Support Us

ސައިފަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުކުރި އުމުރުން 31 ގެ އާކާޝް ކައިލާޝް ކަނޯޖިއާ މިހާރު ވަނީ ދޫކޮށްލައިފައި

ސައިފުގެ މައްސަލައިގައި ހައްޔަރުކުރި އެހެން މީހަކު ދޫކޮށްލައިފި

މި މަހު 16 ގައި ބޮލީވުޑް ތަރި ސައިފް އަލީ ހާނަށް ދިން ހަމަލާގައި ބަނގްލަދޭޝްގެ އުމުރުން 30 އަހަރުގެ ޝަރީފުލް އިސްލާމް ޝަހުޒާދު ހައްޔަރު ކުރުމުގެ ކުރިން އެހެން މީހަކު ހައްޔަރުކުރިކަން ހާމަވެއްޖެއެވެ.

އުމުރުން 31 ގެ އާކާޝް ކައިލާޝް ކަނޯޖިއާ މިހާރު ވަނީ ދޫކޮށްލައިފައެވެ.

"ނަމަވެސް މި ކަމުގެ ސަބަބުން އަހަރެން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައި. އަދި ރަން ކިއި ކުއްޖާގެ އާއިލާއިން ވަނީ އަހަރެން އެ ކުއްޖާއާ ކައިވެނި ކުރިޔަނުދޭނެކަމަށް އަންގައިފައި،" ކަނޯޖިއާ ބުންޏެވެ.

އޭނާ ހައްޔަރު ކުރީ ސައިފަށް ހަމަލާ ދިން ރެއާ ޖެހިގެން އައި ދުވަހު ބިލަސްޕޫރަށް ދިއުމަށް ރޭލަކަށް އިންތިޒާރުކޮށްގެން ހުއްޓައެވެ.

ކަނޯޖިއާ ހައްޔަރުކުރީ ރެއިލްވޭ ޕްރޮޓެކްޝަން ފޯސް (އާރް.ޕީ.އެފް)އަށް ކަނޯޖިއާއާ ބެހޭ މައުލޫމާތު ފޮނުވައިގެންނެވެ.

އޭނާއަކީ ޓޫރިސްޓުންގެ ޓުއާ ރާވާ ކުންފުންޏެއްގައި ޑްރައިވަރެއްގެ ވަޒީފާގައި އުޅުނު މީހެކެވެ. ވަޒީފާއިން ވަކިކުރީ އޭނާގެ ފޮޓޯ އާއި މައުލޫމާތާއެކު އޭނާ ހައްޔަރު ކުރުމަށް މުމްބާއީ ފުލުހުން އިއުލާން ކުރުމާ ގުޅިގެންނެވެ.

"އާރް.ޕީ.އެފް މުވައްޒަފުން އަހަރެން ހައްޔަރުކުރީ. އަހަރެންގެ ފޮޓޯއާއެކު ނޫސް ބަޔާނެއް ވަނީ އެތައް ޓީވީ ސްޓޭޝަނުންނާއި ނޫސް މަޖައްލާތަކުން ދައްކައިފައި،" ކަނޯޖިއާ ބުންޏެވެ.

އޭނާ ބުނީ އޭނާގެ ފޮޓޯ އިންޓަނެޓުން ނެގުމަށް ގާނޫނީ ޒަރީއާއިން މަސައްކަތް ކުރަމުން މިހާރު އަންނަ ކަމަށެވެ.

ސައިފާއި އަންހެނުން ކަމަށްވާ ބޮލީވުޑް ތަރި ކަރީނާ ކަޕޫރު ހާން މިހާރު ވަނީ ބޭރަށް ދާން ފަށައިފައެވެ. އެ ގޮތުން ސައިފުގެ އާއިލާއަށް ވަނީ ފުލުހުން ހިމާޔަތް ދީފައެވެ. މީގެ އިތުރުން ސައިފުވަނީ ބޮލީވުޑް އެކްޓަރު ރޯނިތު ރޯއި ހިންގާ ސެކިއުރިޓީ ކުންފުންޏެއްގެ ހިދުމަތް ވެސް ހޯދަން ފަށައިފައެވެ.

ސައިފަށް ހަމަލާ ދިނުމުގައި ޝަރީފުލްއަށް އެހީތެރިވެދިން އިތުރު ބަޔަކު އުޅޭ ކަމަށް ޝައްކު ކުރެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އުމުރުން 54 އަހަރުގެ ސައިފުގެ އެޕާޓްމަންޓަށް ވަދެ އޭނާގެ ގައިގެ ހަ ތަނަކަށް ވަޅި ޖެހުމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަރީފުލްއާ ދެކޮޅަށް ތުހުމަތު ކުރެވެނީ އިންޑިއާގެ އެއް ކްރޯ ރުޕީސް (1.7 މިލިއަން ރުފިޔާ) ދިނުމަށް އެދި، ސައިފަށް ހަމަލާ ދީ، އެޕާޓްމަންޓުން ފިލައިގެން ދިޔަ ކަމުގެ ތުހުމަތެވެ. ސައިފު ވަނީ ދެ ސާޖަރީއަށް ފަހު ލީލާވަތީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ޝަރީފުލްގެ މުއްދަތު ޖަހަން ފުލުހުން އޭނާ ކޯޓަށް ގެންގޮސް ބުނީ ކުށުގައި ބައިވެރިވާ އިތުރު މީހުން އުޅޭ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. ކޯޓުން ވަނީ ޝަރީފުލް ތަހުގީގަށް ބަންދުގައި މާދަމާ ނޫން އަނެއް ދުވަހާ ހަމައަށް ބެހެއްޓުމަށް ހުއްދަ ދީފައެވެ.

"ޝަރީފުލްގެ ފަރާތުން ތަހުގީގަށް އެއްބާރުލުމެއް ނުލިބޭ. ސައިފުގެ ގަޔަށް ހަރައިލި ވަޅި ހޯދީ ކޮން ތަނަކުން ކަމެއް ނުބުނި،" ފުލުހުން ބުނެފައިވެއެވެ.

ޝަރީފުލްގެ ހެދުމުގައި ހުރީ ސައިފުގެ ލޭތޯ ބަލަން ފޮރެންސިކް ޓެސްޓެއް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ފުލުހުން ބުންޏެވެ.

"އެޕާޓްމަންޓުން ފެނުނު އިނގިލީގެ ނިޝާން ޝަރީފުލްގެ އިނގިލީގެ ނިޝާނާ ދިމާވޭ،" ފުލުހުން ބުންޏެވެ.

ޝަރީފުލްގެ ހަރަކާތްތައް ހުރި ގޮތާއި ހަމަލާ ދިން ގޮތުގެ ތަފުސީލު ސައިފު ވަނީ ތަހުގީގަށް ކިޔައިދީފައި ކަމަށް ފުލުހުން ބުންޏެވެ.

ސައިފުގެ މައިބަދައަށާއި ކަރަށް ވެސް ވަނީ ވަޅި ޖަހައިފައެވެ. މިހެންވެ ކުއްލި ދެ ސާޖަރީ ހަދަން ޖެހުނެވެ.

ސައިފުގެ ޓީމުން ބުނެފައިވަނީ ސައިފު ފިޔަވާ އެހެން މީހަކު ޒަހަމްވެފައި ނުވާ ކަމަށެވެ.

ސައިފު ބޮލީވުޑަށް ތައާރަފުވީ 1993 ގައެވެ. އޭނާ ކުޅުނު ބައެއް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތައް ވަރަށް މަގުބޫލެވެ.

ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.

ކަރީނާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *