އެއީ 1997 އެވެ. އައިފޯން ހަދާ އެމެރިކާގެ މަޝްހޫރު ކުންފުނި އެޕަލް އެއިރު ބަނގުރޫޓުވާން އޮތީ މަދު ހަފުތާތަކެކެވެ.
އެޕަލްގެ ހިއްސާތަކުގެ އަގު ވަނީ ވެއްޓިފައެވެ. މުވައްޒަފުން ދިޔައީ ކުންފުނިން ކެނޑެމުންނެވެ. އެޕަލްގެ ބްރޭންޑް ވެސް ވަނީ ނިމުމަކަށް އައިސްފައި ކަމަށް ބެލެވުނެވެ.
ކުންފުނީގެ ބޯޑުން އަލުން އަނބުރާ ކުންފުނީގެ ކޯ ފައުންޑަރު ސްޓީވް ޖޮބްސްއަށް ސީ.އީ.އޯގެ ވަޒީފާ ދިނެވެ. އުމުރުން 56 އަހަރުގައި 2011 ގައި މަރުވި ސްޓީވް 1985 ގައި ކުންފުނި ދޫކޮށްލީ އެއިރުގެ ސީ.އީ.އޯ ޖޯން ސްކަލީއާ ދިގުދެމިގެންދިޔަ "ހަނގުރާމަ"އަކަށްފަހުއެވެ.
އަލުން ސީ.އީ.އޯގެ މަގާމު ދިނުމާއެކުހެން ސްޓީވް އެޅި ފިޔަވަޅުން އެންމެނަށް ސިހުން ލިބުނެވެ.
އެޕަލްގެ އުފެއްދުންތަކާ ބެހޭ ކުންފުނީގެ ބައްދަލުވުމަށް އޭނާ ވަނެވެ. އޭނާއަށް ފެނުނީ ހުރިހާ ބާވަތެއްގެ އާލާތްތަކުން ފުރައިލައިފައިވާ މޭޒެއް ހުއްޓައެވެ. އޭގެ މަތީގައި ވަނީ ކޮމްޕިއުޓަރު، ޕްރިންޓަރު، އެހެނިހެން އާލާތްތައް، އެ ތަކެއްޗާ ގުޅޭ އެކްސެސަރީތައް އަދި އުފެއްދުންތަކުގެ ފުރަތަމަ ފަރުމާތަކެވެ.
ސްޓީވް އަނގައަކުން ނުބުނެއެވެ. ހަމަ މަޑުކޮށްލައިގެން ކޮޅަށް ހުރީއެވެ.
މީޓިންގައި ތިބި މީހުން އޭނާގެ ފަރާތުން ބަހެއް ނުވަތަ ހަރަކާތެއް ފެނޭތޯ މަޑުކޮށްގެން ތިއްބެވެ. އެ މީހުން ކެއްސައިލިއެވެ. އުނދަގޫވެފައިވާކަމުގެ ހަރަކާތްތަކެއް އެ މީހުން ސީޓުތަކުގައި އިށީނދެގެން ތިބި އިރު ވެސް ފެންނަމުން ދިޔައެވެ.
ދެން ސްޓީވް އެންމެ ފަހުން ވާހަކަ ދެއްކިއެވެ. ހަމަޖެހިލައިގެން ހުރެ ބުންޏެވެ:
"އަހަރެމެން އުފައްދާނީ އެންމެ ހަތަރު މުދަލެވެ. އަދި އަހަރެމެން އެ ތަކެތި ހަދާނީ ބުއްދި ގަބޫލު ނުކުރާހާ ރަނގަޅު ތަކެތީގެ ގޮތުގައެވެ. އެހެން ހުރިހާ އެއްޗެއް 'ފުހެލާ’ށެވެ."
އޭނާ މިހެން ބުނާއިރަށް އިންޖިނިއަރުންތައް ތެޅިފޮޅިގަތެވެ. މާކެޓު ކުރާ މީހުންތައް ދެކޮޅުވެރިކަން ފާޅުކުރިއެވެ. އެތައް ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން އެދުނީ އެ ސެކްޝަންތަކުގެ އުފެއްދުންތައް އުވައި ނުލުމަށެވެ.
އެކަމަކު އެ ހުރިހާ ކަމަކާ ސްޓީވް ދެކޮޅުހެދިއެވެ.
ސްޓީވް އެއްޗަކަށް ފަހު އެއްޗެއް މޭޒު މަތިން ނަގަން ފެށިއެވެ. ހުރިހާ މުދަލެކެވެ. ކަންތައްގަނޑު ބޮޑު އާލާތްތަކެވެ. އަސްލު މަގުސަދުން ސަމާލުކަން އެހެން ދިމަދިމާއަށް އަނބުރައިލި އެ ހުރިހާ ތަކެއްޗެވެ.
ސްޓީވް އެންމެ ފަހުން ކޮށްލި އެ ކަމުގެ ސަބަބުން، އޭނާ މީޓިން ރޫމަށް ވަން އިރު މޭޒުމަތީގައި ހުރި ހުރިހާ އެއްޗެއް ނެގުމުން، ތޮއްޖެހިފައި ހުރި އެ މޭޒު ދެން ހުރީ ހުސް މޭޒެއްގެ ގޮތަށެވެ.
ސްޓީވް އެ މޭޒާ ދިމާއަށް އިޝާރާތްކޮށްލިއެވެ. އަދި ބުންޏެވެ: "އަހަރެމެން ކާމިޔާބު ހޯދާނެ ގޮތަކީ މިއެވެ."
އެ "ހުސް މޭޒު" މަތިން އަހަރެމެންނާ ހިސާބަށް އައީ މިހާރު އަހަރެމެން ގެންގުޅޭ އެޕަލްގެ އުފެއްދުންތަކެވެ. އައިފޯން، އައިމެކް، އައިޕޮޑް، އަދި އައިޕެޑްއެވެ. ވިޔަފާރީގެ ތާރީހުގައި އެންމެ ބޮޑު ފައިދާ ލިބުނު މުދާތަކެވެ.
އެޕަލް ކުންފުނި ތަރައްގީވީ އެއްޗެއް "އެއްކުރުމަކު"ން ނޫނެވެ. ނަމަވެސް "ކެނޑުމު"ންނެވެ.
މި "ހުސް މޭޒު"ން މުދާ ވިއްކި އުސޫލަކީ އެޕަލްގެ ހުރިހާ ވާދަވެރިންގެ މައްޗަށް ސްޓީވް ކާމިޔާބު ހޯދި ގޮތެވެ.
އޭނާގެ މި މާކެޓިން އުސޫލުން ލިބެނީ ކޮން ފިލާވަޅެއް ހެއްޔެވެ؟
އެއް ކަމަކީ ކަންތައްގަނޑު ބޮޑުކޮށްލުމުން ވިޔަފާރި ދަށްވާކަމެވެ. ކަންތައްތައް ސާފުކޮށް ފެންނަން ހުރުމުން އެ ވިއްކާ އެއްޗެއް ނުވަތަ ހިދުމަތެއްގެ ގަނެވިއްކުމުގެ ބާރު ގަދަވާނެއެވެ.
ސްޓީވްއަށް ރޭކައިލީ މިހާރު ވެސް ގިނަ ވިޔަފާރިވެރިން ބީރުކަންފަތެއް ދޭ ކަމަކަށެވެ. އެއީ، ކަސްޓަމަރުން ހިޔާރު ކުރަނީ އެންމެ މޮޅު ނުވަތަ އެންމެ ރަނގަޅު މުދަލެއް ނޫންކަމެވެ. އެ މީހުން ބޭނުންވަނީ އެންމެ ސާފުކޮށް ފެންނަން ހުންނަ މުދާކަމެވެ.
މި އުސޫލު ގެންގުޅޭ ތިން ކުންފުންޏެއް ފާހަގަކޮށްލެވެއެވެ. އެއީ:
- އެތައް ދޮޅަހެއްގެ ބާވަތުގެ ކާބޯތަކެތި ވިއްކާ ތަންތަނަށްވުރެ ގިނައިން، އިން އެންޑް އައުޓްއިން މާ ގިނަ ތިން ބާވަތުގެ ބާގާ ވިއްކައެވެ.
- ބޮޑެތި ގްރޯސަރީތަކަށްވުރެ ޓްރޭޑާ ޖޯއި މަގުބޫލުކަން ހޯދައިފައިވަނީ މަދު އަދަދެއްގެ މުދާ ވިއްކައިގެންނެވެ.
- ނެޓްފްލިކްސް މަޝްހޫރުވީ އެންމެ ވައުދެއް ފިޔަވައި އެހެން ހުރިހާ ވައުދެއް އެ ކުންފުނީގެ މާކެޓިން ކެމްޕޭނުން ބޭރުކޮށްލުމުންނެވެ. އެ ގޮތުން ހިފެހެއްޓި ހަމައެކަނި ވައުދަކީ: "ވަގުތުން ކޮންމެ އެއްޗެއް ވެސް ބަލައިލައިށެވެ."
މި ކަމުން އެނގެނީ ކުނިބުނި ނައްތައިލުމުން އެ އެއްޗެއްގެ އަގު ފެންނަން ފަށާކަމެވެ. އިހްތިޔާރު ކުރެވޭނެ މުދާ ނުވަތަ ހިދުމަތުގެ އަދަދު މަދުކޮށްލުމުން އެ ލިބެން ހުރި އެއްޗެހި މީހުން ބޭނުންވާލެއް ބޮޑުކަމެވެ. އިހްތިޔާރު ކުރަން ލިބޭ އެއްޗެހި ނުވަތަ ހިދުމަތް މަދުކޮށްލުމުން އެ ތަކެތި ނުވަތަ ހިދުމަތް ގަތުމަށް މީހުން އަވަސްވެގަންނަކަމެވެ.
އެހެންކަމުން "ހުސް މޭޒު" އުސޫލުން މުދާ ވިއްކުމުން އެނގެނީ އަންނަނިވި ކަންތައްތަކެވެ. އެއީ:
- ގިނަ އަދަދެއްގެ މުދާ ވިއްކުމުގެ ބޭނުމެއް ނެތެވެ. ބޭނުންވަނީ، ވިއްކާ އެއްޗަކުން އޭގެ ބޭނުން ނުވަތަ މަގުސަދު ގަންނަ މީހާއަށް ލިއްބައިދިނުމެވެ.
- ކުންފުނި ތަރައްގީ ވަނީ ހުރިހާ ބާވަތެއްގެ މުދާ ވިއްކުމަކުން ނޫނެވެ. މީހުންގެ ހަނދާނުން ނުފިލާ ވަރަށް ކުންފުނިން އެ އެއްޗަކަށް ސަމާލުކަން ދިނުން މާ މުހިންމެވެ.
- ބްރޭންޑް ވަރުގަދަކޮށްލުމުން މީހުން ގަންނާނެކަން ޔަގީންވާނެއެވެ.
- މުދާ ނުވަތަ ހިދުމަތް ޔަގީންކަމާއެކު ލިބެން ހުންނަ ނަމަ އެ މުދަލުގެ ނުވަތަ ހިދުމަތުގެ ސިފަތަކަކަށް މީހުން ނުބަލާނެއެވެ.
- ތަރުޖަމާއެއް



advertisment