އެމެރިކާގެ މިއުޒިކް ސިނާއަތުގެ ދާއިރާއަށް ލޮޅުން އަރުވައިލި ޝަރީއަތުގައި، އެމެރިކާގެ އާދަޔާ ހިލާފަށް ނުފޫޒު ގަދަ ފަންނާނު އަދި ވިޔަފާރިވެރިޔާ ޝޯން ކޯމްބްސް ނުވަތަ ވަނަމުން ނަމަ "ޑިޑީ"އަށް ކުރި ފަސް ދައުވާގެ ތެރެއިން ދެ ދައުވާ ސާބިތުވެގެން އޭނާގެ ޝަރީއަތް ނިމިއްޖެއެވެ.
ޑިޑީގެ މައްޗަށް އިއްޔެ ސާބިތުވީ ހަށިވިއްކުމުގެ ވިޔަފާރިއަށް މަގުފަހި ކުރި ކަމުގެ ދައުވާއެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ހަށިވިއްކުމަށްޓަކައި މީހުން ތަންތަނަށް ގެންދިޔަ ކަމުގެ ދައުވާތައް ސާބިތެއް ނުވިއެވެ.
ނިއު ޔޯކްގެ ފެޑެރަލް ކޯޓުގެ ފަނޑިޔާރު އަރުން ސުބްރަމާނިއަން ވަނީ ޑިޑީއަށް ކަފާލާތު ދެއްވަން ދެކޮޅު ހައްދަވައިފައެވެ.
"އޭނާއަކީ އަނިޔާވެރި ގޮތަކަށް އަމަލުތައް ގުދުރަތީ ގޮތުން ހުންނަ މީހެއް،" ކަފާލާތު ދެއްވުމަށް ދެކޮޅު ހައްދަވަމުން އަރުން ވިދާޅުވިއެވެ.

ޑިޑީއާ ދެކޮޅަށް 2023 ގައި ފެށި މަދަނީ ޝަރީއަތްތަކުގައި 100 އަށްވުރެ ގިނަ އަންހެނުންގެ އިތުރުން ފިރިހެނުން ވެސް ތުހުމަތު ކުރީ ޑިޑީ އެ މީހުންނަށް ޖިންސީ އަނިޔާކުރި ކަމަށެވެ.
ޑިޑީގެ ކުރީގެ އަންހެން ލޯބިވެރިޔާ ކެސީ ވެންޓޫރާ އާއި އިތުރު ހަތަރު އަންހެނުން ބުނެފައިވަނީ ޑިޑީ އެ މީހުން ރޭޕް ކުރަން އުޅުނު ކަމަށާއި ޑްރަގް ދީގެން އެ މީހުން މަސްތު ކުރުވައިފައިވާ ހާލަތުގައި އެ މީހުންނަށް އަނިޔާކޮށްފައިވާ ކަމަށެވެ. ޝަރީއަތުގައި ނަން ހާމަ ނުކޮށް އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ތުހުމަތު ކުރީ އޭނާ ލައްވާ ގަދަކަމުން ހަށިވިއްކުވަން ޑިޑީ މަސައްކަތް ކުރި ކަމަށެވެ.
އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން ބައިވަރު ބޮޑެތި ފިރިހެނުން ވެސް ބުނީ 2006 އާއި 2015 އާ ދެމެދު ޑިޑީ އެ މީހުންނަށް ޖިންސީ އަދި އެހެނިހެން އަނިޔާ ކުރި ކަމަށެވެ.
އެ ގޮތުން 2019 އާއި 2022 އާ ދެމެދު ތިން ފިރިހެނުން ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކެއްގައި ބުނެފައިވަނީ ނިއު ޔޯކްގެ ހޮޓާތަކުގައި އެ މީހުންނަށް ޑްރަގް ދީފައި، އެ މީހުން މަސްތުވެ ހޭނެތިފައިވާ ހާލުގައި އޮއްވައި އެ މީހުންގެ ފުރަގަސްފަރާތުން ޑިޑީ ވަނީ އެ މީހުން ރޭޕްކޮށްފައި ކަމަށެވެ.
ނަން ހާމަ ނުކުރާ 17 އަހަރުގެ ފިރިހެން ކުއްޖަކު ބުނީ 2012 ގައި ސޯހޯ ކްލަބްގައި އޭނާއަށް މަސްތުވާތަކެތި ދީ، އޭނާ އަމަލުވެފައި ވަނިކޮށް ޑިޑީ އޭނާއަށް ޖިންސީ ހާނީއްކަ ކުރި ކަމަށެވެ.
އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށް މިދިޔަ އެޕްރިލް މަހު ހުށަހަޅައިފައިވާ މައްސަލައެއްގައި ފިރިހެނަކު ބުނެފައިވަނީ 2015 ގައި އޮތް ޕާޓީއެއްގައި އޭނާއަށް ޖިންސީ އަނިޔާ ކުރަން ޑިޑީ އެހެން ބަޔަކަށް މަގުފަހިކޮށްދިން ކަމަށެވެ.
މީގެ އިތުރުން 1990 ގެ އަހަރުތަކުން ފެށިގެން ވެސް އެކި ފިރިހެނުން ވަނީ ޑިޑީ އެ މީހުން ފުރަގަސްފަރާތުން ރޭޕް ކުރި ކަމަށާއި އެ މީހުންނަށް މަސްތުވާތަކެތި ދިން ކަމަށާއި އަދި އެހެނިހެން ގޮތްގޮތުން ވެސް އެ މީހުންގެ ޖިންސީ ފައިދާ ނަގަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
ޑިޑީ ވަނީ މި ހުރިހާ ދައުވާތަކަށް އިންކާރުކޮށްފައެވެ.
"އަހަރެން ދުވަހެއްގައި ވެސް ނޯންނާނެ އެއްވެސް މީހަކަށް ޖިންސީ ހަމަލާއެއް ދީފައެއް. އެއީ ބޮޑު މީހަކަސް ނުވަތަ ކުޑަކުއްޖަކަސް ނުވަތަ ފިރިހެނަކަސް ނުވަތަ އަންހެނަކަސް. އަހަރެންނާ ދެކޮޅަށް އެ މީހުން އެ ދައުވާ ކުރަނީ ފައިސާގެ ބޭނުމުގައި،" ޑިޑީ ބުނެފައިވެއެވެ.
ކަފާލާތު ދެއްވަން އަރުން ދެކޮޅުހެއްދެވުމާ ގުޅިގެން ޑިޑީގެ މައްޗަށް އަންނަ އޮކްޓޫބަރު ތިނެއްގައި ހުކުމް އިއްވަންދެން އޭނާ ހުންނާނީ ބަންދުގައެވެ.
ޑިޑީއަށް 20 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. ނަމަވެސް ދައުލަތުގެ ވަކީލުން އަމާޒު ކުރަނީ ހަތަރެއް ނުވަތަ ފަސް އަހަރުގެ ޖަލު ހުކުމަކަށެވެ.
ބައެއް ދައުވާތަކުން ސަލާމަތްވުމުން ޝަރީއަތުގައި ތަޅުންގަނޑު މައްޗަށް ތިރިވެ، ގޮނޑީގައި ބޯ އަޅައިގެން ދުއާ ކުރާ ޒާތަކަށް ޑިޑީ އިން ކަމަށް ކޯޓުގައި ތިބި ނޫސްވެރިން ރިޕޯޓްކުރިއެވެ.
"ލޯބިވާއެވެ، އަހަރެން އެނބުރި ގެއަށް މި އަންނަނީއެވެ،" ކޯޓުގައި ތިބި ޑިޑީއަށް ތާއީދު ކުރާ ފަރާތްތަކަށް އޭނާ ބުނި ކަމަށް ވެސް ރިޕޯޓަރުން ބުންޏެވެ.
ޑިޑީގެ ވަކީލު މާކް އަގްނިފިލޯ ބުނީ ބައެއް ދައުވާއިން ސަލާމަތް ވުމަކީ "ޑިޑީއަށް ލިބުނު ބޮޑު ކާމިޔާބެ"އް ކަމަށެވެ.
"މިއީ ޖޫރީ މެންބަރުންގެ އަޣުލަބިއްޔަތުން ހުކުމް ކަނޑައަޅާ ނިޒާމަށް ވެސް ލިބުނު ބޮޑު ކާމިޔާބެއް،" އޭނާ ބުންޏެވެ.



advertisment