Support Us

ކަޅުބާޒާރުގައި ޑޮލަރެއް 17ރ. އަށް ވެއްޓުމާ އެކު 19ރ. އަށްވުރެ ދަށްނުކުރާން ފައިވިއްދަނީ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު 17 ރުފިޔާއަށް މިހާރު ވެއްޓުމާ އެކު ކަޅުބާޒާރުގައި ޑޮލަރުގެ އަގު 19 ރުފިޔާއަށްވުރެ ދަށް ނުކުރުމަށް ޑޮލަރު ގަނެ ވިއްކާ ފަރާތްތަކުން ފައިވިއްދަން ފަށައިފިއެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ޓޫރިސް ރިސޯޓްތައް ބަންދުކޮށް، ގެސްޓުން އައުން ހުއްޓުމާ ގުޅިގެން ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު ކަޅުބާޒާރުގައި ދިޔައީ އުފުލެމުންނެވެ. ނަމަވެސް ކުއްލިއަކަށް ޑޮލަރުގެ އަގު 17 ރުފިޔާއަށް ވެއްޓުމާ އެކު ކަޅުބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ފަރާތްތަކުން ގެންދަނީ ޑޮލަރުގެ އަގު 19 ގައި ހިފަހައްޓަން ގޮވާލަމުންނެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭ ވައިބާ ގްރޫޕެއްގައި މީހަކު 18.90ރ. އަށް 200 ޑޮލަރު ވިއްކާ ކަމަށް ބުނެ ޕޯސްޓެއް ޖެހުމާ އެކު އެ ގްރޫޕުން ވަނީ 19 ރުފިޔާއަށް ވުރެ ޑޮލަރުގެ އަގު ދަށްކުރާ ފަރާތްތައް އެ ގްރޫޕުން ބޭރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެ ގްރޫޕްގެ މަގުސަދަކީ އެ ގްރޫޕްގެ އެންމެންނަށް ވެސް ޑޮލަރުގެ މުއާމަލާތް ކުރުމުގެ ފުރުސަތު ދިނުން ކަމުގައި ބުނެފަ، އެ މެސެޖް ވަނީ ޕިންކޮށްފައެވެ.

"މި ގްރޫޕްގައި 19 އަށްވުރެ ރޭޓް ދަށްކުރާ ބޭފުޅުން ބޭރުކުރެވޭނެ ވާހަކަ އެންމެންގެ ސަމާލުކަމަށްޓަކައި ދަންނަވާލަން. އަދި ޕްރިވިލޭޖް އޮފްކޮށްލުން އެކަށީގެންވޭ. ރޭޓް ދަށްކޮށް ވިއްކަން ބޭނުންވާ ބޭފުޅުން ރޭޓް ނުޖަހާ ޕޯސްޓްކޮށްފައި ޕްރައިވެޓްކޮށް، ރޭޓް ބުނުމަށް އެދެން،" ޖުމްލަ 1614 މީހުން ހިމެނޭ "މަނީ އެކްސްޗޭންގް ގްރޫޕު"ގައިވާ ޕޯސްޓެއްގައިވެއެވެ.

މީގެ އިތުރުން ތަކެތީގެ އަގު ބާޒާރުގައި އެއް ދުވަހުން އަނެއް ދުވަހަށް މައްޗަށްދާ ކަމަށާއި ތަކެތީގެ އަގު މަތިވަނީ ބާޒާރުގައި ޑޮލަރުގެ ރޭޓް ބޮޑުކަމުން ކަމަށް ވިޔަފާރިވެރިން ވެސް ބުނާ ކަމަށް އޭގައި ލިޔެފައިވެ އެވެ. އެހެންކަމުން ކަޅުބާޒާރުގައި ޑޮލަރު ވިޔަފާރި ކުރާ ފަރާތްތަކުން ހަރަކާތްތެރިވާ މި ގްރޫޕްގައި ވެސް ޑޮލަރުގެ އަގު 19 އިން ވެއްޓުނަނުދީ އެއްވަރެއްގައި ހިފަހައްޓާފައި ބެހެއްޓުމަށް އެ ގްރޫޕްގައި ބާރުއަޅަމުން ގެންދެއެވެ.

ބާޒާރުގައި ތަކެތީގެ އަގު ތިރިވަންދެން ޑޮލަރުގެ އަގު 19 އާ 20 ދެމެދުގައި ހިފެހެއްޓުމަށް ވެސް ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ އެގްރޫޕްގައި ބައެއް ފަރާތްތަކުން ވަނީ ލަފާދީފަ އެވެ.

ރާއްޖޭގައި ޑޮލަރުގެ މުއާމަލާތްކުރާ ރަސްމީ އަގަކީ 15.42 ރުފިޔާ އެވެ. ނަމަވެސް ބޭންކްތަކުން ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީވެ، ރާއްޖޭގެ ގިނަ ވިޔަފާރިވެރިން ޑޮލަރު ގަތުމަށް ބަރޯސާވެފައި އޮންނަނީ ކަޅު ބާޒާރުންނެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާނަމަ ތަކެތީގެ އަގުތައް ވެސް ދާނީ އުފުލެމުން ކަމަށް އިގްތިސާދީ މާހިރުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޒަޖީރާ އަކަށް ޑޮލަރެއް ބޭނުމެއްނުވާނެތާ ދޯ…. ކުފުރާ އާއި ރުއްގަލު ބޭހުންފުދޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *