ސަޢޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ޚާއްޞަ ދައުވަތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މި އަހަރު ހައްޖަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ ހަތް ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ ސަޢޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ޚާއްޞަ ދަތުރެއް ކަމަށާއި، ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާ ދެއްވައިފައި ވަނީ ހިލޭ، ރޯޔަލް ކޯޓުން ކަމުގައެވެ.
މިއަދުގެ އެޕިސޯޑުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހި ހައްޖާޖީންގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައި ވަނީ ވަރަށް ފެންވަރު ރަނގަޅުކޮށް ކަމުގައި ވިދާޅުވިއެވެ. މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ޙައްޖާޖީންނަށް މައްކާއަށް ދެވުމުން އެއާޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، އަދި މައްކާއިން މަދީނާއަށް ދާނީވެސް ސީދާ ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައި ދެތިން ގަޑިއިރު، ގާތްގަނޑަކަށް ދެ ގަޑިއިރުތެރޭ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި މި ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ ސަޢޫދީ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ކުރެއްވި މަސައްކަތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަމުން ފެންނަނީ ސަޢޫދީ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަން ކަމަށާއި، އެގައުމުން ރާއްޖެއަށް ދެއްވާ އަހައްމިއްޔަތުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"ރާއްޖެއާ ދޭތެރޭގައި ވަރަށް ވަރަށް އިޙްސާންތެރިކޮށް، ވަރަށްގާތްކޮށް ހިއްތަވަނީ. އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ސަޢޫދީ ރަސްގެފާނު އަދި ކްރައުން ޕްރިންސް ވަލީޢަހުދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



advertisment