Support Us

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވަނީ -ފޮޓޯ: ރައީސް އޮފީސް

ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ހޮވި ވަޑައިގަންނަވާފައިވާ، ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝާހިދަށް ލިބިވަޑައިގެންނެވި މި ކާމިޔާބީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެފައެވެ. އަދި މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަޚުރަކާއި ޝަރަފެއްކަން ފާހަގަކުރައްވައި، މިއީ ޚާރިޖީ ދާއިރާގައި ދިވެހިސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ދުނިޔެ ބަލައިގަންނަ ކަމުގެ ހެއްކެއްކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ ޝާހިދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް ފުރިހަމައަށް ތަންފީޒުކޮށްދެއްވަމުން ގެންދަވާކަން ފާހަގަަކުރައްވާފައެވެ. ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ ޝާހިދު އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވެ، މިނިސްޓަރ ޝާހިދުގެ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް އެމަނިކުފާނު ވާދަކުރެއްވުމަށް އެފުރުޞަތު ދެއްވައި އެ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކޮށްދެއްވި މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެ ނިކަމެތިވެފައިކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއަށް މިފަހަރު މި ކާމިޔާބީ ލިބުނީ ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެން ބައިނަލްއަޤްވާމީ މުޖުތަމަޢާއި އަލުން ގުޅުންބަދަހިކުރައްވައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު އަލުން ހޯއްދަވައި ކުރެއްވި ގިނަގުނަ މަސައްކަތްތަކުގެ ސަބަބުން ކަމުގައެވެ. މި ކާމިޔާބީއަކީ 1965 ވަނަ އަހަރު ރާއްޖެ މިނިވަން ދަޢުލަތެއްގެ ގޮތުގައި ޤާއިމްވުމަށްފަހު ޚާރިޖީ ދާއިރާއިން ލިބިގެންދިޔަ އެންމެބޮޑު އެއް ކާމިޔާބީކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން ރާއްޖެއަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވައި ކުރިއެރުން ގެނެސްދެއްވުމަށް އެމަނިކުފާނު މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް