އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް 2021″ގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ޑިފެންސުން މިއަދު ނެރުނު ބަޔާނުގައި މާރިޔާ ވިދާޅުވީ އިންސާނީ ވަގުފާރިއަކީ އިންސާނީ ޙައްޤުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ މީހުންގެ ނިކަމެތި ޙާލު ފާހަގަކުރައްވައި، އެކަމަނާ ވިދާޅުވީ، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަކޮށްދީ، ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ.
"ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް" ފާހަގަކުރުމަށް އ.ދ.އިން މިއަހަރު ކަނޑައަޅާފައިވާ ޝިޢާރަކީ "ވިކްޓިމްސް ވޮއިސަސް ލީޑް ދަ ވޭ" އެވެ. މި ޝިޢާރު ބިނާވެފައިވަނީ އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކުގެ އަޑު އަހައި، އެފަދަ ފަރާތްތަކުގެ އިޙްސާސްތައް އިތުރަށް ދެނެގަނެ، އެ ކަންކަމަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރަން ހިތްވަރުދިނުމުގެ މައްޗަށެވެ. އެހެންކަމުން، މި ޝިޢާރަކީ، އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ޤާނޫނީގޮތުން ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ދިނުމަށް، މަސްއޫލުވެރި ވުޒާރައިގެ ޙައިސިއްޔަތުން، މިނިސްޓްރީ އޮފް ޑިފެންސުން ކުރަމުން ގެންދާ މަސައްކަތުގެ ރޫޙާ ގުޅޭ ޝިޢާރެއްކަން ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އެރޮނގުން، މިނިސްޓްރީން މިހާރު ކުރިއަށް ގެންދަނީ، ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓަރ ސަރވިސް ރެގިއުލޭޝަން އެކުލަވައިލުމާއި، ވަގުފާރިއާ ދެކޮޅަށް ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.
ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ޤައުމުތަކުން ކުރާ މަސައްކަތްތައް ދިރާސާކޮށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރޭ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުގައި، 2017 ވަނަ އަހަރު ރާއްޖޭގެ ޕަރފޯމަންސާ ގުޅިގެން ވޮޗްލިސްޓަށް އެރުމަށްފަހު، މިމަހުގެ 1 ވަނަ ދުވަހު، ވޮޗްލިސްޓުން އުނިވެ، ޓިއަރ 2 އަށް ރާއްޖެވަނީ ޕްރޮމޯޓްވެފައެވެ. މި ރިޕޯޓާ ގުޅިގެން، އެމެރިކާ ސަރުކާރުން ވިދާޅުވީ، ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ޕްރޮމޯޓުވެފައިވާ ކަމުން ރަމްޒުކޮށްދެނީ، ކޯވިޑް-19ގެ ނުހަނު ދަތި އުނދަގޫ ޙާލަތުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، މިދިޔަ އަހަރުގެ ތެރޭގައި، ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ބޮޑު ކުރިއެރުމެއް ޙާސިލްވެފައިވާކަމެވެ. އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައިފައިވާ އެކްޝަން ޕްލޭންގެ ދަށުން، ޙާސިލްކޮށްފައިވާ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ޝެލްޓަރެއް ގުޅީފަޅުގައި ޤާއިމްކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމްކުރުމަށާއި އެކްޝަން ޕްލޭން ތަންފީޛުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ޤާނޫނަށް ބަދަލުގެނައުން ހިމެނެއެވެ.



advertisment