ރާއްޖޭގެ ސްކޫލްކުދިންގެ ތެރެއިން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުން މާލޭގައި ކުރިޔަށް ގެންދާ އިސްލާމީ މަރުކަޒުގެ ވެކްސިން ސައިޓަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޒިޔާރަތްކުރައްވައި ވެކްސިން ދިނުން ކުރިޔަށްދާ ގޮތާ ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ މިންވަރަށް މިހާރު ރާއްޖެއަށް ވެކްސިން ލިބިފައިވާ ކަމަށާއި މިއަދު 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމާއެކު ސަރުކާރުގެ އަމާޒަކީ މި އޯގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުން ކަމަށެވެ. ސްކޫލު ކުދިންގެ 12 އަހަރާއި 17ގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ މި އޯގަސްޓުމަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދީ ނިންމުމެވެ.



advertisment