ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިއަދު އަރުއްވައިފިއެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެންނެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުން ގެންދާ އަގުހުރި އެހީތެރިކަމާއި އެއްބާރުލުމަށް، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީ ޢަހްދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ އަގުހުރި ޚިދުމަތްތަކަށާއި، ޙައްޖު އަދި ޢުމްރާއަށްދާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ އެކިއެކި ފަސޭހަތަކާއި ކުރިއެރުންތަކަށް އެމަނިކުފާނު ތަޢުރީފުކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއާއި ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ދެއްވަމުންނެވެ.
ސައުދީން އައު ސަފީރެއް މި އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި މަޓްރެކް ބިން އަބްދުالله އަލްއަޖަލީން އަލް ދޯސަރީގެ ދައުރު މިދިޔަ އޭޕްރީލް މަހު ހަމަވުމުންނެވެ.
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 17 މާރިޗު 1981 ގައެވެ.



advertisment