Support Us

މާފަރު އެއާޕޯޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބިލްޑިން އެކްސްޓެންޝަން ޕްރޮޖެކްޓް ފެށުމަށް އައިލެންޑް އޭވިއޭޝަނުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ އެއާޕޯޓުގެ ރަންވޭއާއި މައިގަނޑު އިންފްރާސްޓްރަކްޗަރގެ އަޕްގްރޭޑްތައް ފުރިހަމަކުރުމަށްފަހު ކުރިއަށްގެންދަން ނިންމައިފައިވާ ތަރައްގީގެ އައު މަރުހަލާއެކެވެ.

މި މަޝްރޫޢުގެ މައިގަނޑު ކޮންޓްރެކްޓަރުގެ ގޮތުގައި ހުނާން ނަންބަރު 6 އިންޖިނިއަރިން ކޯ ލިމިޓެޑަށް ހަވާލުކޮށް، ގެޑަރ ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް ވަނީ ކޮންސަލްޓަންޓްގެ ގޮތުގައި އައްޔަންކޮށްފައެވެ. ޖުމްލަ 10 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން ދެ ބުރީގެ އިމާރާތެއް އަޅައި، މިހާރު ހުރި ޓާމިނަލްގެ ސަރަހައްދު ފުޅާކުރެވޭނެއެވެ.

އައު އެކްސްޓެންޝަންގައި އެރައިވަލް ހޯލަކާއި، ހާއްސަ ސީ.އައި.ޕީ ލައުންޖެއް، އަދި ފުރަތަމަ ފަންގިފިލާގައި ޕެސެންޖަރ ލައުންޖަކާއި އިތުރު އޮފީސް ޖާގަތައް ހިމެނޭނެއެވެ. މި މަޝްރޫޢު ނިމުމުން ފަސިންޖަރުން ބަލައިގަތުމަށް މަގުފަހިވެ، އުތުރު ރާއްޖެ ދުނިޔެއާ ގުޅުވައިދޭ މުހިންމު ބައިނަލްއަގްވާމީ ގޭޓްވޭއެއްގެ ގޮތުގައި މާފަރު އެއަރޕޯޓުގެ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

"މި ތަރައްގީއަކީ މި ފަހުން ނިންމައިފައިވާ ރަންވޭ ފުޅާކުރުމުގެ މަޝްރޫއަށްފަހު ގެނެވޭ ތަރައްގީއެކެވެ. މާފަރު އެއާޕޯޓުގެ ރަންވޭ 2,850 މީޓަރަށް ފުޅާކުރުމާއެކު، ބޮޑެތި ވައިޑް-ބޮޑީ މަތިންދާބޯޓުތައް ޖެއްސުމުގެ މަގުފަހިވެގެން ދިޔައެވެ. އަދި މީގެ އިތުރުން، ފުޅާކުރި މަތިންދާބޯޓު ޕާކުކުރާ ސަރަހައްދުގެ ސަބަބުން ބިޒްނަސް ޖެޓްތަކާއި، ޝެޑިއުލްކުރެވޭ އަދި ޗާޓަރ އޮޕަރޭޝަންތައް ބަލައިގަނެވޭ ގޮތްވިއެވެ." އައިލެންޑް އޭވިއޭޝަންގެ ބަޔާނެއްގައި ވެއެވެ.

"މި ތަރައްގީތަކުގެ ސަބަބުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާސައިޑް އަދި ލޭންޑްސައިޑް އޮޕަރޭޝަންތައް ހަރުދަނާވެ، އުތުރު އަތޮޅުތަކަށް ހިދުމަތްދޭ ފުރިހަމަ ވައިގެ ބަނދަރެއްގެ ގޮތުގައި ގާއިމުވާނެއެވެ. އަދި މި މަޝްރޫއިން ސަރަހައްދީ ތަރައްގީއަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ކުރިއެރުމަށް ހިއްސާކުރާނެއެވެ. މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު 2019 ގައި ހުޅުވުނު ފަހުން، ވަނީ ވަޒީފާގެ ފުރުސަތުތައް އުފައްދައި، ފުޅާ ދާއިރާއެއްގައި އިގްތިސާދީ މަންފާތަކެއް ފޯރުކޮށްދޭން ފަށައިފައެވެ. ޖެޓް އޭ-1 ފިއުލް ފާމަކާއި ހާއްސަ ކުރެވިފައިވާ ކަނޑު މަތިންދާބޯޓު ޑޮކާއެކު، މި އެއަރޕޯޓަކީ ހަރުދަނާކަމާއި، ގުޅުންތައް އިތުރުކުރުމާއި، އަދި ސަރަހައްދުގައި ފަތުރުވެރިކަމުގެ ކުރިއެރުމަށް އެހީތެރިވުމުގައި އިތުރަށް މުހިންމު ދައުރެއް އަދާކުރާ ތަނަކަށް ވެފައެވެ."

މި ޕްރޮޖެކްޓަކީ ސަރުކާރުގެ ގައުމީ ތަރައްގީގެ ވިޝަނާ އެއްގޮތަށް، ގުޅުންތައް ފުޅާކުރުމާއި، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، އަދި ދިވެހިރާއްޖޭގައި ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދިގު މުއްދަތުގެ ކުރިއެރުން ކުރިއަށް ގެންދިއުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.