ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިވާ ކޯސްޓްގާޑުގެ ޑައިވިން ކޯސް މިއަދު ފަށައިފިއެވެ. މިއީ ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގާ 9 ވަނަ ބޭސިކް ޑައިވިންގ ކޯހެވެ.
މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯސް ކުރިއަށްދާނީ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައެވެ. މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ޑައިވިންގެ ތާރީޚާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިން އޮޕަރޭޝަންގައި ޑައިވް އިކްއިޕްމަންޓްސް އާއި އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިން ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިން ސޭފްޓީ އަދި ޑައިވިންގ ސަރޗް ޕެޓާންސްއާއި، ފިޒިކަލް ޓްރޭނިން، ސްވިމިން އަދި ޑައިވިން ސްކިލްސް، ޑައިވިން ފަސްޓްއެއިޑް، މިޝަން ޕްލޭނިންގެ އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ތަމްރީނު ވެސް މިކޯހުގެ ބައިވެރިންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.
އިނގިރޭސި މީޑިއަމަށް އެމްއެންޑީއެފުން ހިންގާ މިކޯހުގައި ޖުމްލަ 29 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން ހަތް ސިފައިން ބައިވެރިވިއެވެ. މިގޮތުން ސްރީލަންކާއާއި ބަންގްލަދޭޝް އަދި ނޭޕާލްގެ ސިފައިން ބައިވެރިވެފައިވެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފްގެ އެކި ޔުނިޓްތަކަށް ނިސްބަތްވާ ސިފައިން ވަނީ ބައިވެރިވެފައެވެ.
މި ކޯސް ފެށުމުގެ ގޮތުން މިއަދު ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ކާނަލް މުޙައްމަދު ސަލީމް ވަނީ ކޯހުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންގެ އިޤްރާރު ލައިދެއްވީ އެމްއެންޑީއެފް ކޯސްޓްގާޑު ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖަމްޝާދުއެވެ. އަދި ދަރިވަރުންނަށް އިޤްރާރު ލައިދެއްވީ ކޯހުގެ ކޯސް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަފީޤެވެ.
މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި، ކޯސްޓްގާޑު ކޮމަޑާންޓްގެ އިތުރުން، ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި، ކޮމާންޑް ސާޖަންޓް މޭޖަރ އޮފް ކޯސްޓްގާޑް، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޝަހީރާއި ކޯސްޓްގާޑުގެ އޮފިސަރުންނާއި ސީނިއަރ އެންލިސްޓެޑުންނާއި ކޯހުގެ ދަރިވަރުންނާއި މުދައްރިބުން ބައިވެރިވެލެއްވިއެވެ.



advertisment