ދ. ކުޑަހުވަދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ފުލުހުން ހައްޔަރުކުރުމުން ކޯޓުން އޭނާ ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ ކުޑަހުވަދޫގައި މީހަކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 28 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުދަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދ. މީދޫ ޕޮލިސް ސްޓޭޝަނުން މި މަހު 14 ވަނަ ދުވަހު ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައިފައެވެ. އެއީ ލޯންޗެއްގައި ހުޅުދެލިން މީދުއަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި، އެ ލޯންޗު މީދުއާ ގާތްކުރުމުން، އެ ލޯންޗު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވީ ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



advertisment