ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ރޭ ސޯޝަލް ސެންޓަރގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތަކުން އެއް ވަނަ ހާސިލުކުރި ފަރާތްތަކަށާއި، މުޅި މަޢުރަޒުން އެންމެ މަތިން މާކްސް ހޯދި ފަސް ފަރާތަށް ރަން ވަނަ ހަވާލުކޮށްދެއްވާފައެވެ.
މުޅި މަޢުރަޒުން އެންމެ މޮޅު 5
1. ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ
2. އަބުޑީ މޯލްޑިވްސް
3. މޯލްޑިވްސް ޕޮލިޓެކްނިކް
4. މުޙައްމަދު މޫސާ، ގަރާޑީގެ، ރ. އިނގުރައިދޫ
5. ޢަލީ މާހިރު
އެކި ދާއިރާތަކުން 1 ވަނަ
1. އަމިއްލަ ފަރުދުންގެ ބައިން 1 ވަނަ، ލުޖައިން ޢަލީ ވަޙީދު، ހ. ހުޅުދުއްފާރު އާގެ
2. ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، ގއ. ވިލިނގިލި ކައުންސިލްގެ އިދާރާ
3. ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއިން 1 ވަނަ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
4. ވިޔަފާރިތަކުގެ ދާއިރާއިން 1 ވަނަ، ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
5. ތަޢުލީމުދޭ މަޒުކަޒުތަކުގެ ދާއިރާއިން 1 ވަނަ، މޯލްޑިވްސް ޕޮލިޓެކްނިކް
6. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާއިން 1 ވަނަ، ފާތުމަތު ޝަފަޤް، ރެޑިއަމުގެ، ތ. ވިލުފުށި
7. ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއިން 1 ވަނަ، ވިމެން އޮންޓަރޕްރަނިއަރސް އެސޯސިއޭޝަން މޯލްޑިވްސް
8. މުޅި މަޢުރަޒުން 1 ވަނަ ސިޓީ/ރަށް، އައްޑޫ ސިޓީ ހިތަދޫ
9. ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ދާއިރާއިން 1 ވަނަ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރޭގެ ރަސްމިއްޔާތުގައި ޖުމްލަކޮށް 275 ވަނައެއް ހޮވައި އިނާމު ހަވާލުކޮށްފައިވެއެވެ.
އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުންނެވެ. މިގޮތުން އެންމެ ގިނައިން ބައިވެރިވެފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މި މަޢުރަޒުގައި ހދ. އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައި ވެއެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ. ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600 އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު"ގެ ނަމުގައި މަޢުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ހުސްވި އަހަރުގެ މޭގައެވެ.
މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މަޢުރަޒެކެވެ. މި މަޢުރަޒު ކުރިއަށްދާނީ މިރެއިން ފެށިގެން މި މަހުގެ ނިޔަލަށެވެ. މި މަޢުރަޒު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވޭ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.



advertisment