ބަނގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ހާލިދާ ޒިޔާ އުމުރުން 80 އަހަރުގައި މިއަދު ފަތިހު ވަނީ އަވަހާރަވެފައެވެ. އޭނާގެ ޖަނާޒާ ބޭއްވީ ދައުލަތުގެ ފުރިހަމަ ރަސްމީ އިއްޒަތުގައެވެ. ތިން ދުވަހު ގައުމީ ހިތާމަ ފާޅުކުރުމަށް އިންތިގާލީ ސަރުކާރުން ނިންމުމަށްފައެވެ.
ހާލިދާގެ ކަށުނަމާދު ބޭއްވީ ގާނޫނު ހަދާ މަޖިލީހުގައެވެ. ފަސްދާނު ލީ ވެރިރަށް ދާކާގައި ފިރިކަލުން ރައީސް ޒިއާއުއްރަހްމާންގެ މަހާނައާ ޖެހިގެންނެވެ. ޒިއާއުއްރަހްމާން އަވަހާރަކޮށްލެވިފައިވަނީ 1981 ގައި ފޭލިވި އަސްކަރީ ބަޣާވާތެއްގައެވެ.
"ޑިމޮކްރެސީގެ މަންމަ"ގެ ގޮތުގައި އެ ގައުމުގައި މަގުބޫލުވެފައިވާ، އެތައް ދަހަރަކު ވެރިކަން ކުރެއްވި ހާލިދާ އަވަހާރަވީ ގިނަ ދުވަހު އާލާސްކަންފުޅުގައި އުޅުއްވުމަށްފަހުއެވެ. ޑޮކްޓަރުން ބުނީ ވޭތުވެދިޔަ އަހަރުތަކުގައި އެތައް ބައްޔެއް ހާލިދާ ތަހައްމަލު ކުރައްވަމުން ގެންދެވި ކަމަށެވެ.
"ހާލިދާ އަވަހާރަވީ ފަތިސް ނަމާދަށް ފަހު. އަހަރެމެންގެ ލޮބުވެތި ގައުމީ ލީޑަރު އަހަރެމެންނާއެކު މިހާރަކު ނެތް،" ޒިއާއުއްރަހްމާން އުފެއްދެވި ބަނގްލަދޭޝް ނެޝަނަލް ޕާޓީ (ބީ.އެން.ޕީ)ން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ޕާޓީން ވަނީ އޭނާއަށް ދުއާކޮށްދިނުމަށް އެދިފައެވެ.
ބަނގްލަދޭޝްގެ ސިޔާސީ ދާއިރާގައި ވާދަވެރިންނަށް ގޮންޖެއްސެވުމުގައި ހާލިދާ އިސް ދައުރެއް އަދާކުރެއްވިއެވެ. އޭގެ ތެރޭގައި ހޫނުވި އިންތިހާބުތައް ހިމެނެއެވެ.
މި ދިޔަ އަހަރު ބަނގްލަދޭޝްގައި ދަރިވަރުންކުރި މުޒާހަރާތަކާހުރެ އިސްތިއުފާ ދީފައި އިންޑިއާއަށް ފިލައިގެން ކުރީގެ ބޮޑު ވަޒީރު ޝައިހް ހަސީނާ ދިއުމުން ވެރިކަމާ ހަވާލުވެފައިވާ އިންތިގާލީ ސަރުކާރާއި ހާލިދާގެ ސަޕޯޓަރުން ބުނެފައިވަނީ ހާލިދާއަކީ ގައުމުގެ "އިދިކޮޅު ރަމްޒުކޮށްދޭ ނިޝާނެއް" ކަމަށެވެ. އަދި ބަނގްލަދޭޝްގެ ސިޔާސީ މައިދާނުގައި އަންހެނުން ބައިވެރިވުމުގެ އިސް ދައުރު އަދާކުރެއްވި މީހާކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގައި ހާލިދާ ވަނީ ގާތްގަނޑަކަށް 17 އަހަރަށް ޖަލަށް ލުމަށް ހުކުމް އިއްވައިފައެވެ. ނަމަވެސް ކޮވިޑް ބަލިމަޑުކަމުގައި އޭނާ ވަނީ ދޫކޮށްލައިފައެވެ. އަދި ފަހުން ހުކުމްތައް ވަނީ އަނބުރާ ގެންގޮސްފައެވެ.
ބީ.އެން.ޕީގައި ދިގު މުއްދަތެއްގައި ލީޑަރުކަން ކުރެއްވި ހާލިދާ ފާހަގަކުރެވިފައިވަނީ ޑިމޮކްރެސީ އަލުން އަނބުރާ ގެންނެވުމާއި އަސްކަރީ ވެރިކަމާ ދެކޮޅުހެއްދެވުމުގެ ލީޑަރެއްގެ ގޮތުގައެވެ.
އިންތިގާލީ ސަރުކާރާ ހަވާލުވެ ހުންނެވި މުހައްމަދު ޔޫނުސް ވަނީ ރައްޔިތުން މި ދަނޑިވަޅުގައި ހަމަޖެހިފައި ތިބުމަށް ގޮވައިލައްވައިފައެވެ.
"މި ވަގުތަކީ ތިޔަ އެންމެނަށްމެ ފުން ޖަޒުބާތުތަކެއް އިހްސާސް ކުރެވޭނެ ވަގުތެއްކަން އަހަރެންނަށް އެނގޭ. އަހަރެން އެދެނީ ހިތާމަ ފާޅުކުރުމުގައި އެއްބައިވަންތަކަން ދައްކަން،" އޭނާ ވިދާޅުވިއެވެ.
އަންހެން ލީޑަރެއްގެ ގޮތުންނާއި ޖެހިލުންކުޑަ ސިޔާސީ ބާރެއްގެ ގޮތުގައި ހާލިދާ ވެގެންދާނީ މުޅި ބަނގްލަދޭޝްގެ ރައްޔިތުން އޭނާގެ މަތިން އަބަދުވެސް ހަނދާންވާނެ ލީޑަރަކަށެވެ.
ހާލިދާގެ މައިގަނޑު ބައެއް ކާމިޔާބީތައް:
- ބޯދާ ސިޔާސީ ސަގާފަތެއްގެ ތެރޭގައި ބޮޑު ވަޒީރުކަން ކުރެއްވުން: (1991 އިން 1996 އަށް އަދި 2001 އިން 2006) އަށް.
- ޕާލަމަންޓްރީ ޑިމޮކްރެސީ އަނބުރާ ގެންނެވުން (1991): ދުސްތޫރީ އިސްލާހަކުން އެތައް އަހަރެއްގެ އަސްކަރީ ވެރިކަން ނައްތައިލެއްވުން.
- ގިނަ ޕާޓީތަކަށް ވާދަކުރެވޭ ސިޔާސީ މައިދާން ވަރުގަދަ ކުރެއްވުން: ބީ.އެން.ޕީގެ ލީޑަރުގެ ގޮތުގައި އިދިކޮޅު ޕާޓީތަކާއި ވާދަވެރި އިންތިހާބުތައް 1990 ގެ އަހަރުތަކުގައި މުއައްސަސާތަކެއް ގޮތަށް ހަމަޖެއްސެވުން.
- ސަރުކާރު ބަދަލުވުން ސުލްހަވެރި އިޖުރާއަތްތަކާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރެއްވުން.
- އިގުތިސާދީ އަދި އިޖުތިމާއީ ދާއިރާތައް ފުޅާކުރެއްވުން: ތައުލީމު އުނގެނުމަށް ފުރުސަތު ފަހިކުރެއްވުމާއި ރަށްފުށުގެ އިންފްރާސްޓްރަކްޗަރާއި އިޖުތިމާއީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރެއްވުން.
- ސަރަހައްދީ ޑިޕްލޮމެޓިކް ގުޅުންތައް ހަރުދަނާކުރެއްވުން: ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމުތަކާ ގުޅުން ރަގަނޅު ކުރެއްވުމާއި ދެކުނު އޭޝިއާގެ އަށް ގައުމު ގުޅުވައިދޭ ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޫޕަރޭޝަން (ސާކް) ޖަމާއަތުގައި މައުނަވީ ގޮތެއްގައި ހަރަކާތްތެރިވެ ވަޑައިގަތުން.
- ޖަލަށް ލީ ނަމަވެސް އަދި ބަލިވެ އުޅުއްވިޔަސް އެތައް ދަހަރެއް ވަންދެން އިދިކޮޅުގެ ސިޔާސީ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވުން.
އަންނަ ފެބްރުއަރީ މަހު ބާއްވާ ގައުމީ އިންތިހާބުތަކުގައި ވާދަކޮށް، ބޮޑު ވަޒީރުކަމުގެ މަގާމު ލިބޭތޯ ހާލިދާގެ އުމުރުން 60 އަހަރުގެ ދަރިފުޅު އަދި އިދިކޮޅު ލީޑަރު ތޯރިގު ރަހްމާން ބުރާސްފަތި ދުވަހު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. މިއީ އިނގިރޭސި ވިލާތުގައި އަމިއްލައަށް އަރުވައިލެވިގެން 17 އަހަރު ހޭދަ ކުރުމަށް ފަހު، ތޯރިގު ގައުމަށް ދިޔަ ފުރަތަމަ ފަހަރެވެ. އޭނާއަށް އެނބުރި ގައުމަށް ދެވުނީ އޭނާއާ ދެކޮޅަށް ކޮށްފައި ހުރި ހުކުމްތައް އަނބުރާ ގެންދިއުމުންނެވެ.



advertisment