ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު ކުޅޭ ފުޓުބޯޅަ މެޗު ބައްލަވައިލައްވަން ރާއްޖެ ވަޑައިގެންނެވުނުކަމީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ވިދާޅުވެ ލަންކާގެ ނުފޫޒު ގަދަ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ދިވެހި ބަހުން މިއަދު ޓްވީޓެއް ކުރައްވައިފިއެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ދެކޮޅަށް ސްރީލަންކާ މިއަދު ހަވީރު ކުޅުނު މެޗު ބައްލަވައިލެއްވުމަށް، ލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ލަންކާ ޕާލަމަންޓުގެ ވެސް މެމްބަރު ނަމާލް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނެވެ. ގަލޮޅު ދަނޑުގައި ރާއްޖެއާ ވާދަކޮށް 1-0އިން ލަންކާ ބަލިވި މެޗަށް ވަޑައިގަތުމުގެ ކުރިން ނަމާލް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފައެވެ. އަދި ނަމާލް މެޗަށް ވަޑައިގަތުމުން ރައީސް ސޯލިހު ވަނީ ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީއެއް ނަމާލަށް ވެދުން ކުރައްވައިފައެވެ.
އޭގެ ކުރިން ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ނަމާލް ވަނީ ރައީސް ސޯލިހަށް ލަންކާގެ ގައުމީ ޓީމުގެ ޖާޒީއެއް ވެދުން ކުރައްވައިފައެވެ.
"ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު ކުޅޭ ފުޓުބޯޅަ މެޗް ބަލައިލަން ރާއްޖެ އާދެވުނުކަމީ އުފަލެއް. ދެ ޓީމަށްވެސް ކާމިޔާބީ އެދެން. ކުޅުންތެރިން ދައްކާ ކުޅިވަރުގެ ރޫހަކީ ދެ ގައުމު ދެމެދު އޮންނަ ވަރުގަދަ ރަހުމަތްތެރިކަމުގެ ގުޅުމުގެ އަލިގަދަ ރަމްޒަކަށްވާނެ،" މެޗު ފެށުމުގެ 45 މިނިޓް ކުރިން ނަމާލް ކުރެއްވި ޓްވީޓުގައިވެއެވެ.
ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު ކުޅޭ ފުޓުބޯޅަ މެޗް ބަލައިލަން ރާއްޖެ އާދެވުނުކަމީ އުފަލެއް. ދެ ޓީމަށްވެސް ކާމިޔާބީ އެދެން. ކުޅުންތެރިން ދައްކާ ކުޅިވަރުގެ ރޫހަކީ ދެ ގައުމު ދެމެދު އޮންނަ ވަރުގަދަ ރަހުމަތްތެރިކަމުގެ ގުޅުމުގެ އަލިގަދަ ރަމްޒަކަށްވާނެ
🇲🇻🇱🇰 pic.twitter.com/KVtBqqQ7fC— Namal Rajapaksa (@RajapaksaNamal) October 10, 2021
ސަރަހައްދީ ފަސް ޓީމު ވާދަކުރާ މުބާރާތުގައި މިއަދު ކުޅުނު މެޗުން ބަލިވުމުން، ހަތަރު މެޗު ކުޅެގެން އެންމެ ޕޮއިންޓެއް ލިބި ޓޭބަލްގެ ފުލަށް ދިއުމުން ލަންކާ ވަނީ މުބާރާތުން ކަޓައިފައެވެ. އަދި އުނދަގޫތަކާއެކު ވެސް ރާއްޖެ މިއަދު މޮޅުވުމުން، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެ ވަނީ ތަނަވަސްކޮށްފައެވެ.
ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމަށް ރާއްޖެ ދެން ވާދަކުރަންޖެހޭނީ ލީގުގެ އެންމެ ފަހު މެޗުގައި، އަންނަ ބުދަ ދުވަހުގެރޭ އިންޑިއާއާއެވެ.