Support Us

ރޯށޭވީ ހިތާމައިން… "މަރުގެ މަލާއިކަތާ ވަޑައިގަތުމުން- މަޝްވަރާއެއް ނުކުރެވޭނެ"

މީގެ ދެތިން ގަޑިއިރު ކުރިއެވެ. ރަހުމަތްތެރިއެއް ވައިބަރުގައި ވަރަށް މަޖާ ވާހަކައެއް ދެއްކުމުގެ މެދެތެރެއިން ކުއްލިއަކަށް ހިއްސާކުރި ފޮޓޯއެއްގެ ސަބަބުން އަހަރެންގެ މޭގަނޑު އަނގައަށް އައި ފަދައެވެ. ފޮޓޯއިން ފެނުނީ ލެއިން ތަތްތެޅިފައި އޮތް ކުއްޖެކެވެ. ފެންނަ ފެނުމަށް އެ ކުއްޖާއަކީ ވަރަށް ޅަ ކުއްޖެއްކަން އެނގެއެވެ. ފުރާފުރިހަމަވެފައިވާ ފާޑު ޖެހިޔަސް އޭނާގެ މޫނުމަތިން ޅަފުރައިގެ މައުސޫމުކަން ފެނެއެވެ. އޭނާގެ ގައިގައި ހަރުކޮށްފައި ހުރި ހޮޅިތަކުން އޭނާ އޮތީ ސިއްހީ ފަރުވާދޭން ފަށައިފައިކަން އިނގެއެވެ. ނަމަވެސް އެ ފޮޓޯއިންވެސް އެ ކުއްޖާގެ ފުރާނަ ނެތްކަން އަހަރެންނަށް އެނގުނެވެ. އާންމު ގޮތެއްގައި އަހަރެން ދަންނަ މީހުން އަހަރެންނަކާ މިކަހަލަ ފޮޓޯއެއް ހިއްސާއެއް ނުކުރާނެއެވެ. ސަބަބަކީ އަހަރެންނަކީ ވަރަށް ހިތްބަލި މީހަކަށް ވީމައެވެ. އަހަރެން މިހާރު ސޯޝަލް މީޑިއާގައި ނޫޅޭތީވެ މިކަހަލަ ކަންކަމުގައި އަހަރެން އެހާ އަދާހަމައެއް ނޫނެވެ.

މި ފޮޓޯ ލުމަށް ފަހު އަހަރެންގެ ރަހުމަތްތެރިޔާ ގެއްލުމުން އަހަރެން ޖެހުނީ ނޫސްތައް ހާވައި، ބަލާށެވެ. ވަނތް ކޮންމެ ނޫހަކުންވެސް 17 އަހަރުގެ ފިރިހެން ކުއްޖެއް ރޭ ސައިކަލު އެކްސިޑެންޓެއްވެ މަރުވެއްޖެ ވާހަކަ އޮތެވެ. އެކަން ހިނގީ އަހަރެން ދިރިއުޅޭ ގެއާ މާ ދުރު ނޫން ހިސާބެއްގައެވެ. އެ ކުއްޖާ އިން ސައިކަލު މަގު ހުރަސްކުރި މީހެއް ކައިރިން ނައްޓަންވެގެން އުޅުމުގެ ތެރޭގައި ކުރިމަތިން އައި ޕިކަޕަކާ މުޑިއަރައި، ޕިކަޕް ދަށުވިތަން ފެންނަ ވީޑިޔޯ ދައުރުވާން ފަށައިފިއެވެ. ގިނަ އިރުތަކެއް ނުވެ އަހަރެންގެ މެސެންޖާރގެ މީހުންގެ ސްޓޯރީތަކުގައި މި ކުއްޖާގެ ފޮޓޯ ޖަހައިފައި މައްޔިތާގެ ފުރާނަޔަށް ހެޔޮ ރަހުމަތްލެއްވުމަށް އެދި ދުއާކޮށްފައި ހުއްޓެވެ.

މަރުވި ކުއްޖަކީ ހ. ވަވޮއި، ޔޫސުފު އަލްސަން މުހައްމަދު، 17، އެވެ. އަހަރެންގެ ހިތް ފުނޑުފުނޑުވިއެވެ. "އަދި އެ ސޮރު މަރުވާން މާ ޅައެއް ނޫންހެއްޔެވެ؟ ނަމަވެސް މަރަކީ ތިމަންނަ އެބަ އަންނަމޭ ކިޔައިފައި އަންނަ އެއްޗެއް ނޫނެވެ. އެއީ އެއްވެސް މީހަކަށް މަޑުކުރާ އެއްޗެއް ވެސް ނޫނެވެ." އަހަރެން ހިތަށްއެރިއެވެ.

އަހަރެންނަށް މި ފޮޓޯ ފެނިފައި އެ ވަގުތު މަޔަކަށް ވާނޭ އިހުސާސާ ދޭތެރޭ ވިސްނެން ފެށިއެވެ. އަހަރެންގެ ދަރިއަށް އެފަދަ ކަމެއް ވެއްޖެނަމަ އަހަރެންނަށް ވާނޭ ގޮތާ ދޭތެރޭ ވެސް ވިސްނެންފެށިއެވެ. އޭނާ އަހަރެން ކައިރީގައި މިހާރު ސައިކަލު ލައިސަންސް ނަގާ ވާހަކައާއި ސައިކަލެއް ގަންނަން ލާރި އެއްކުރާ ވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަހަރެންގެ ހިތް ބުނީ އޭނާއަށް އެކަން ކުރުން މަނާކުރުމަށެވެ. ނަމަވެސް އަހަރެންގެ އީމާންތެރިކަން އެ ބިރަށްވުރެ ގަދަކުރަން މަސައްކަތް ކުރަން ފެށީމެވެ.

ހަމަޖެހިލަން އުޅެފައި އަނެއްކާވެސް ހަބަރުތައް ބަލައިލެވުނެވެ. އަހަރެންގެ ހިތަށް އެހާ ބިރުވެރިކަން ލިބެމުން ދިޔައިރުވެސް އެ ކަންތައް މިހާރު ވަމުން ދާގޮތް އޮޅުންފިލުވަން ބޭނުންވިއެވެ. ދެން ފެނުނު ހަބަރުން މަރުވި ކުއްޖާއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލްޣަނީ (ތޭރަވާ)ގެ ހުރި ހަމައެކަނި ދަރިފުޅުކަން ވެސް އެނގުނެވެ. (ތޭރަވާ މަޝްހޫރުވީ "ރޯށޭ ވީ ހިތާމައިން…" މި ލަވައިންނެވެ.)

އެ ހަބަރުގައި ޖަހައިފައިވާ ފޮޓޯތަކުން އަނެއްކާވެސް ހިތް ފުނޑުފުނޑުވި ފަދައެވެ. ކޮންމެ ފޮޓޯއަކުންވެސް އެ ކުއްޖާގެ ދެ ފަރާތުގައި މަންމައާއި ބައްޕަ ނުހަނު ފަހުރުވެރިކަމާ އެކުގައި ތިބިތަން ފެނެއެވެ. އަޝްފާ އާއި ތޭރަވާގެ ކައިވެނި ރޫޅިފައި ވީ ނަމަވެސް ދަރިފުޅުގެ ކޮންމެ އުފަން ދުވަހަކު ތިން މީހުން އެކުގައި ފޮޓޯ ނަގައިފައި ހުރެއެވެ.

އެއް ހަބަރެއްގައި އަލްސަން މި އަހަރު އޯލެވެލްގައި ބައިވެރިވި ވާހަކަ އޮތެވެ. އެވަގުތު އަހަރެންގެ ދަރިފުޅު އޯލެވެލް ނިންމިއިރު އަރާ ފޭބި ހިޔާލުތަކާއި ފިކުރުތައް އާވިއެވެ. އަލްސަންގެ މަންމައާއި ބައްޕައަކީ މަޝްހޫރު މީހުން ކަމުގައި ވިޔަސް، އަދި ވަކިން އުޅުނަސް، މިކަހަލަ ދުވަސްކޮޅެއްގައި ކޮންމެ މަޔަކާއި ބަފައަކަށްވެސް ދަރިފުޅުގެ މުސްތަގުބަލާ މެދު ކުރެވޭނީ އެއްކަހަލަ އުންމީދުތަކެއްކަން ކަށަވަރެވެ.

ކުއްލިޔަކަށް އަހަރެންގެ ރަހުމަތްތެރިޔާ އެނބުރި އަތުވެއްޖެއެވެ. އަހަރެން ކައިރީގައި އިތުރު އެއްވެސް އެއްޗެއް ނާހައި އެހީ އަޝްފާގެ އިއްޔެގެ އިންސްޓަގްރާމް ސްޓޯރީ ދުށީމުތޯއެވެ. ޖަވާބުގައި އަހަރެން ސޯޝަލް މީޑިއާގައި ނޫޅޭ ވާހަކަ ބުނުމުން އަނެއްކާ ވެސް އޭނާ ދެ ފޮޓޯ ލައިފިއެވެ. އެއީ އަޝްފާ އޭގެ ނުވަ ގަޑިއިރު ކުރިން އިންސްޓަގްރާމުގައި ޝެއަރކޮށްފައިވާ ސްޓޯރީގެ ސްކްރީން ޝޮޓެކެވެ. އެ ފެނުމުން އަހަރެންގެ ހިތް ހުއްޓުނު ފަދައެވެ. މައިންނާއި ދަރިންނާ ދެމެދު އޮންނަ އިލާހީ ގުޅުމުގެ ވަރުގަދަކަމާއެވެ. ޔާﷲ

އަޝްފާގެ ސްޓޯރީގައި އޮތީ "މަރުގެ މަލާއިކަތާ ވަޑައިގަތުމުން…. މަޝްވަރާއެއް ނުކުރެވޭނެ" ކަމަށެވެ. އެ ޕޯސްޓް އަޝްފާ ލީ ހިތާމަވެރި އެ އެކްސިޑެންޓުގައި ދަރިފުޅު ނިޔާވުމުގެ ހައެއްކަ ގަޑިއިރުވަރު ކުރިއެވެ. އިންސްޓަގްރާމްގައި ސްޓޯރީއަށް ލެވޭނޭ ޒާތުގެ އެތައް ޕޯސްޓުތަކެއް ހުއްޓައި އަޝްފާ މި ޕޯސްޓު އިއްޔެ ކުރީ އޭނާގެ ހިތަށް ކޮން ކަހަލަ އެއްޗެއް އިހުސާސްވެގެން ބާވައެވެ؟ އެއީ އޭގެ ކުރިން އަޝްފާ ލާ ކަހަލަ ޕޯސްޓެއް ވެސް ނޫނެވެ. ކޮންމެވެސް ގޮތަކުން މިކަން ވާންވެގެން އުޅޭކަން ހިތަށް ވެއްދެވީކަން ކަށަވަރެވެ. އެ ފޮޓޯގައި އިނީވެސް ފިރިހެން ކުއްޖެކެވެ. އަހަރެންގެ މުޅި ގައިން ހީބިހީގެ ރާޅު ނަގަން ފެށިގޮތަށް ނުހުއްޓުނެވެ.

ބަލައިލަން: އަޝްފާ އިންސްޓާއަށް ލައިފައިވާ ސްޓޯރީގެ ލިންކު

އަލްސަން އިއްޔެ ނިޔާވުމުގެ ކުރިން އޭނާގެ އިންސްޓްގްރާމުގައި ވެސް އާދަޔާޚިލާފު ފޮޓޯއެއް ވަނީ ޕޯސްޓްކޮށްފައެވެ. އެ ފޮޓޯގައި ފެންނަނީ ވިލާ ކޮލެޖު ކައިރިން، ބޮޑުތަކުރުފާނު މަގުން އިރުން ހުޅަނގަށް ސައިކަލްގައި އޭނާ ދާތަނެވެ. އަލްސަން މަރުވި އެކްސިޑެންޓް ހިނގީ އެ މަގުން، ހުޅަނގުން އިރަށް ސައިކަލްގައި އަންނަނިކޮށް މާފަންނު ބަސް ޓާމިނަލް ކުރިމަތިންނެވެ. (އަލްސަނަށް 18 އަހަރު ނުފުރޭތީ ސައިކަލް ލައިސަންސް އޭނާ އަތުގައި އޮންނާނެ ކަމަކަށް ނުބެލެވެއެވެ.)

އަނެއްކާ ވެސް ހީބިހި ނަގައިގެން ދިޔައެވެ. އެ ފޮޓޯގައި އަލްސަން ލިޔެފައި ވެއެވެ.

"މަށާއެކު ބުރެއް ޖަހައިލަން ދާނީ ކާކު (އެކަމަކު) ބާރަށް ހިފަހައްޓާ ފުރާނައަށް ލޯތްބާއެކު ސަމާލުވާތި"

ކޮން ކަހަލަ އިއްތިފާގެއްބާވައެވެ؟ އަލްސަން ސައިކަލްގައި ރޭ ނުކުންނާނީ އޭނާގެ އެންމެ ފަހު ދަތުރަށްކަން އޭނާއަށް މާ ކުރިން އިލްހާމްވެފައި އޮތީހެއްޔެވެ؟

އަހަރެންގެ ހިޔާލަށް އައީ މީގެ 30 އަހަރު ކުރިއެވެ. އަހަރެންގެ މަންމަ ނިޔާވުމުގެ ތިން ދުވަސް ކުރިން، އިނގިރޭސި އިމްތިހާނުގެ މަޒުމޫނެއްގެ ސިފައިގައި އަހަރެން ލިޔުނު ލިޔުމާ ދޭތެރޭގައެވެ. އެ ލިޔުމުގައި އަހަރެންގެ މަންމަ މަރުވި ވާހަކައާއި މަރުވުމުން ދެން ވާނޭ ގޮތުގެ ވާހަކަ އަހަރެން އޮތީ ލިޔެފައެވެ.

އޭގެ އެތައް އަހަރުތަކަކަށް ފަހުގައިވެސް އަހަރެންގެ އަމިއްލަ ނަފުސަށް އަހަރެންނަށް މާފުކުރަން ދަތިވިއެވެ. އަހަރެން ވަރަށް ގިނަ ދުވަސް ވަންދެން ގަބޫލުކުރީ އަހަރެން އެ ލިޔުން ލިޔުމުން އަހަރެންނަށް އެ ގޮތް މެދުވެރިވީ ކަމަށެވެ.

އެކަމަކު މިއަދު އަހަރެން އެއަށް ވުރެ ހިކުމަތްތެރި ވެއްޖެއެވެ. އަހަރެންނަށް ލިޔެވޭ އެއްޗަކުން ނުވަތަ ބުނެވޭ އެއްޗަކުން މީހެއްގެ މަރު ގެންދިޔުމުގެ ބާރަކީ އަހަރެންނަށް ލިބިފައިނުވާ ކުޅަދާނެ ކަމެއްކަން އެނގެއެވެ. މިއަދު އަހަރެން ދެކެނީ އެއީ އަހަރެން ހައްދަވައި ގެންގުޅުއްވާ ރަސްކަލާނގެ އަހަރެން ދެކެ ވާ ލޯބީގެ ބޮޑުކަމުން އަހަރެންގެ މަންމަ މަރުވާކަން ކޮންމެވެސް ގޮތަކަށް އަހަރެންނަށް އެންގެވީކަމެވެ. މި ވިސްނުން އަހަރެންނަށް އައީ އެތަކެއް ބަޔަކާ ވާހަކަ ދެއްކުނު ފަހުންނެވެ.

މިއީ ހަމައެކަނި އަހަރެންގެ އެކަނި ތަޖުރިބާއެއް ނޫނެވެ. ކިތަންމެ ގަބޫލުކުރަން ދައްޗަސް އަހަރުމެންގެ ގާތް މީހުން މި ދުނިޔެ ދޫކުރާ ވަގުތު ކައިރިވުމުން ކޮންމެވެސް ގޮތަކުން އަހަރުމެންނަށް އަލާމާތްތައް ފެނެއެވެ. ނަމަވެސް އެ ދިމާވި ކަންތަކުގެ މާނަ ފުންކަން އިހުސާސް ކުރެވެނީ އެ މީހަކު ދުނިޔެ ދޫކުރުމުންނެވެ. ޖިސްމު މަށިން ހައްދަވައި ފުރާނަލެއްވެވި ފަރާތަށް ރުޖޫއަވާން ޖެހޭ ވަގުތު ޖެހުމުން އެކަކަށް ވެސް އެ ކަން ހުއްޓުވުމުގެ ބާރެއް ނޯވެއެވެ. ނަމަވެސް ކުޑަ ހިނދުކޮޅަކަށް ވާނޭ ކަންތަކުގެ ރޮއްޖެއްގެ މިންވަރު އަހަރުމެންނަށް ފެންނަނީ ކީއްވެގެން ކަމެއް ސައިންސަކުން ނޭނގެއެވެ. ކަން ވާން އޮތް ގޮތާމެދު އެއްވެސް ބާރެއް ނުފޯރުވޭ ހިނދު، ޣައިބުގައިވާ ކަންކަމުގެ ހިލަމެއް ބައެއް ފަހަރު އަހަރެމެންނަށް ދައްކަވަނީ އޭގެ ފަހަތުގައި ކޮން ހިކުމަތެއް ވާތީ ކަމެއް ނޭނގެއެވެ. އަހަރުމެންގެ ހިތްތައް ވަނީ މި އާލަމު ފިޔަވާ އެހެން އާލަމުތަކާ ގުޅިފައިކަން ޔަގީނެވެ.

ހަމަ އޭގެ ކުޑައިރުކޮޅެއް ފަހުން އަހަރެންގެ އެޑިޓަރު އަހަރެންގެ ކައިރީ މި ޕޯސްޓުތަކާ ބެހޭ ފީޗަރއެއް ލިޔެވިދާނެތޯ އަހައިފިއެވެ. މިއަދަކީ އަހަރެން "އަދިވެސް" އޮންލައިނާ ގުޅުނު ދުވަހެވެ. ރަހުމަތްތެރިއެއްގެ ގާތުގައި މިއަދު އަހަރެން ބުނީމެވެ. އަހަރެންނަށް މި ވަޒީފާ ލިބުނީ އެންމެ ރަނގަޅު ގޮތެއްގައި އަހަރެންގެ ބޭނުން ހިފި، ނޫސްވެރިކަމުގެ ރޮނގުން ކުރިއަށް ދެވޭނެ ތަނަކުން އަހަރެންނަށް ވަޒީފާއެއް ދެއްވުމަށް އެދި ތަކުރާރުކޮށް ﷲ އަށް ދުއާ ދެންނެވުމުންނެވެ. އަހަރެންގެ ލޮލުން ކަރުނައައެވެ. އެކަމަކު މިއީ އަހަރެން އެންމެ ފުރަތަމަ ލިޔަން ބޭނުންވި ހަބަރެއް ނޫނެވެ.

އަހަރެންގެ މި ލިޔުންކޮޅު މި ނިންމާލަނީ އަލްސަންގެ ފުރާނައަށް މާތް ﷲ ހެޔޮ ރަހުމަތް ލެއްވެވުން އެދި ދުއާކުރަމުންނެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި އަލްސަންގެ މަންމައާއި ބައްޕައަށް ހިތްވަރު ދެއްވުމަށް އެދި މާތް ﷲ އަށް ދުއާކުރަމުންނެވެ. އިންސާނުންނަށް އެ މީހުން ދުނިޔެއިން ދާނޭ ވަގުތެއް ނޭނގެއެވެ. ނަމަވެސް އަހަރުމެން އެންމެންވެސް މިރޭ ނިދާނީ މާދަމާ ހޭލުމުގެ އުންމީދުގައިކަން ޔަގީނެވެ.

ކާކަށްތަ ދާނައީ ކުޅަ

ވާގިލާރުން ޖަހާދަ މުގު

ލާކަށެއް އިރާދަ މުގު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
8161
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. މި ޚަބަރާ ގުޅިގެން ކިޔާލެވުނު އެންމެ ފުރިހަމަ އާރޓިކަލް. ޝުކިރިއްޔާ ލިޔުންތެރިޔާ!

  2. ވަރަށް ކިޔާލާހިއްވާ ފަދަ ޝައުގުވެރި ލިޔުމެއް. މަރްޙޫމުގެ ފާފަ ފުއްސަވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. ލިޔުންތެރިޔާއަށް ކުރިއެރުން ދެއްވާށި. އާމީން

  3. ވަރަށް އިބްރަތްތެރި ވ ފުރިހަމަ ވ ޝައުވެރި ލިޔުމެއް ކިޔާލުމުން ފެންކަޅިވި އަދި އިބާރާތް ކުރުން ވ މޮޅު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *