Support Us

ކުޅުދުއްފުށީ ސިޓީ ކައުންސިލާ އޮންލައިންކޮށް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް

ކައުންސިލުތަކުން ބޭނުންވާ އެހީތެރިކަން ދިނުމަށް ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ތައްޔާރަށް އޮންނާނެ: ރައީސް

 

ކައުންސިލުތަކަށް ލާމަރުކަޒީ ޤާނޫނުން ކައުންސިލުތަކަށް ޤާނޫނުން ގިނަ ބާރުތަކެއް ލިބި، ބައެއް ޕްރޮޖެކްޓްތައް ކައުންސިލުތަކުން އަމިއްލައަށް ހިންގޭ ގޮތަށް އޮތްނަމަވެސް ކައުންސިލުތަކުން ބޭނުންވާ އެހީތެރިކަން ދިނުމަށް މައި ސަރުކާރުގެ އިދާރާތަކުން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު އޮންލައިންކޮށް އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ކައުންސިލުތަކަށް ދިނުމުގައި ދެމި އޮންނާނެ ކަމަށާއި ބޭނުންވަނީ މުޅި ނިޒާމު ކާމިޔާބުކަމާއެކު ހިނގައި ކުރިޔަށްދިއުން ކަމަށެވެ.

ސަރުކާރުން ހިންގަވަން ހަމަޖެހިފައިވާ 1.5 ބިލިޔަން ރުފިޔާގެ ހައުސިންގ މަޝްރޫޢުގެ ތެރެއިން ވެސް ކުޅުދުއްފުށި ސިޓީ ފަދަ ބޯހިޔާވަހިކަމަށް ބޮޑަށް ބޭނުން ޖެހިފައިވާ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެ ހެންމެ ގެދޮރުވެރިޔާ ލޯނު ސްކީމަށް މިހާރު ކަނޑައަޅާފައިވާ ޢަދަދު އިތުރުކުރުމާއި މިހާރު އެންމެ ބޮޑުކޮށް ޕްރޮޖެކްޓަކަށް ދޫކުރާ ޢަދަދު 700,000 އަށްވުރެ އިތުރު ކުރެއްވުމަށް ވިސްނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ ވަނީ މިހާރުވެސް އެސިޓީގައި ގެދޮރުގެ ދަތިކަން ކުރިމަތިވެ 1،200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި ތިބިކަން ފާހަގަކުރައްވާފައެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ޚާއްޞަކޮށް މިހާރު ކުރިޔަށްގެންދާ ގެދޮރުވެރިޔާ ލޯނަކީ އޭގެ ސަބަބުން އެސިޓީއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި އެ ސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ހިންގުމުގެ މުހިންމުކަން ވެސް މޭޔަރ  ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިންގއެއްގެ މަސައްކަތް އަލުން މި ސަރުކާރުން ފަށައިގެން މިހާރު ދަނީ ކުރިޔަށްގެންދަމުންނެވެ. އަދި މީގެ އިތުރުން ކުރިން ނުނިމި ހުރި 40 ހައުސިންގއެއްގެ ފިނިޝިންގެ މަސައްކަތްތައް މި ސަރުކާރުން ނިންމަވާ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ލުއިކަމެއް ގެނެސްދީފައިވެއެވެ.

މި ބައްދަލުވުމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތައް ތަޢާރަފްކުރުމާއި ޚިދުމަތްތަކުގެ ފެންވަރުގެ މަތިކުރުމުގެ ގޮތުން މިހާރު ކުރިޔަށްދާ އެކްސްޕޭންޝަންގެ މަސައްކަތްތަކާއެކު ޞިއްޙީ ދާއިރާއަށް އަންނަމުންދާ ހެޔޮ ބަދަލުތައް ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތާބެހޭ ގޮތުންވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލުގެ ޕްރޮޖެކްޓާ ގުޅޭ ފަހުގެ މައުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެކްސްޕޭންޝަންގެ ގިނަ ޕްރޮޖެކްޓްތަކެއް މިހާރު ކުރިޔަށްދާއިރު ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރ އަށް ހުޅުވާލުމުގެ މަރުޙަލާގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިޔަށްދާތީ އެކަން ފާހަގަ ކުރައްވާފައެވެ. އަދި މަގުހެދުމުގެ ޕްރޮޖެކްޓްގެ ތެރޭގައި ފަޔަރ ހައިޑްރަންޓް އަދި ޑީވޯޓަރިން ހިމަނައިދިނުމަށާއި ބައެއް މަގުތައް ގުޅުވާލުމަށް ސިޓީ ކައުންސިލުން އެދުނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޓީ ކައުންސިލުން އެދޭ ބަދަލުތައް ގެންނެވުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. ސަރުކާރުން މިހާރު މަގުހެދުމުގެ މަޝްރޫޢުތައް ކުރިޔަށްގެންދަވަނީ މަގުތަކަށް އަވަސްއަވަހަށް ބަދަލު ގެންނަން ނުޖެހޭގޮތަށް ޑްރެއިނޭޖް ސިސްޓަމާއި އެނޫންވެސް މަގާ ގުޅިފައިވާ ކަންކަން ހިމެނޭގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ކަންކަމުގެ އިތުރުންވެސް ސިޓީ ކައުންސިލުން ވަނީ އެސިޓީގައި ގިނަދުވަސްވެ ޖަމާވެފައިވާ ކުނިފުނިތައް ސަރުކާރުގެ އެހީތެރިކަމާއެކު ނަގައި ކުނީގެ މައްސަލައަށް މިހާރު ހެޔޮ ބަދަލެއް ގެނެވިފައިވާތީ އެކަން ފާހަގަކުރައްވާފައެވެ. އަދި ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި އިންތިޒާމެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ސިޓީ ކައުންސިލަށް ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުގެ މައްސަލައާއި އަދި އެއާޕޯޓު ހިމެނޭ ސަރަޙައްދުގެ ސީވޯލްގެ މަސައްކަތާއި ލައިޓް ހަރުކުރުމާއި އަދިވެސް އެއާޕޯޓާއި ގުޅިގެން ބޭނުންވާ ބައެއް އިންތިޒާމުތައް ހަމަޖެއްސުމާއި އަދި ކުޅުދުއްފުށީ ޕޯޓަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް