Support Us

އެމާ ސްޓޯން އަދި ޑރ. ޖޫލިއަން ޑެ ސިލްވާ (ވަކި ފޮޓޯގައި)

ހިސާބު އިލްމުން ދައްކަނީ އެންމެ ރީތި އަންހެން މޫނުގެ ވެރިޔަކީ މިއީ ކަމަށް

ހިސާބު އިލްމަކީ އެތައް އެހެން އިލްމެއްގެ ބިންގަލެވެ.

ސޯޅަވަނަ ގަރުނުގައި އިޓަލީގައި އުޅުނު، އެކި ފަންނުގައި މަޝްހޫރުވި ލިއޮނާޑޯ ޑާ ވިންޗީ ވަނީ ހިސާބުގެ އިލްމުން ފިރިހެނެއްގެ ހަށިގަނޑު އެންމެ ފުރިހަމަ ގޮތުގައި ހުންނަ ބައްޓަމީ ކޮބައިކަން، 1490 ގައި "ވިޓްރޫވިއަން މޭން"ގެ ނަމުގައި ކުރަހައިގެން ދައްކައިފައެވެ.

މި ފަހަރު މި ވަނީ އިނގިރޭސި ވިލާތުގައި ޕްލާސްޓިކް ސާޖަރީ ހަދައިދޭ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖޫލިއަން ޑެ ސިލްވާ، ދުނިޔޭގައި މިހާރު ހުރި އެންމެ މޫނު ރީތި އަންހެނާއަކީ ކާކުކަން ހިސާބު އިލްމުން ހާމަކޮށްދީފައެވެ. އެއީ ފިލްމްތަކަށް އެމެރިކާގައި ދޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ އޮސްކާ އެވޯޑު ދެ ފަހަރަށް ލިބިފައިވާ އެމެރިކާގެ އުމުރުން 37 އަހަރުގެ ބަތަލާ އެމާ ސްޓޯންއެވެ.

ޑރ. ޖޫލިއަންގެ އާ ދިރާސާގައި ބޭނުންކޮށްފައިވަނީ ގްރީސްގެ ބޯދާ ޒަމާނުގައި ހޯދައިގަތް "ގޯލްޑަން ރޭޝިއޯ" ނުވަތަ "ރަން ނިސްބަތެ"ވެ.

ކ-ވ: ފްރީޑާ ޕިންޓޯ، ޒެންޑޭޔާ އަދި ބިޔޮންސޭ

"މިއީ ސާފު ހިސާބު އިލްމުން ދެއްކި ގޮތް. މިއީ އަހަރެންގެ އަމިއްލަ ހިޔާލެއް ނޫން. ބޯދާ ޒަމާނުގައި ގްރީސްގެ އިލްމްވެރިން ދެކޭ، އަންހެނެއްގެ މޫނު ފުރިހަމަ ވަނީ ކޮން ބައްޓަންތަކެއް ހުރީމާތޯ ބަލާއިރު، މި ވަގުތު ދުނިޔޭގައި ހުރި މޫނު އެންމެ ރީތި އަންހެނަކީ އެމާ،" ޑރ. ޖޫލިއަން ބުންޏެވެ.

މި ނަޒަރުން ބަލާއިރު މޫނުގެ ބައްޓަންތައް އެންމެ ފުރިހަމައީ އެމާގެ ކަމަށް ޑރ. ޖޫލިއަން ބުންޏެވެ. އެ ގޮތުން އެމާގެ މޫނުގެ ބައްޓަމަށް ޖުމްލަ ގޮތެއްގައި 94.72 މާކްސް ލިބޭ ކަމަށް އޭނާ ބުންޏެވެ.

އެމާގެ މޫނުގެ އެހެން ސިފަތަކަށް ބަލާއިރު ކަތުރުކަށިގަނޑަށް ލިބުނީ 97 ޕަސެންޓް މާކްސްއެވެ. އަދި ތުންފަތަށް ލިބުނީ 95.6 މާކްސް ކަމަށްވާއިރު ބުމައަށް ލިބުނީ 94.2 ޕަސެންޓް މާކްސްއެވެ.

ފިލްމް އުފެއްދުން ނުވަތަ ޕްރޮޑިއުސަރުކަން ވެސް ކުރާ އެމާގެ ފަހަތުން ދެން ރީތި ކަމަށް ފާހަގަ ކުރެވުނު އަންހެނުންގެ ތެރޭގައި އިންޑިއާގެ ބަތަލާ، އަދި ހަތް އޮސްކާ އެވޯޑު ހޯދި ފިލްމް "ސްލަމްޑޯގް މިލިއަނަޔާ"ގެ އުމުރުން 41 އަހަރުގެ އެކްޓްރެސް ފްރީޑާ ޕިންޓޯ ހިމެނެއެވެ.

މީގެ އިތުރުން ފަހުން ނެރުނު "ސްޕައިޑަމޭން" ފިލްމްތަކާއި "ޑޫން"ގެ ދެ ފިލްމްގައި ހަރަކާތްތެރިވި އެމެރިކާގެ ބަތަލާ އަދި ލަވަކިޔުންތެރިޔާ، އުމުރުން 29 އަހަރުގެ ޒެންޑޭޔާ ހިމެނެއެވެ.

ޑރ. ޖޫލިއަންގެ ދިރާސާގައި ދެން ފާހަގަކޮށްލެވޭ ރީތި އަންހެނުންގެ ތެރޭގައި އެމެރިކާގެ އުމުރުން 44 އަހަރުގެ ލަވަކިޔުންތެރިޔާ ބިޔޮންސޭ ހިމެނެއެވެ. އޭނާއަކީ ލަވަ ލިޔެ، ފިލްމް ކުޅެ އަދި ވިޔަފާރި ކުރާ ވެސް ފަންނާނެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *