Support Us

އެލައިޑްގެ 40 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފަށައިފި

އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ކ. ހިންމަފުށީގައި ފަށައިފިއެވެ.

"ޑައިވް40ގެ" ނަމުގައި އިއްޔެ ކުރިޔަށްގެންދިޔަ މި އިވެންޓުތަކުގެ ތެރޭގައި މޯލްޑިވްސް އެކަޑެމީ އޮފް ޑައިވިން އާއެކު ކުރިޔަށްގެންދިޔަ އެވެއަރނެސް ސެޝަން އާއި "ޑައިވް އަގެއިންސްޓް ޑެބްރީ"ގެ އިތުރުން ހިންމަފުށީ ކައުންސިލާއި ސްކޫލް އަދި ގެސްޓްހައުސްތައް ގުޅިގެން ކުރިޔަށްގެންދިޔަ ހިންމަފުށީ މަލަމަތި ސާފުކުރުމުގެ ހަރަކާތް ހިމެނެއެވެ. މި ތިން ހަރަކާތުގައިވެސް އެލައިޑުގެ މެނޭޖްމަންޓާއި މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެ، ޕްލާސްޓިކް މަދުކޮށް ކަނޑުތައް ރައްކާތެރިރުމުގެ އަމާޒަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެލައިޑުން ބުނި ގޮތުގައި ޑައިވް40ގައި 790 ކިލޯގެ ކުނި ކަނޑުންނާއި އެއްގަމުން ވަނީ ނަގައިފައެވެ.

"މިއަދު ކުރެވުނު މަސައްކަތުން ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގިނަ ކުނި އެއްކުރުމަކީ ހިތްހަމަޖެހޭ ކަމެއް ކަމުގައިވީ ނަމަވެސް، މިކަމަކީ ކުރިއަށް ކުރަން އޮތް މަސައްކަތް ސިފަކޮށްދޭ ކަމެއް،"  އެލައިޑުން ބުންޏެވެ. "ސަބަބަކީ ޕްލާސްޓިކާ ދުރުހެލިވުމަށް އިޖާބަދޭ، ހޭލުންތެރި މުޖުތަމައުއެއް އުފެއްދުމުގެ މުހިންމުކަން މިކަމުން ސާފުވެގެންދިޔުން."

އެލައިޑުން ބުނީ ޑައިވް40 އިން އެއްކުރި ޕްލާސްޓިކް ކުނި ބޭނުންކޮށްގެން ދިވެހި ފަންނުވެރިއަކު ތައްޔާރުކުރާ ހާއްސަ އުފެއްދުމެއް، އަންނަ ފެބްރުއަރީގައި ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގައި ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިއީ އެއް މަޤްޞަދެއްގައި އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތްކޮށްފިނަމަ ޙާޞިލުކުރެވޭނެ ކަންތައްތަކުގެ ލާމަސީލު ރަމްޒެއް ކަމުގައި ވާނެކަން އެލައިޑުން ފާހަގަކުރަން."

އެލައިޑް އިންޝުއަރަންސްގެ އަހަރީ ދުވަހަކީ ޖަނަވަރީ 30ވަނަ ދުވަހެވެ. މި ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކުވެސް އެ ކުންފުނިން ދަނީ ތަފާތު ހަރަކާތްތަކެއް ކުރިޔަށްގެންދަމުންއެވެ. އެހެންނަމަވެސް، އެހެން އަހަރުތަކާއި ހިލާފަށް، 40 އަހަރު ފުރޭ މި މުނާސަބަތާ ގުޅުވައިގެން އަހަރުތެރެއަށް ބަހާލައިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރުގެ ހަރަކާތްތައް ކުރިޔަށްގެންދިޔުމަކީ އަމާޒެއް ކަމުގައި އެލައިޑުން ބުނެއެވެ.