ޙައްޖާޖީންނަށާއި ޢުމްރާގެ އަޅުކަމަށް ދާ މީހުންނަށް، އަދި ދެ ޙަރަމްފުޅު ޤަޞްދުކޮށްގެން ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް، ދެއްވާ ޚާއްޞަ މެހެމާންދާރީއާއި ޚިދުމަތްތަކަށް އަދި ފަހިކޮށްދެއްވާ ފަސޭހަތަކަށް ޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށާއި، އެ ޤައުމުގެ ސަރުކާރަށް ވަރަށް ޚާއްޞަ ޝުކުރެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދާކުރައްވައިފިއެވެ.
ރޭ މުޒްދަލިފާ ބިމުގައި ހުންނަވައި، ރައީސުލްޖުމްހޫރިއްޔާގެ އެކްސް އެކައުންޓުން، ޢަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި، ސަޢޫދީ ޢަރަބިއްޔާގެ މި އޯގާތެރިކަން އެމަނިކުފާނު ސިފަކުރައްވާފައި ވަނީ، ހިތަށްވެސް ގެންނަންދަތި، މަތިވެރި ޚިދުމަތްތަކެއްގެ ގޮތުގައެވެ. އަދި ހުއްޓުމެއްނެތި ކުރައްވަވާ ބުރަ މަސައްކަތްޕުޅެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، ސަޢޫދީ ޢަރަބިއްޔާގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ތައުފީޤު އަބަދުމެ ދެއްވުން އެދި ދުޢާ ކުރައްވާފައި ވެއެވެ. އަދި މި އިޙްސާންތެރިޚިދުމަތުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ރައްކާތެރިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި ކުރައްވާފައިވާ ދުޢާގައި، ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް ދިގު ޢުމުރުފުޅަކާއި، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތަށް އެދިވަޑައިގެންފައި ވެއެވެ. އަދި ޙަސަދަވެރީންނާއި، ޚިޔާނާތްތެރީންނާއި މަކަރުވެރީންގެ ނުރައްކަލުން ސަޢޫދީ ޢަރަބިއްޔާ ސަލާމަތްކޮށްދެއްވައި، އެ ޤައުމުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ދަމަހައްޓަވައި، އުފާފާގަތިކަން ދެއްވައި، ޢިއްޒަތްތެރިކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
ދިވެހި ޙައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ސަޢޫދީ ސަރުކާރުން ދަނީ އަބަދުވެސް ފަހިކޮށް ދެއްވަމުންނެވެ. ވަކީން ޚާއްޞަކޮށް، މައްކާ ރޫޓް އިނީޝިއޭޓިވްގައި، ޚާއްޞަ ހުއްދައަކާ އެކު ދިވެހިރާއްޖެ ބައިވެރިކުރެއްވުމާ ގުޅިގެން، މި އަހަރުން ފެށިގެން ދިވެހި ޙައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އަދި ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ޙައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ޚިދުމަތްތަކެއް ވަނީ އިތުރަށް ފަހިވެފައެވެ.




advertisment