ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރައްވާފައިވާ ޚާއްޞަ މަންދޫބު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި އެމަނިކުފާނުގެ މަސަކަތްތަކުގެ ފަހުގެ މަޢުލޫމާތުތައް މިއަދު ހިއްސާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އައްބާސް ފާއިޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މި ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރައްވާފައި މުހިންމު މަސައްކަތްތަކާ އަދި ކުރިޔަށް މަސައްކަތްތައް ރާވާލައްވާފައިވާ ގޮތުގެ މަޢުލޫމާތުތައް ވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ވީހާވެސް އިންސާފުވެރިކޮށް، ދެފުށް ފެންނަ ގޮތަށް ކުރިޔަށްދާން އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.
މި އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް ހަމަޖައްސަވާފައި ވަނީ މެއި 19 ވަނަ ދުވަހުގައެވެ. އެ ޙަމަލާޔާ ގުޅޭ އެންމެހައި ތަޙުޤީޤެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން، ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، މި މައްސަލައިގައި އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރުކުރައްވާނެއެވެ.



advertisment