ލޫޝާނާ ބަރޯސާއަކީ އެއިރު އުމުރުން 20 އަހަރުގެ އާޖެންޓީނާއަށް އުފަން ވެއިޓަރެކެވެ. އެކަނިވެރި މައެކެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ދޫކޮށްލައިފައި ފިރިމީހާ ދިޔައިމައެވެ. މިހެންވެ އެމެރިކާގައި ލޫޝާނާއަށް ކޮންމެ ދުވަހެއް ވީ ދެކޮޅު ޖައްސަން ދަތި ދުވަސްތަކަކަށެވެ.
އެއް ރެއަކު ކައުންޓަރުގައި މަސައްކަތް ކުރަން ހުއްޓައި ޒުވާނަކު އޭނާގެ ގާތަށް އައެވެ. އަދި އާދަޔާ ހިލާފު ކަމަކަށް އެދުނެވެ.
"އަހަރެން މި ތާނގައި ތިބާއާއެކު އިރުކޮޅަކު މަޑުކޮށްލަން ހެއްޔެވެ؟ އަހަރެންނަށް ފިލަން ޖެހިއްޖެއެވެ،" އެ ޒުވާނާ ލޫޝާނާއަށް ބުންޏެވެ.
ވާނުވާ ނޭނގިފައި ހުރެ، ކަންބަލާހިތްވާ ގޮތަކަށް ލޫޝާނާ އޭނާއާ ދިމާއަށް ބަލައިލިއެވެ.

އެ ޒުވާނާ ދެން ބުނީ އޭނާއަކީ ފިލްމް ކުޅޭ މީހެއް ކަމަށާއި ރެސްޓޯރަންޓްގައި ތިބި ނޫސްވެރިންނާއި އެހެން މީހުންނަށް އޭނާ އެނގިއްޖެ ކަމަށެވެ. މިހެންވެ އެ ލިބުނު ސަމާލުކަމުގެ ސަބަބުން އޭނާއަށް އިރުކޮޅަކު ހަމަޖެހިލަން ބޭނުންވާ ކަމަށެވެ.
އެ އެކްޓަރަކީ ކާކު ކަމެއް ލޫޝާނާއަކަށް ނޭނގުނެވެ. ނަމަވެސް ހިނިތުންވެލައިފައި ލޫޝާނާ ބުނެލިއެވެ: "ތިބާއަށް މި ތާ ހުރެވިދާނެއެވެ. އެކަމަކު ކޮންމެވެސް ކަހަލަ ފައިދާއެއް ކުރާނެ ކަހަލަ ކަމެއް ކުރަން ވާނެއެވެ."
ލޫޝާނާގެ ޝަރުތަށް އެ ޒުވާނާ އެއްބަސްވިއެވެ.
ދެން، އަތުކުރި އޮޅައިލައިފައި އޭނާ ލޫޝާނާއަށް އެހީ ވާން ފެށިއެވެ. ކޮކްޓެއިލް ތައްޔާރު ކުރުމަށާއި ކަސްޓަމަރުންނަށް ކެއުން ގެންގޮސްދިނުމަށާއި އަދި ޚުދު ތަށިތައް ވެސް ދޮވުމުގައެވެ.

ލޫޝާނާ އާއި ޒުވާނާއަށް އެ ރޭ ނިމުނީ ދާދި އަވަހަށެވެ. ހުނުމާއި ވާހަކަ ދެއްކުމުގައި ވެސް ވަގުތު ހޭދަކުރެވުމުންނެވެ.
ލޫޝާނާގެ ޝިފްޓް ޑިއުޓީ ނިމި، ރެސްޓޯރަންޓުން ދިއުމުގެ ކުރިން، ޒުވާނާގެ ގާތުގައި ޒުވާނާގެ ނަން އަހައިލިއެވެ.
"މެޓް ޑޭމަންއެވެ،" ހިނިތުންވެލައިފައި ޒުވާނާ ޖަވާބު ދިނެވެ.
ހީނުކުރާ ގޮތަށް ކަންތައްތައް ދިޔަ އެ ރެއަކީ މިއަދާ ހަމައަށް ދިގުދެމިގެންދާ ހަގީގީ ލޯތްބެއްގެ ފެށުމެވެ. ލޫޝާނާ އާއި މެޓް ކައިވެނިކޮށްގެން އުޅޭތާ މިހާރު 18 އަހަރު ވެއްޖެއެވެ. ދެމަފިރިންގެ ހަތަރު އަންހެން ދަރިން އެބަތިއްބެވެ. އަދި މެޓް ވަނީ ލޫޝާނާގެ ފުރަތަމަ ކައިވެނިން ލިބުނު އަންހެން ދަރިފުޅު ވެސް އެޑޮޕްޓްކޮށްފައެވެ.
އެމެރިކާގައި ފިލްމްތަކަށް ދޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ އޮސްކާ އެވޯޑު، މިހާރު އުމުރުން 55 އަހަރުގެ މެޓްއަށް ވަނީ ލިބިފައެވެ. އެއީ 1998 ގައި "ގުޑް ވިލް ހަންޓިން"ގެ ސްކްރީންޕްލޭ ލިޔެގެންނެވެ. އޭނާގެ ކުޑައިރުއްސުރެ ވެސް އެންމެ ގާތް ރަހްމަތްތެރިޔާ އަދި އެކްޓަރު ބެން އެފްލެކް ވެސް މި ސްކްރީންޕްލޭ ލިޔުމުގައި ބައިވެރިވެފައިވާތީ ބެންއަށް ވެސް އޮސްކާ ލިބުނެވެ.
އެންމެ މޮޅު ބަތަލުގެ އޮސްކާ އެވޯޑަށް މެޓް ނޮމިނޭޓްވި ފިލްމްތަކުގެ ތެރޭގައި ހިމެނެނީ "ގުޑް ވިލް ހަންޓިން" އަދި 2016 ގެ "ދަ މާޝަން"އެވެ. އަދި 2010 ގެ "އިންވިކްޓަސް"އިން އޭނާ ވަނީ އެންމެ މޮޅު ސަޕޯޓިން ބަތަލުގެ މަގާމަށް ނޮމިނޭޓްވެފައެވެ.
ފިލްމް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން މެޓްއަށް ވަނީ 2017 ގެ "މެންޗެސްޓާ ބައި ދަ ސީ" އާއި 2020 ގެ "ފޯޑް ވާސަސް ފެރާރީ"އިން އެންމެ މޮޅު ފިލްމް އުފެއްދި ކަމުގެ އޮސްކާއަށް ނޮމިނޭޓްވެފައެވެ.
- ތަރުޖަމާއެއް



advertisment