Support Us

މަގޫދޫގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް މާ ލަހެއްނުވެ ފެށޭނެ: ރައީސުލްޖުމްހޫރިއްޔާ

ނ. މަގޫދޫގެ ތަރައްޤީއަށްޓަކައި ހިންގަންޖެހިފައިވާ މުހިންމު މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވި، އެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާ މަންޒަރު ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެންނާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު މަގޫދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައިވާ ކަންކަމުގައި ޢަމަލީ ސިފަ ޖައްސަވައިދެއްވައި، އެ ވަޢުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ފެނާއި ނަރުދަމާގެ މަޝްރޫޢެވެ. މަގޫދޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ބައްލަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ކަންކަން ރޭވިފައިވަނީ، އެއް ކުންފުނި އަނެއް ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭ ބީދައިން ކަމަށެވެ. އެގޮތުން، މަޝްރޫޢަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްތައް އެމް.ޑަބްލިއު.އެސް.ސީން ކުރިއަށްގެންދާއިރު، މަޝްރޫޢު ހިންގަން ބޭނުންވާ އިންސާނީ ވަސީލަތުގެ ކަންކަން ހަމަޖައްސަމުން ގެންދާނީ ފެނަކައިން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢޫތަކެއްގައި ސެޕްޓެމްބަރު މަހާ ހިސާބުގައި ސޮއިކުރެވި، މާ ލަސްތަކެއް ނުވެ ޢަމަލީ މަސަސައްކަތްތައް ފެށޭނެކަމުގެ ޔަޤީންކަން ދެއްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫގައި އަލަށް ފަށަން ހުރި ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަށުގެ ޞިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމަށް ތަރައްޤީކުރެވޭ އެކްސްޓެންޝަން ބިލްޑިންގްގެ މަޝްރޫޢާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން، ޞިއްޙީ މަރުޒަށް މިވަގުތު ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށްވެސް، ކަމާ ގުޅޭ ވުޒާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމަ މިއާއެކު، މަގޫދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ހިންގާ ޝޯ ޕްރޮޓެކްޝަން މަޝްރޫޢުގައި އަންނަމަހު ސޮއިކުރެވޭއިރު، މޫދަށް އެރިއުޅެވޭ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ ކަންކަންވެސް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައްވެސް މާ ލަހެއް ނުވެ ފެށޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، އެމަނިކުފާނު އުއްމީދު ކުރައްވަނީ، ދެން މަގޫދުއަށް ވަޑައިގަންނަވާނީ މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ކަމުގައި ވިދާޅުވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް