މަތީގައި އެވާ ފޮޓޯއަށް ބަލައިލާށެވެ. އެ ފޮޓޯއިން އެ ފެންނަނީ މުރުޝިދާ ބޭގަމްއެވެ. ތިރީގައި އެވަނީ އޭނަގެ ހަޔާތުގެ ކުރު ވަށަ ރޮނގެކެވެ.
"މާތްﷲއަށް އިންތިހާއަށް އަހަރެން ހަމްދުކޮށް ޝުކުރުވެރިވަމެވެ. އެހެނީ، އަހަރެން ނިދަން އޮންނާނެ ގެއަކާއި ކާލާނެ ކާ އެތިކޮޅަކާއި އަހަރެން ލޯބިވާނޭ ދަރިން އަހަންނަށް ލިބިފައިވާތީއެވެ. ގެދޮރު ނެތް، ފިނި މޫސުމުގެ ގަދަ ފިނީގެ ވޭން ބަރުދާސްތުކުރާ އެ މީހުންނެއް މިތާ ކައިރީ ރޭލުވޭ އިސްޓޭޝަން ދޮށުގައި އުޅެއެވެ. މެންދުރު ފަހުގެ ވަގުތުތަކުގައި އެމީހުން އުޅެނީ ސަލާންޖަހާށެވެ. އެ މީހުންނާ އަޅާލާނެ އެކަކު ވެސް ނޫޅެއެވެ. އަހަންނަށް މި ބުނި މީސްމީހުން ފެނުނީމައި، އަހަރެންގެ ހުރި ކުދިކުދި މައްސަލަތަކާ މެދު މާތްﷲގެ ހަޟުރަތުގައި ޝަކުވާކުރުމުގެ އެދުން މުޅިން ކެނޑިގެންދެއެވެ.
(ފޮޓޯއިން އެ ފެންނަ ފަދައިން) ވީރާނާވެ، ހަލާކުވެފައިވާ ޖިފުޓިގަނޑެއްގައި އަހަންނަށް އުޅެން ލިބިފައި، މެންދުރާއި ރޭގަނޑުގެ އަހަރެންގެ ކެއުމަކީ ކުޑަ ބަތްކޮޅަކާއި މުގުރިހަ ކޮޅަކަށް ވެފައި އަހަރެން މި އުޅެނީ ބަލިވެ ކަމުގައި ވިޔަސް، އަހަންނަށް މާތްﷲ ދެއްވާފައިވާ ނިއުމަތްތަކަށް އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. ޝަކުވާ ކުރާނޭ މާ ބޮޑު މައްސަލައެއް އަހަރެންގެ ނެތެވެ. އަހަރެން އުޅެމުން މިދާ ހަޔާތާ މެދު އަހަރެން ހިތް ހަމަޖެހި އެކަމަށް ޝުކުރުވެރިވަމެވެ.
އަހަރެންގެ ހަޔާތުގައި މީހަކަށް ކަމެއް ކޮށެއް ނުދެވެއެވެ. އަހަރެންގެ ފަގީރުކަމުގެ ސަބަބުން އަހަންނަށް ވުރެ ބޮޑަށް ފަގީރު މީހުންނަށް އަހަންނަށް އެހީވެދޭނޭ ގޮތެއް ނެތެވެ. މި ކަން އަހަރެންގެ ހިތަށް ތަދުކުރެއެވެ. އަހަރެންގެ ނަފްސާ އަބަދުމެ އަހަރެން ސުއާލުކުރަމެވެ. 'އަހަރެން މަރުވުމުން އާޚިރަތުގެ ގޮވައްޗަށް އަހަރެން ގެންދާނޭ ހެޔޮ އަމަލަކީ ކޮބައި ހެއްޔެވެ؟'
މީގެ އިތުރުން، ދެން އިތުރު ފިނި މޫސުމެއް ބަރުދާސްތުކޮށް ދިރި ހުރެވިދާނޭ ކަމުގެ އެއްވެސް ޔަގީން ކަމެއް އަހަރެންގެ ނެތެވެ. އަހަރެންގެ އުމުރުގެ މީހުން، ފިނި މޫސުމުގައި އުޅެނީ ވަރަށް ވެސް ވޭނުގައެވެ. މިކަން އެއްވެސް ބަޔަކަށް ފާހަގައެއް ނުކުރެވެއެވެ. މުސްކުޅިވެ، ފަގީރު ހާލުގައި އުޅޭ މީހުން، އެމީހުންގެ ދަތިތަކާއި ވޭންތައް ބަރުދާސްކުރަންޖެހެނީ ހަމަހިމޭންކަންމަތީގައި އެއްވެސް އަޑެއް ނުލައްވައެވެ. އެހެނީ، އެކަމުގެ އަޑެއް ލެއްވިޔަސް، އެ އަޑު އިވޭނޭ ނުވަތަ އަހާނޭ އެކަކު ވެސް ނުހުންނާނެއެވެ. ހޫނު ކަންފުޅެއް ފޯރުކޮށްލަދޭން އަންނާނޭ މީހަކު ނުހުންނާނެއެވެ. ފިނި މޫސުމުގައި، ކޮންމެ ދުވަހަކު ހެނދުނުގެ ވަގުތުގައި އަލިފާން ގަނޑެއް ރޯކޮށް، އޭގެ ވަށައިގެން އަހަރުމެންގެ ތެރެއިން ބައެއް މީހުން ތިބެމުއެވެ. އަހަރުމެން އެންމެން ވެސް އިންތިޒާރުކުރަމުންދަނީ މަރު އައިސް އަހަރުމެންނާ ބައްދަލުކުރުމުގެ ވަގުތަށެވެ. މި ފޭބި އަހަރު މަރު އައިސް އަހަރުމެންގެ އެކުވެރި ސަފޫރާ ބައްދަލުކުރިއެވެ. އޭނާ މަރުވީ ނިޔުމޯނިޔާ ޖެހިގެންނެވެ. މި އަހަރު މަރު އައިސް ގެންދާނީ އަހަރުމެންގެ ތެރެއިން ކާކު ބާވައޭ އަހަރެންގެ ހިތަށް އަރައެވެ.
އަހަރެންގެ ހަޔާތުގެ ދަތުރު އެހާ ފަސޭހައެއް ނޫނެވެ. ދުވަހެއްގައި ވެސް އަހަންނަށް އާ ހެދުމެއް ނުލިބެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހަމަ މުޅިން އާ ސާލެއް އަހަންނަށް ލިބުނެވެ. އެތައް ދުވަހެއް ވަންދެން އެ ހުޅުވާލަން ވެސް ނޭނގިފައި އެއާ ދިމާއަށް ބަލަހައްޓައިގެން އާޝޯޚުވެފައި އަހަރެން ހުރީމެވެ. ދެން، އެންމެ ފަހުން އަހަރެން އެ ސާލު ލާން ގަސްދުކުރި ހިނދު، އަހަންނަށް ފެނުނީ އުމުރުން ނުވަދިހަ ނުވަ އަހަރުގެ އަހަރެންގެ އަވައްޓެރި މަރިޔަމެވެ. އޭނަ އަތުގައި ރަނގަޅު ސާޅިގަނޑެއް ވެސް ނޯވެއެވެ. އެހެންވެ، އަހަރެން ނިންމީ އަހަރެންގެ އާ ސާލު މަރިޔަމަށް ހަދިޔާކުރާށެވެ. އަހަރެންގެ އެދުމަކީ މި ފިނި މޫސުން ނިމެންދެން ނަމަވެސް އޭނަ ދިރި ހުރުމެވެ.
އަހަރެންގެ އާ ސާލުން އޭނައަށް ހޫނުކަމެއް މަދު ދުވަސްކޮޅެއް ވަންދެން ލިބުނަސް އެކަންވާނީ އަހަރެންގެ މުޅި ހަޔާތުގައި އަހަންނަށް ލިބޭ އެންމެ މަތިވެރި އެންމެ ބޮޑު އިނާމަށެވެ. ދެން، އަހަރެން ހެއްޔެވެ؟ އަހަންނަށް އަހަރެންގެ ދުވަސްވީ ބާ ސާލު ފުދެއެވެ. އަހަންނަށް ފިނިވެ، އެކަން ބޮޑުވެއްޖެ ނަމަ އަހަރެން ނަމާދުކޮށް ދުއާކުރަނީއެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް އަހަރެން މިބުނަނީ ހަމަ ފިސާރި ތެދެކެވެ. ނަމާދުކޮށް ދުއާކުރުމުން އަހަންނަށް ހޫނުކަމުގެ އިހުސާސުވެއެވެ."
މި މާތް އިންސާނާއަށް ސުވަރުގެ މިންވަރުކުރައްވައި، ހެޔޮ ރަހުމަތް ލައްވާށިއެވެ! އަދި އޭނަގެ ހަޔާތުގެ ވާހަކައިން ފުދުންތެރިވުމާއި ދީލަތިކަމާއި އީޘާރާއި ޝުކުރުވެރިވުމުގެ މާތް ސިފަ އަހަރުމެންނަށް ދަސްވާނޭ ގޮތް މެދުވެރިކުރައްވާށިއެވެ! އާމީން!
