެ ފަންނުގައި އަރާހުރި މިސާލެއްގެ ގޮތުގައި،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *