Support Us

ސައިފު އަލީ ހާން (ވ) އަދި އޭނާއަށް ހަމަލާ ދިން މުހައްމަދު ޝަރީފުލް އިސްލާމް

ސައިފަށް ހަމަލާދިނީ ޝަރީފުލްކަން ކަށަވަރުވެއްޖެ

ބޮލީވުޑް ތަރި ސައީފު އަލީ ހާނަށް ޖަނަވަރީ 16 ވަނަ ދުވަހު ހަމަލާދިނީ މުހައްމަދު ޝަރީފުލް އިސްލާމްކަން ކަށަވަރުވެއްޖެއެވެ.

"ސީސީޓީވީ ވީޑިއޯތަކުން ފެންނަ މީހާގެ މޫނާ ޝަރީފުލްގެ މޫނު ދިމާވާކަން މުމްބާއީ ފުލުހުންގެ ފޮރެންސިކް ޓެސްޓުން ކަށަވަރުވެއްޖެ،" އިންޑިއަން އެކްސްޕްރެސްއިން ހުކުރު ދުވަހު ރިޕޯޓްކުރިއެވެ.

އުމުރުން 54 އަހަރުގެ ސައިފަށް ހަމަލާދިނީ ބަނގްލަދޭޝްއިން އިންޑިއާއަށް ވަގަށް ވަދެގެން އުޅޭ އުމުރުން 30 އަހަރުގެ ޝަރީފުލް ކަމާމެދު ކުރިން ވަނީ ޝައްކު އުފެދިފައެވެ. އެ ގޮތުން ޖަނަވަރީ 19 ގައި ޝަރީފުލް ހައްޔަރު ކުރުމުގެ އެއް ދުވަސް ފަހުން އެހެން މީހަކު ހައްޔަރުކުރިއެވެ. އެއީ އުމުރުން 31 ގެ އާކާޝް ކައިލާޝް ކަނޯޖިއާއެވެ. އޭނާ މިހާރު ވަނީ ދޫކޮށްލައިފައެވެ.

ޝަރީފުލްގެ ހެދުމުގައި ހުރީ ސައިފުގެ ލޭތޯ ބަލަން ފޮރެންސިކް ޓެސްޓެއް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ފުލުހުން ބުނެފައިވާއިރު ސައިފުގެ އެޕާޓްމަންޓުން ފެނުނު އިނގިލީގެ ނިޝާން ޝަރީފުލްގެ އިނގިލީގެ ނިޝާނާ ދިމާވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ޝަރީފުލް މިހާރު ވަނީ ޖުޑިޝަލް ކަސްޓަޑީ ނުވަތަ ފުލުހުންގެ ބަދަލުގައި ކޯޓުގެ ބެލުމުގެ ދަށުގައި 14 ދުވަހަށް ހައްޔަރުކޮށްފައެވެ.

ސައިފުގެ ހަށިގަނޑުގެ ހަ ތަނަކަށް ޝަރީފުލް ވަޅިޖެހިއެވެ. އެ ގޮތުން މައިބަދައަށާއި ކަރަށް ވެސް ޝަރީފުލް ވަނީ ވަޅި ޖަހައިފައެވެ. މިހެންވެ ކުއްލި ދެ ސާޖަރީ ހަދަން ޖެހުނެވެ.

ޝަރީފުލްއާ ދެކޮޅަށް ތުހުމަތު ކުރެވެނީ އިންޑިއާގެ އެއް ކްރޯ ރުޕީސް (1.7 މިލިއަން ރުފިޔާ) ދިނުމަށް އެދި، ސައިފަށް ހަމަލާ ދީ، ސައިފުގެ އެޕާޓްމަންޓުން ފިލައިގެން ދިޔަ ކަމުގެ ތުހުމަތެވެ. ސައިފު ވަނީ ދެ ސާޖަރީއަށް ފަހު ލީލާވަތީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ސައިފުގެ ޓީމުން ބުނެފައިވަނީ ސައިފު ފިޔަވާ އެހެން މީހަކު ޒަހަމްވެފައި ނުވާ ކަމަށެވެ.

ސައިފު އާއި އަންހެނުން، ބޮލީވުޑް ތަރި ކަރީނާ ކަޕޫރު ހާނާއި ދެމަފިރިންގެ އާއިލާއަށް ފުލުހުން ވަނީ ސެކިއުރިޓީ ދޭން ފަށައިފައެވެ. ސަބަބަކީ ސައިފަށް ހަމަލާ ދިނުމާ ގުޅިގެން މުމްބާއީގެ ސަލާމަތީ ކަންތައްތަކާމެދު އިންޑިއާ ރައްޔިތުން ސުވާލު އުފެއްދުމާ ގުޅިގެންނެވެ. ބޮލީވުޑް ތަރި ރޯނިތު ރޯއީގެ ސެކިއުރިޓީ ކުންފުންޏެއްގެ އެހީގައި ސައިފުގެ އެޕާޓްމަންޓް ބެލްކަނީގައި މިހާރު ވަނީ ދަގަނޑު ދާ ޖަހައިފައެވެ.

ސައިފުގެ ދެމަފިރިން ނެރެފައިވާ ބަޔާނެއްގައި ޕަޕަރާޒީ ފޮޓޯ ނަގާ މީހުންނަށް އިލްތިމާސްކޮށްފައިވަނީ ދެމަފިރިންގެ ދެ ދަރިންގެ ފޮޓޯ ނުނެގުމަށެވެ. އެއީ އާއިލާއަށް އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެތީއެވެ.

ސައިފު ބޮލީވުޑަށް ތައާރަފުވީ 1993 ގައެވެ. އޭނާ ކުޅުނު ބައެއް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތައް ވަރަށް މަގުބޫލެވެ.

ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.

ކަރީނާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *