Support Us

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ ރައީސާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ސިންގަޕޫރުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް ޝަންމުގަރަނަމް ވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުވުމުގެ ރަންޔޫބީލާ ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅާމެއް ކުރައްވާތީ އުފާ ފާޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސިންގަޕޫރުން، އަދި ވަކިން ޚާއްޞަކޮށް ރައީސް ޝަންމުގަރަނަމްގެ ފަރާތްޕުޅުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށާއި ބެހެއްޓެވި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުމުގެ މައްޗަށް ނަޒަރު ހިންގަވައި، ދެ ޤައުމުގެ ދެމެދުގައި އޮތް މި ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމް ފާޅުކުރައްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގާތް ގުޅުން ފާހަގަކުރައްވައި، ތަމްރީނާއި ތަޢުލީމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އަދި ޢުމްރާނީ ތަރައްޤީ ފަދަ ދާއިރާތަކުން ދެ ޤައުމަށް ފައިދާ ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި، ފަތުރުވެރިކަމުގެ އިތުރުން ތަފާތު ދާއިރާތަކުން އިޤުތިޞާދު، ފުޅާކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ގައި ސިޔާސީ ގުޅުން ގާއިމުވިފަހުން، ފާއިތުވި 50 އަހަރުގެ ދިގު ދަތުރުގައި ދެ ޤައުމުގެ ދެމެދުގައި ހިނގާފައިވާ މުހިންމު ކަންކަމާއި، ހާސިލުވި ކުރިއެރުންތައް ހިމެނޭ ހަނދާނީ ފޮތެއް ރައީސް ޝަންމުގަރަނަމް އަށް ހަދިޔާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް