ބަނގްލަދޭޝް މީހަކު ވަޅިއަކުން ހަމަލާ ދިން ބޮލީވުޑްގެ ތަރި ސައިފު އަލީ ހާން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފިއެވެ.
އުމުރުން 54 އަހަރުގެ ސައިފަށް ވަނީ ހަފުތާއެއް ވަންދަން އެނދުގައި އަރާމުކުރަން އިރުޝާދު ދީފައެވެ. އަދި އިންފެކްޝަނަކުން ސަލާމަތްކުރުމަށްޓަކައި އެއްވެސް މެހެމާނަކު އޭނާއަށް ޒިޔާރަތް ކުރުމަށް ފުރުސަތު ނުދިނުމަށް ވެސް ޑޮކްޓަރުން ލަފާ ދީފައެވެ.
ސައިފަށް މީގެ ހަ ދުވަސް ކުރިން ހަމަލާ ދިނީ އޭނާގެ ހަގު ދަރިފުޅު ޖަހަންގީރު އަލީ ހާން ވަގަށްނެގުމަށް އިންޑިއާއަށް ގަވައިދާ ހިލާފަށް ވަތް މުހައްމަދު ޝަރީފުލްއިސްލާމް ޝަހްޒާދެވެ. އޭނާ މިހާރު ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ހައްޔަރުގައެވެ.
ހޮސްޕިޓަލާއި ސައިފުގެ އާއިލާ ދިރިއުޅޭ އެޕާޓްމަންޓް ދޮށަށް ސައިފު ދެކިލަން އެތައް ބަޔަކު މިއަދު އެއްވަމުންދާތީ އެ ދެ ތަނަށް ވަނީ ފުލުހުން ފޮނުވައިފައެވެ. ސައިފުގެ އެޕާޓްމަންޓަށް ވަދެ ގައިގެ ހަ ތަނަކަށް ވަޅި ޖަހަން ޝަހުޒާދަށް ފުރުސަތު ލިބުން ވެގެންދިޔައީ މުޅި ގައުމަށް ސިހުން ލިބި، މުމްބާއީގެ ސަލާމަތީ ކަންތައްތަކާމެދު އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދުނު ކަމަކަށެވެ.
ސައިފުގެ ހަށިގަނޑުގެ ހަ ތަނަކަށް ވަޅި ހަރައިލައިފައިވާއިރު ކުއްލި ސާޖަރީއެއް ހަދަން ޖެހުނީ އޭނާގެ މައިބަދައާ ދެ މިލިމީޓަރު ކައިރިއަށް ވަޅި ޖަހައިފައިވާތީއެވެ. އޭނާގެ ކަރަށާއި އަތަށް ލިބުނު ޒަހަމްތައް ރަނގަޅުކުރީ ޕްލާސްޓިކް ސާޖަރީ ހަދައިގެންނެވެ.
ފުލުހުން މިހާރު ވަނީ ސައިފުގެ އެޕާޓްމަންޓަށް ޝަހުޒާދު ގެނެސް އޭނާ ސައިފުއަށް ހަމަލާދިން ގޮތް އަލުން ކުޅުވައިފައެވެ. އެއީ މައްސަލަ ބަލަމުން އަންނަ ފުލުހުންގެ 35 ޓީމުގެ ތަހުގީގަށެވެ.
ސައިފު އާއި އަންހެނުން ކަރީނާ ކަޕޫރު ހާންގެ ދެ ދަރިން ކަމަށްވާ ޖަހަންގީރު އާއި ތައިމޫރު އަލީ ހާން ބަލަހައްޓަން އެޕާޓްމަންޓްގައި ގެންގުޅޭ އެލިޔާމާ ފިލިޕް ފުލުހުންގެ ގާތުގައި ބުނީ ޝަހުޒާދާ އެންމެ ފުރަތަމަ ކުރިމަތިލީ އޭނާ ކަމަށެވެ.
"އަހަރެންނަށް އަޑުތަކެއް އިވިގެން ހޭލެވުނީ. ދެން އެޕާޓްމަންޓް ތެރެއިން ޝަހުޒާދު ފެނުމުން އޭނާއާ ސުވާލުކުރުމުން ސައިފުގެ ފަރާތުން އެއް ކްރޯ ރުޕީސް (ނުވަ މިލިއަން ރުފިޔާ) ބޭނުން ކަމަށް ޝަހުޒާދު ބުނި،" އެލިޔާމާ ފުލުހުންގެ ގާތުގައި ބުންޏެވެ.
ޖަހަންގީރު ކިޑްނެޕް ކުރަން މަސައްކަތް ކުރިކަމަށް ޝަހުޒާދު ވަނީ ފުލުހުންގެ ގާތުގައި އިއުތިރާފުވެފައެވެ.
ބިޖޯއީ ދާސްގެ ނަމަށް ނަން ބަދަލުކޮށްގެން އުޅޭ ޝަހުޒާދު ބުނީ ސައިފުގެ ގަޔަށް ވަޅި ޖެހީ އުމުރުން ހަތަރު އަހަރުގެ ޖަހަންގީރު ސަލާމަތްކުރަން ސައިފު އުޅުނީމާ ކަމަށެވެ.
ޝަހުޒާދު ފުލުހުންގެ ތަހުގީގަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު ފަސް ދުވަސް ދީފައެވެ.
ސައިފުގެ އާއިލާ ދިރިއުޅޭ އެޕާޓްމަންޓަށް ވަނީ އޭގެ ކުރިން ބޮލީވުޑް ތަރިން ކަމަށްވާ ޝާހް ރުކް ހާން އާއި ސަލްމާން ހާން ދިރިއުޅޭ ތަންތަން ވެސް ހުރި ނެތް ގޮތް ބަލައިފައި ކަމަށް ޝަހުޒާދު އިއުތިރާފުވިއެވެ.
ކަރީނާ އިންސްޓަގްރާމްގައި ބުނީ ސައިފު ފިޔަވާ އާއިލާގެ އެހެން މެންބަރަކު ޒަހަމް ނުވާ ކަމަށެވެ.
ސައިފު ބޮލީވުޑަށް ތައާރަފުވީ 1993 ގައެވެ. އޭނާ ކުޅުނު ބައެއް ލޯބީގެ ފިލްމްތަކާއި އެކްޝަން ފިލްމްތައް ވަރަށް މަގުބޫލެވެ.
ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ ވެސް މަޝްހޫރު ފިލްމީ ތަރިއެކެވެ.
ކަރީނާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.



advertisment