Support Us

ޙައްޖު ވެކްސިނާއި ބޭސް ހިލޭކޮށްދެއްވައިފި

ދިވެހިން ހައްޖަށް ދާން ޖަހާ ވެކްސިނާއި ޙައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު މައްކާގައި ދިވެހި ޙައްޖުވެރިންނާ ބައްދަލުކޮށްލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ޙައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށެވެ. އަދި ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ޙައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށް ކަމުގައެވެ.

ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރާތް ކުރައްވައި، ޙައްޖުވެރިންނާ ބައްދަލުކޮށްލައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހީން ޙައްޖަށް ފުރީއްސުރެ އެނބުރި ރާއްޖެ ދެވެންދެން ހުރިހާ ކަމެއް ވީހައިވެސް ފުރިހަމައަށް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މިގޮތުން ޙައްޖުވެރިންނާ ވަރަށް ގާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިއަހަރުގެ ޙައްޖުވެރިންގެ ހުރިހާ ކަމެއްވެސް ފުރިހަމައަށް އިންތިޒާމު ކުރުމަށް ސަޢޫދީ ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައި ލެއްވިއެވެ. މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ދިވެހި ޙައްޖުވެރިން މިނާގައި ތިބުންވެސް 'އަޕްގްރޭޑް’ކޮށް ޚިދުމަތާއި އިންތިޒާމުތައް ކުރިއަށްވުރެ މަތިކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ދިވެހިންނަށް ޚާއްޞަ ކްލިނިކެއްވެސް ޤާއިމުކޮށް ދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހުރިހާ ކަމަކަށްޓަކައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އަދި އެންމެހައި ދިވެހި ޙައްޖާޖީންގެ ފަރާތްޕުޅުން ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިމޭރުމުން ދެއްކެވި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ސަރުކާރުން ދިވެހިންނާމެދު ދެކެނީ ވަރަށް ގާތްކޮށް، ވަރަށް އުޚުއްވަތްތެރިކޮށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައިކަން ފާހަގަކުރައްވައި، އެކަމަކީ ދިވެހިން އުފާކުރަންވާނެ ކަމެއްކަމުގައި ވިދާޅުވެފައެވެ.

ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް މިއަދު މި ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ވަކިވަކި ޙައްޖާޖީންނާ ބައްދަލު ކުރައްވައި އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން 1000 ޙައްޖާޖީން ދަތުރުކުރިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *