ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
މެޑަމް ސާޖިދާ ޕްރާނަކަން މިއުޒިއަމަށް ވަޑައިގަތުމާއެކު އެ ކަމަނާއަށް މަރުޙަބާ ދެންނެވީ އޭޝިއަން ސިވިލައިޒޭޝަންސް މިއުޒިއަމް އަދި ޕްރާނަކަން މިއުޒިއަމްގެ ޑިރެކްޓަރ ކްލެމެންޓް އޯންއެވެ.
ޕްރާނަކަން މިއުޒިއަމުން ވަނީ އެ މިއުޒިއަމްގެ އާސާރުތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ދައްކަވައިލައްވައި، އެ މިއުޒިއަމްގެ އެކިއެކި ކަލެކްޝަންތަކާ ބެހޭ މަޢުލޫމާތު އެ ކަމަނާއާ ހިއްސާ ކުރައްވައިފައެވެ.
މި މިއުޒިއަމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޕްރާނަކަން ތަރިކައިގެ މައްޗަށް އެކުލެވިފައިވާ އެކިއެކި އެގްޒިބިޓް ދައްކުވައިދޭ އަދި އެބައިމީހުންގެ ތާރީޚާއި އަމިއްލަވަންތަކަމާއި ސަގާފަތާ ބެހޭ މަޝްވަރާތަކަށް ހުޅުވާލެވިފައިވާ މަންސައެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅު މާދަމާ ނިމޭނެއެވެ.



advertisment