ކޮވިޑް19 ޖެހިގެން ބަންގްލަދޭޝްގެ މީހަކު މިރޭ މަރުވެއްޖެ އެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ދެވަނަ މީހާ އެވެ. އެއާއެކު ކޮވިޑްގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު މި ވަނީ 26 އަށް އަރައިފައެވެ.
ކޮވިޑް ޖެހިގެން އުމުރުން 62 އަހަރުގެ ބަންގްލަދޭޝް މީހާ މަރުވީ މިރޭ 8 ޖަހާކަންހާއިރުއެވެ. މީގެ އިތުރުން ސިފައިންގެ ހިދުމަތުގައި 49 އަހަރު ހިދުމަތް ކުރައްވާފައިވާ ލެފްޓިނެޓް ކާނަލް (ރިޓަޔާޑް) އަބްދުލްޣަނީ އުމަރު، 82، ކޮވިޑް19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި ފަރުވާ ދެމުން ގެންދަނިކޮށް، ރޭ މެންދަމުގެ ވަގުތެއްގައި ވަނީ އަވަހާރަވެފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗް.ޕީ.އޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު ޕޮޒިޓިވްވި 194 މީހުންގެ ތެރޭގައި ހިމެނެނީ 167 ދިވެހިންނާއި 16 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ހަތް މީހުންނާއި ސްރީލަންކާ މީހަކާއި ނޭޕާލް މީހަކާއި ޖަޕާން މީހަކާއި ތައިލޭންޑް މީހެއްގެ އިތުރުން އިޓަލީ މީހެއް ކަމަށެވެ. މި ބައްޔަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 191 މީހުންނަކީ މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.
ރާއްޖޭގައި ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެންއީއޯސީން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް މިއޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލި ޖެހިގެން މިމަހުގެ މިހާތަނަށް ނުވަ މީހުން މަރުވެފައިވާއިރު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 25 އަށް އަރައިފައެވެ.
ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 6564 އަށް އަރައިފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2527 ހިމެނޭއިރު 166 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.



advertisment