Support Us

ސިންގަޕޫރުގެ ބޮޑުވަޒީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު ލޯވްރެންސް ވޮންގްއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު ވޮންގް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މި ދަނޑިވަޅަކީ، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ސިޔާސީ ގުޅުމުގެ ރަންޔޫބީލް އަހަރުކަން ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް، މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރުތައް ހޯދައި، އިޤްތިޞާދު ސިންދަފާތުކުރުމާ ގުޅޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު ވޮންގް ވާހަކަފުޅުދެއްކެވިއެވެ.

އަދި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތަ ކަމުގައި ހެދުމަށް ސަރުކާރުން ކަނޑައަޅައިފައިވާ އަމާޒަށް ވާސިލުވެ، އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވުނަކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް ދެބޭފުޅުންގެ މަޝްވަރާތަކުގައި އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން ތަޢުލީމާއި، އިންސާނީ ވަސީލަތް ކުރިއެރުވުމާއި، އާބަން ޕްލޭނިންގްގެ ދާއިރާއިން ފަންނީ ޢިލްމު ޙިއްޞާކުރުން ހިމެނޭހެން ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.

އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން ރާއްޖެއާއި ސިންގަޕޫރުން އެކިއެކި މަންސަތަކުގައި އިތުރަށް ގުޅުން ބަދަހިކޮށް، ވަކީން ޚާއްސަކޮށް މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރާ އަސަރުތަކުގައި، ދެޤައުމަށް އޮތް ގޮންޖެހުންތަކާ މެދު ހަރުދަނާ ގޮތެއްގައި އަޑުއުފުލުމާމެދު، މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން، އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ދިވެހިރާއްޖެއާއޮ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރީ 20 ފެބްރުވަރީ 1975 ގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް