ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ހިންގުން ހަރުދަނާކުރުމަށް ސިޓީ ކައުންސިލްތަކަށް ހިދުމަތް ދޭން އުފައްދާ މިނިސްޓްރީއަކީ ކުރީގެ އެޓޯލްސް މިނިސްޓްރީ ފަދަ ތަނެއް ނޫން ކަމަށާއި ބޭނުމަކީ އެލްޖީއޭ ހިންގަން ފުލްޓައިމް މިނިސްޓަރެއް ބެހެއްޓުން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީ އާއި ޗެނަލް13 ގުޅިގެން ރޭ ގެނެސްދިން "އާސްކް މުއިއްޒު" ލައިވް ޕްރޮގްރާމުގައި މީހަކު ކުރި ސުވާލެއްގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޓޯލްސް މިނިސްޓްރީގެ ހުއްދައެއް ނެތި ރާއްޖެތެރޭގެ ރަށަކަށް ވެސް މީހަކަށް ދެވޭނެ ގޮތެއް ނޯންނަ ކަމަށާއި ލާމަރުކަޒީ ނިޒާމު އައުމުން މިހާރު އެ މިނިސްޓްރީއަކީ އުވާލާފައިވާ މިނިސްޓްރީއެއް ކަމުގައިވާއިރު ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން އަނެއްކާ ވެސް އެ މިނިސްޓްރީ އުފައްދަވަނީތޯ ދެންނެވި އެވެ.
"ނޫން އެޓޯލްސް މިނިސްޓްރީއެއް އުފެއްދުމުގެ ވިސްނުމެއް ނެތް. ތަންކޮޅެއް ކުރީގެ ޒަމާނެއްގައި ރާއްޖޭގައި އެޓޯލްސް މިނިސްޓްރީއެއް އޮތް،" ނަމަވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ދެ ފަރާތުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާތީ ސަރުކާރާއި ކައުންސިލްތަކާ އޮންނަ ގުޅުން ކުޑަވުމުގެ ސަބަބުން އެލްޖީއޭއަށް ސަރުކާރުން ދޭންޖެހޭ ސަޕޯޓް ލިބެމުން ނުދާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމު ހިންގަން ގާނޫނީ ގޮތުން ހަވާލުކޮށްފައި އޮންނަ މުއައްސަސާއަކީ އެލްޖީއޭ ކަމުގައިވާއިރު އެ ވުޒާރާ ހިންގަން ވަޒީރަކު ހުންނަވާ ކަމަށާއި މިހާރު އޮންނަ ގޮތުން އެ ކަންތައް ކުރައްވަނީ ހޯމް މިނިސްޓަރު ކަމަށެވެ.
"ހޯމް މިނިސްޓަރަކަށް ހުންނަ ބޭފުޅެއްގެ ޒިންމާތަކުގައި ވަރަށް ފުޅާ މެންޑޭޓެއް އޮންނަނީ. އެ މޭންޑޭޓްގައި ހުންނަ ކަންކަން ކުރަމުން އެލްޖީއޭ ހިންގަން ޖެހެނީ. އެހެންވީމަ މި ވާގޮތަކީ ހުރިހާ ކައުންސިލްތަކަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެލްޖީއޭ ހިންގަން މިނިސްޓްރީއެއް ކަނޑައެޅުމުގެ ބޭނުމަކީ އެލްޖީއޭގެ ޗެއާއެއްގެ ގޮތުގައި ފުލްޓައިމް މަސައްކަތް ކުރައްވާނެ ވަޒީރަކު ހުންނެވުން ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ 187 ރަށުގެ ކައުންސިލާއި ސިޓީ ކައުންސިލްތައް ބެލެހެއްޓުމަކީ ވަރަށް ގިނަ މަސައްކަތްތައް ކަމަށާއި ފުލްޓައިމް މިނިސްޓަރަކު އެލްޖީއޭގެ ހިދުމަތްތަކަށް ކަނޑައެޅުމުން ވަރަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
"ރަށެއްގެ ކައުންސިލަކުން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކަމެއް ކުރަން ބޭނުންވާނަމަ ހަމަ ސީދާ ޑައިރެކްޓްކޮށް އެކަމެއް ކުރެވޭނެ. އެކަމަށް އެއްވެސް ބަދަލެއް ނާންނާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ކުރީގެ އެޓޯލްސް މިނިސްޓްރީގެ ކޮންސެޕްޓްއާ މުޅިން ތަފާތުވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އެ މިނިސްޓްރީގެ މަސައްކަތަކަށްވާނީ އެލްޖީއޭއަށް އިދާރީ ގޮތުން ދަތިވާ ނުވަތަ ލަސްވާ ކަންކަމުގައި އަދި އެކި ކަހަލަ ފަންނީ އެހީތެރިކަމާއި ލޭންޑް ޔޫސްޕެލޭން ކަންކަމުގައާއި އެލްޖީއޭއަށް ދުވަހުން ދުވަހުން ސަރުކާރުގެ ސަޕޯޓް ބޭނުންވާ ކަންކަމުގައި އެހީތެރިވެދިނުން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެލްޖީއޭގެ ކަންކަން ހަރުދަނާކޮށް ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުމަށް ހާއްސަ ވަޒީރެއް އެލްޖީއޭގެ ޗެއާގެ ގޮތުގައި ބެހެއްޓީމާ ވަރަށް ފަސޭހަވާނެ ކަމަށާއި އެ ވަޒީރަކު ކުރަންޖެހޭނެ ކަމަކީ ހަމައެކަނި އެލްޖީއޭގެ ހިންގުމުގެ މަސައްކަތް ކަމަށެވެ. އެހެންވެ އެ ވަޒީރުގެ މަސައްކަތްތައް ކުރަން އޮފީހެއް ހުންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.



advertisment