Support Us

ކޫއްޑޫ ފެރީ ލިބޭނޭހެން މޯލްޑިވިއަން ފްލައިޓްގެ ގަޑި ބަދަލުކޮށްފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ހެދުނު ގއ. ކޫއްޑޫއަށްކުރާ ދަތުރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)އިން ގއ. ވިލިނގިއްޔަށް ދަތުރުކުރާ ފެރީ ލިބޭނޭހެން، ފްލައިޓް ކޫއްޑޫއަށް ޖައްސާ ގަޑި މިއަދުން ފެށިގެން ބަދަލުކޮށްފިއެވެ.

މޯލްޑިވިއަންގެ ފްލައިޓް ކިއު.2260 ކޫއްޑޫއަށް ޖައްސާ ގަޑި އާރް.ޓީ.އެލް.ގެ ފެރީ ހެދުނު 9.30 ގައި ކޫއްޑޫން ފުރައިގެން ގއ. ވިލިނގިއްޔަށް ފުރާ ގަޑިއާ ދިމާކުރުމުން، މޯލްޑިވިއަންއިން ކޫއްޑޫއަށް ޖައްސައި ފްލައިޓުގެ ފަސިންޖަރުންނަށް ވިލިނގިއްޔަށް ދަތުރުކޮށްލެވޭނެއެވެ.

އާރް.ޓީ.އެލް.ގެ މި ފެރީ ކޫއްޑޫއިން ވިލިނގިއްޔަށް ދާން ނަގަނީ 10 މިނެޓެވެ.

"މި ކަމުގެ ސަބަބުން މި މަންޒިލަށް ދަތުރުކުރާ މޯލްޑިވިއަންގެ ފަސިންޖަރުންނަށް ފަސޭހަކަމާއި އަރާމުކަން ލިބޭނެ،" މޯލްޑިވިއަންއިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

މޯލްޑިވިއަންއިން ބުނީ މި ކަމުގެ ސަބަބުން އޮމާންކަމާއި ފުރިހަމަކަމާއެކު މި ސަރަހައްދުގައި ހިމެނޭ މަންޒިލުތަކަށް މޯލްޑިވިއަންގެ ފަސިންޖަރުންނަށް ދަތުރުކުރެވޭނެކަމަށެވެ.

އާރް.ޓީ.އެލް.ގެ ކޫއްޑޫ ފެރީއާ ގުޅޭނެ ގޮތަށް މޯލްޑިވިއަންގެ ފްލައިޓް ކޫއްޑޫއަށް ޖައްސާ ވަގުތު ބަދަލުކުރުމުން ދޭހަވަނީ ފަސިންޖަރުންގެ ދަތުރުގެ ތަޖުރިބާ ރަނގަޅުކޮށްލުމާއި މުޅި ރާއްޖޭގައި ވެސް ދަތުރުފަތުރުގެ ގުޅުން މައްސަލައެއް ނެތި ގާއިމުކޮށްލަން މޯލްޑިވިއަންކުރާ މަސައްކަތްކަން މޯލްޑިވިއަންއިން ފާހަގަކުރިއެވެ. އަދި އާރް.ޓީ.އެލް.އިން ވެސް އެ އިދާރާއިން ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ވިއުގަ ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރެވޭ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ.

"އިންޓެގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއަކީ 2021 ގައި ތައާރަފުކުރި ހިދުމަތެކެވެ. ބޭނުމަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ހަލުވި ދުވެލީގެ ފެރީގެ ހިދުމަތް ދިނުމެވެ. މި މަޝްރޫއުގެ ދަށުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި އެމް.ޓީ.ސީ.ސީ.އާ ގުޅިގެން އިތުބާރުހިފޭ އަދި ފުރިހަމަ ދަތުރުފަތުރުގެ ހިދުމަތްތަކެއް ރަށްރަށާ ދޭތެރޭގައި ދެއެވެ. އާރް.ޓީ.އެލް.ގެ ހަލުވި ދުވެލީގެ ފެރީތަކުގެ ހިދުމަތް ބޭނުންކޮށްގެންނެވެ. ރައްކާތެރިކަމާއި ކަސްޓަމަރުންގެ އަރާމަށް އަމާޒުކޮށްގެން ފަސިންޖަރުންނަށް ދޭ މި ހިދުމަތަކީ ފަސޭހަ އަދި ހިތްހަމަޖެހުން ލިބޭ ދަތުރުފަތުރުގެ ތަޖުރިބާއެކެވެ.

މޯލްޑިވިއަންއަކީ ފުޅާ ދާއިރާއެއްގައި އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ އުދުހުންތަކުގެ ހިދުމަތް ކާމިޔާބުކަމާއެކު ދޭ ރާއްޖޭގެ ގައުމީ އެއާލައިނެވެ. މޯލްޑިވިއަންގެ ފްލައިޓްތައް އެތެރޭގެ 16 ޑޮމެސްޓިކް އެއާޕޯޓަށް އުދުހެއެވެ. އަދި ބައިނަލްއަގުވާމީ މަންޒިލްތައް ކަމަށްވާ އިންޑިއާ، ބަންގްލަދޭޝް އަދި ޝްރީ ލަންކާއަށް ދަތުރުކުރެއެވެ. އެއްގަމަށް ޖައްސާ އެންމެ ގިނަ ފްލައިޓްތައް ރާއްޖޭގައި އޮޕަރޭޓްކުރަނީ މޯލްޑިވިއަންއިންނެވެ. އަދި މޯލްޑިވިއަންގެ ހިދުމަތްތަކަށް ފުރިހަމަކަމެއް ގެނެސްދެނީ ކަނޑަށް ޖައްސާ ހާއްސަ ސީޕްލޭންގެ އޮޕަރޭޝަންތަކުންނެވެ.