މަސްތުވާތަކެއްޗާ އެކު އައްޑޫސިޓީ މަރަދުއާއި ނ. ކެނދިކުޅުދޫން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހުގެ މަރަދޫގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، 51 އަހަރުގެ މީހަކު ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން މަރަދޫ މަގުމަތިން 44 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
އަދި މާފަރު ބޯޓުން ކެނދިކުޅުދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި މަހުގެ 19 ވަނަ ދުވަހު މާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 35 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ކެނދިކުޅުދުއަށް ދިޔަ ބޯޓުން އެ ރަށަށް ބޭލި އެއްޗެއް ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.