މަސްތުވާތަކެތީގެ މައްސަލައިގައި ތިން މީހަކު ތިން ރަށަކުން ހައްޔަރުކޮށްފިއެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ގއ. ދާންދޫގެ އިތުރުން އެ އަތޮޅު ވިލިނގިލި އަދި ގދ. ތިނަދޫގައެވެ.
މި ގޮތުން، ދާންދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކު އެ ރަށު ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.
އޭގެ އިތުރުން، މި ޖުލައި މަހުގެ 6 ވަނަ ދުވަހު ގއ. ވިލިނގިލިން ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި 29 އަހަރުގެ މީހަކު ބަލައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.
އަދި ޖުލައި މަހުގެ 4 ވަނަ ދުވަހު ތިނަދޫ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު 34 އަހަރުގެ މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.
މި ތިން މައްސަލައާ ގުޅިގެން ބަންދާމެދު ގޮތެއް ނިންމުމަށް އެ މީހުން ކޯޓުތަކަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
އޭގެ އިތުރުން އައްޑޫ ސިޓީ ހުޅުމީދޫގައި މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ ރަށު ވަލުތެރެ ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 100 ރަބަރު ޕެކެޓު ހޯދާފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.



advertisment