ބޮލީވުޑް ބަތަލު ސައިފު އަލީ ހާނަށް ބުރާސްފަތި ދުވަހު ދަންވަރު ހަމަލާ ދިން މީހާ މިއަދު ފަތިހު ހައްޔަރުކޮށްފިއެވެ. މުމްބާއީގެ ފުލުހުން ބުނީ ހަމަލާ ދިން މީހާގެ ނަމަކީ ވިޖޭ ދާސް ކަމަށާއި އޭނާ ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ.
"އޭނާއަކީ ވެސްޓް ބެންގޯލް ސްޓޭޓްގައި ދިރިއުޅޭ މީހެއް. ބަނގުލަދޭޝް ނަސްލުގެ މީހެއް ކަމަށް ވެސް ވެދާނެ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދާސްއަކީ ރެސްޓޯރެންޓެއްގައި ވެއިޓަރެއްގެ ވަޒީފާ އަދާކުރާ މީހެއް ކަމަށެވެ.
އޭނާ ވަނީ 115,498 ޑޮލަރު (1.7 މިލިއަން ރުފިޔާ) ދޭން ސައިފަށް ބިރުދައްކައިފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސައިފަށް ދިން ހަމަލާ ތަހުގީގުކުރަން 35 ޓީމު އެކުލަވައިލައިފައިވާ ކަމަށެވެ.
މަހާރަޝްތުރާގެ ސްޓޭޓް މިނިސްޓަރު ޔޮގޭޝް ކަޑާމް ވިދާޅުވީ ސައިފަށް ހަމަލާ ދިނުމުގެ ފަހަތުގައި ވަނީ ގޭންގެއް ނޫން ކަމަށެވެ.
"މިއީ ވައްކަން ކުރަން އުޅުމުގެ ހާދިސާއެއް،" ޔޮގޭޝް ވިދާޅުވިއެވެ.
ސައިފު ލީލާވަތީ ހޮސްޕިޓަލުން މާދަމާ ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.
ސައިފަށް ދިން ހަމަލާގައި އޭނާގެ ހަށިގަނޑަށް ހަ ފަހަރު ދާސް ވަޅި ހަރައިލިއެވެ. ބުރަކަށްޓަށް ހަރައިލި ވަޅި ވަނީ ކުއްލި ސާޖަރީ ކޮށްގެން ނަގައިފައެވެ.
"މައިބަދައިގެ ތޮރެސިކް ސްޕައިނަލް ކޯޑަށް ވަޅި ހަރައިލައިފައިވަނީ. ވަޅި ނަގަން ޖެހުނީ ކުއްލި ސާޖަރީއެއް ހަދައިގެން. މައިބަދައިން ދިޔަ ނިކުންނަމުން ދިޔައީ،" ލީލާވަތީ ހޮސްޕިޓަލުގައި ސައިފުގެ އޮޕަރޭޝަން ކުރެއްވި ޑރ. ނިތިން ދާންގޭ ވިދާޅުވިއެވެ.
"ސައިފުގެ ވައަތަށް ވެސް ވަނީ ދެ ފަހަރަށް ފުންކޮށް ވަޅި ހަރައިލައިފައި. އަދި ކަރަށް ވަޅި ހަރައިލި ތަން ރަނގަޅު ކުރަން ޖެހުނީ ޕްލާސްޓިކް ސާޖަރީ ހަދައިގެން،" ޑރ. ނިތިން ވިދާޅުވިއެވެ.
"މިހާރު ސައިފަށް ނުރައްކަލެއް ނެތް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ސައިފުގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލު ޑޮކްޓަރުން ގަވައިދުން އަންނަނީ ބަލަމުން ކަމަށެވެ.
ސައިފަށް ހަމަލާ ދިނީ ސައިފުގެ އާއިލާ ދިރިއުޅޭ އެޕާޓްމަންޓްގައި މަސައްކަތްކުރާ މެއިޑު ދާސްގެ ކިބައިން ސަލާމަތްކުރަން އުޅުމުން ކަމަށް ސައިފުގެ ޓީމުން ބުންޏެވެ. އެއަށް ފަހު ދާސް އެ ތަނުން ފިލައިގެން ދިޔައެވެ. އަދި އެންމެ ފަހުން ފެނިފައިވަނީ ސައިފު ދިރިއުޅޭ މުމްބާއީގެ ބަންޑްރާ ރެއިލް ސްޓޭޝަނުންނެވެ.
ސައިފުގެ އަންހެނުން ކަރީނާ ކަޕޫރު ހާން ފުލުހުންގެ ގާތުގައި ބުނީ ދާސް ވަރަށް "އަނިޔާވެރި" ކަމަށެވެ.
"ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކި ގޮތްގޮތަށް މި މައްސަލައިގެ ވާހަކަތައް އަނބުރާ ނުލުމަށް މީޑިއާއަށް އިލްތިމާސް ކުރަން. އަދި މި މައްސަލައަށް ސަމާލުކަން ދޭން ޖެހޭ މިންވަރަށްވުރެ އިތުރަށް ސަމާލުކަން ނުދިނުމަށް އިހުތިރާމާއެކު ޕަޕަރާޒީ ނޫސްވެރިންނަށް ގޮވައިލަން،" ކަރީނާ ބުންޏެވެ.
އޭނާ ބުނީ މި ހާދިސާއާމެދު މީހުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށާއި ނަމަވެސް މާބޮޑަށް މީހުންގެ ސަމާލުކަން ލިބެން ފަށައިފި ނަމަ އޭނާގެ އާއިލާގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ.
ސައިފު އިންޑިއާގެ ބޮލީވުޑް ފިލްމް އިންޑަސްޓްރީއަށް ތައާރަފުވީ 1993 ގައެވެ. އޭނާ މަގުބޫލުވި ފިލްމްތަކުގެ ތެރޭގައި ލޯބީގެ ފިލްމްތައް ކަމަށްވާ "ދިލް ޗާހްތާ ހައެ" އަދި "ކަލް ހޯ ނާ ހޯ" ހިމެނެއެވެ. އަދި ފަހުގެ ތާރީހެއްގައި ކުޅެފައިވާ އެކްޝަން ފިލްމްތައް ކަމަށްވާ "ތަންހާޖީ" އާއި "ދޭވާރާ"ގެ ފުރަތަމަ ބަޔަކީ ވެސް މަގުބޫލު ފިލްމްތަކެވެ.
ފިލްމަށް ފާޑު ކިޔާ ފަރާތްތަކަށް 2006 ގައި ކަމުގޮސްފައިވާ "އޮމްކާރާ"ގައި ސައިފު ކުޅެނީ ނުބައިބައި މީހެއްގެ ރޯލެވެ. މިއީ ވިލިއަމް ޝޭކްސްޕިއާގެ ވާހަކަ "އޮތެލޯ"އަށް ބިނާކޮށް ހަދައިފައިވާ ފިލްމެކެވެ.
ސައިފު ނިސްބަތްވަނީ ވެރިރަށް ދިއްލީގެ ޝާހީ އާއިލާއަކަށެވެ. އޭނާގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީއަކީ 1960 ގެ އަހަރުތަކުގައި އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެވެ. މަންމަ ޝަރުމީލާ ޓެގޯރަކީ މަޝްހޫރު ފިލްމީ ތަރިއެކެވެ. ޝަރުމީލާ ފިލްމީ ދުނިޔެއަށް ތައާރަފުވީ އުމުރުން 14 އަހަރުގައެވެ. އެއަށް ފަހު އޭނާ ވަނީ ހިންދީ އަދި ބެންގޯލް ބަހުން ހަދައިފައިވާ މަޝްހޫރު ފިލްމްތައް ކުޅެފައެވެ. ސައިފުގެ އެއްބަނޑުއެއްބަފާ ބަތަލާ ސުހާ އަލީ ހާން ވެސް ފިލްމް ކުޅެފައިވެއެވެ. ކަރީނާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ޑިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އާއިލާއަކަށް އުފަން މަގުބޫލު ބަތަލާއެކެވެ. އޭނާގެ އާއިލާ ބޮލީވުޑްގައި ހަރަކާތްތެރިވާތާ ގަރުނެއް ވަނީއެވެ.



advertisment