ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް އެކުލަވާލައިފައިވާ "ސްމޯލް އައިލޭންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް" ހިންގުމަށް ދިވެހި ސަރުކާރާއި ކުވޭތު ފަންޑް ފޯރ އަަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އާ ދެމެދު ތިން މިލިއަން ކުވައިތީ ދީނާރު (150 މިލިއަން ރުފިޔާގެ) ލޯން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގެވެ. ކޭއެފްއޭއީޑީގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ އެކްޓިން ޑިރެކްޓަރ ޖެނެރަލް ވަލީީދު އަލް ބަހަރް އެވެ.
މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ހަލީލާއި ކޮލޮމްބޯގައި ހުންނަ ކުވޭތު އެމްބަސީގެ ބޭފުޅުންނާއި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެވައިގެންނެވި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ މަގުސަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.
"މި މަޝްރޫޢުގެ ސަބަބުން ހިދުމަތް ލިބޭ ރަށްރަށުގެ މެދުގައި ސިއްހީ ހިދުމަތް ހޯދުމަށް ދަތުރުފަތުރު ކުރުމުގެ ހަރަދު ކުޑަވެ، ރަށްރަށުގެ އާބާދީއަށާއި ފަތުރުވެރިންނަށް ސިއްހީ ހިދުމަތް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދެވި، އަދި ދެވަނަ ފަންތީގެ ސިއްހީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި ލިބިގެންދާނެ،" ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މި މަޝްރޫއުގެ ދަށުން އަޅާ ހޮސްޕިޓަލްތައް ތަރައްގީ ކުރުމުގައި އިމާރާތްކުރުމުގެ މަސައްކަތާއި ހޮސްޕިޓަލް އިމާރާތްތަކާއި ހިދުމަތްތަކުގެ އިލެކްޓޯރިކް-ޓެކްނިކަލް މަސައްކަތްތަކާއި ސިއްހީ އާލަތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި ކުރެހުންތަކާއި ބީލަން ލިޔެކިޔުންތައް ތައްޔާރުކުރުމާއި އިމާރާތްކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖީނިއަރިން ހިދުމަތުގެ އިތުރުން މަޝްރޫއު ތަންފީޒުކުރާ ޔުނިޓްތައް އެޅުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.



advertisment